ޢާންމު މަޢުލޫމާތު
ނަންބަރު: 220-ED/CIR/2015/03
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 16:07
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ކުންފުނީގެ އަހަރީފީ ދެއްކުމަށް ސަމާލުވުން

ކުންފުނީގެ އަހަރީފީ ދެއްކުމަށް ސަމާލުވުން

ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން ކުންފުނިތަކުގެ އަހަރީ ފީ ދައްކަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ ކޮންމެ އަހަރެއްގެވެސް 31 މާރިޗު އެވެ. ދެންނެވުނު ތާރީޚަށް ފައިސާ ނުދައްކާ ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޖޫރިމަނާ ވާނެއެވެ. ނަމަވެސް މި ތާރީޚު (31 މާރިޗު) ގެ ކުރީން އުވާލުމަށް ހުށަހަޅައިފައިވާ ކުންފުނިތަކުން އެ އަހަރުގެ އަހަރީ ފީ ދެއްކުން ލާޒިމެއްނުވެއެވެ. އަދި ކުންފުނި އުވާލަން ހުށަހަޅައިފައިވަނީ އެ އަހަރުގެ 31 މާރިޗުގެ ފަހުން ކަމުގައިވާނަމަ އެ އަހަރަށް އެ ކުންފުންޏަކުން އަހަރީ ފީ ދައްކަންޖެހޭ ކަމުގައި ދަންނަވަމެވެ.

ވީމާ، 2015 ވަނަ އަހަރުގެ ކުންފުނި އަހަރީ ފީ މިހާތަނަށް ދައްކައިފައިނުވާ ކުންފުނިތަކުން، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ 7 ވަނަ މާއްދައިގެ ދަށުން 31 މާރިޗު 2015 ގެ ނިޔަލަށް ފައިސާ ދައްކަވައި ޚަލާޞް ކުރެއްވުމަށް ދަންނަވަމެވެ. އަދި އެ ތާރީޚުގެ ނިޔަލަށް ފައިސާ ނުދައްކާ ކުންފުނިތަކާމެދު ދެންނެވުނު ޤާނޫނުގެ 7 ވަނަ މާއްދައިގެ (ށ) ގެ ދަށުން ޢަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވައި، ކުންފުނި އަހަރީ ފީގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށްޓަކައި، މި އޮތޯރިޓީގެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައިވެސް ދެންނެވީމެވެ.

19 ޖުމާދަލްއޫލާ 1436

10 މާރިޗު 2015