ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-D2/CIR/2023/17 (28 ޑިސެންބަރު 2023) ސަރކިއުލަރއިން، ދައުލަތުގެ ބަޖެޓުން އަދި އެހެނިހެން ޕްރޮޖެކްޓްތަކުން އެ މިނިސްޓްރީ މެދުވެރިކޮށް މުސާރަދޭ މުވައްޒަފުންގެ ދަފްތަރެއް "ޕޭރޯލް ރެޖިސްޓްރީ" އެކުލަވާލައި، މުސާރަދޭ މުވައްޒަފުންގެ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އާންމުކޮށްފައިވެއެވެ. އަދި، މި މަސައްކަތުގެ ފުރަތަމަ މަރުޙަލާގައި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފުންނަށް، 2024 ފެބުރުވަރީ މަހުން ފެށިގެން މުސާރަދިނުމަށް ހަމަޖެހިފައިވަނީ ޕޭރޯލް ރެޖިސްޓްރީގައިވާ މަޢުލޫމާތު ކަށަވަރުކޮށްގެންކަމުގައި ވެސް އެ މިނިސްޓްރީއިންވަނީ ޢާންމުކޮށްފައެވެ.
މި ގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއާބެހޭ މަސައްކަތްތައް ކުރުމަށާއި، ވަޒީފާއާބެހޭ މަޢުލޫމާތު ބެލެހެއްޓުމަށް ކޮމިޝަނުން ބޭނުންކުރަމުންދާ ސޮފްޓްވެއަރ ސީއެސްވިއުގައާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޕޭރޯލް ރެޖިސްޓްރީ ގުޅުވާލުމާ ގުޅިގެން އިދާރާތަކުން މުވައްޒަފުންގެ މަޢުލޫމާތުގެ ސައްޙަކަން އަޅާކިއުމަށް ޓަކައި، އަދި މަޢުލޫމާތު ކަށަވަރުކުރުމަށް ޓަކައި ބޭނުންކުރުމަށް "ޕޭ ކޮންފްލިކްޓް ރިޕޯޓް" އަދި "ކޮންފްލިކްޓް ރިޕޯޓް" ސީއެސްވިއުގައިން ނެގޭނެގޮތް ހަމަޖައްސާފައިވާކަމުގައި ދެންނެވީމެވެ. "ޕޭ ކޮންފްލިކްޓް ރިޕޯޓް" އިން ސީއެސްވިއުގައާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޕޭރޯލް ސިސްޓަމްގެ މައުލޫމާތު އަޅާކިއުމަށް ފަހު، އެ މުވައްޒަފު ސީއެސްވިއުގައިގައި ނެތް ނަމަ، އެ މުވައްޒަފުގެ މަޢުލޫމާތު ފެންނަން ހުންނާނެއެވެ. "ކޮންފްލިކްޓް ރިޕޯޓް" އިން ސީއެސްވިއުގައާއި މިނިސްޓްރީ އޮފް ފިނޭންސްގެ ޕޭރޯލް ސިސްޓަމްގެ މައުލޫމާތު އަޅާކިއުމަށް ފަހު، މުވައްޒަފުންގެ މަޢުލޫމާތުތަކުގެ ތެރެއިން ފުށުއަރާ ވަކިވަކި މުވައްޒަފުންގެ މަޢުލޫމާތު ފެންނާނެއެވެ.
ވުމާއެކު، މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް އެއްވެސް މައްސަލައެއްނެތި ލިބޭނެގޮތް ހަމަޖެއްސުމަށް ޓަކައި، "ޕޭ ކޮންފްލިކްޓް ރިޕޯޓް" އަދި "ކޮންފްލިކްޓް ރިޕޯޓް" ބެލުމަށް ފަހު، ފުށުއަރާ މަޢުލޫމާތައް 2024 ފެބްރުވަރީ 25 ވަނަ ދުވަހުގެ ކުރިން އިސްލާހުކުރެއްވުން އެދި ދެންނެވީމެވެ. މި ސަރކިއުލަރއާއެކު މި މަސައްކަތްކުރުމަށް ބޭނުންވާ ޔޫސަރ މެނުއަލް އެއްކަރުދާސްކޮށްފައިވާނެތީ، ޔޫސަރ މެނުއަލްގައިވާ ގޮތުގެމަތިން މަޢުލޫމާތު އަޅާކިއުމަށް ފަހު، އިސްލާހުކުރަންޖެހޭ މަޢުލޫމާތެއްވާ ނަމަ، އިސްލާހުކުރުމަށް ޓަކައި މި ކޮމިޝަނަށް ފޮނުއްވުމަށް ދެންނެވީމެވެ.