ދިވެހިރާއްޖެ
(IUL)38-DC/38/2024/127 :ނަންބަރު
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024
ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލުން
2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަށް ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް މިއަދު ޢާންމުކޮށްފީމެވެ. އެހެންކަމުން މި ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ލިސްޓުގައިވާ ފަރާތްތަކަށް އެކަންޏެވެ.
ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް (ރީ-ރަޖިސްޓަރީވުމަށް) ހުށަހެޅުން
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް https://form.elections.gov.mv އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެއެވެ.
އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުށަހެޅުން
ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާއިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ.
ރީ-ރަޖިސްޓްރޭޝަން ކުރުމަށް އީފާސް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެނި ވެރިފައިޑް އީފާސް އެކައުންޓަކުންނެވެ. މިގޮތަށް ހުށަހަޅާއިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ދެފުށުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެއެވެ.
މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީ ކުރުން ކުރިޔަށްދާނީ 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2024 ފެބުރުވަރީ 15 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށްށެވެ. އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ބެހެއްޓިފައިވާ ކައުންޓަރުތަކުން އޮންލައިންކޮށް ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ.
އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަށް ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާނީ މިހާރުވެސް ރަޖިސްޓަރީވެފައިވާ ތަނަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.