ޢާންމު މަޢުލޫމާތު
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 22 މާރިޗު 2015 14:30
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮއްވަވާ 3 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ދެވޭ ނޯޓިސް

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުން ހޮއްވަވާ3 ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމަށް ދެވޭ ނޯޓިސް

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހިންގާ ޤަވާއިދުގައިވާ ގޮތުގެ މަތީން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކުރާ ޑިރެކްޓަރުންގެ ތެރެއިން 3 ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުންގެ ތެރެއިން އިންތިޚާބު ކުރާ ޑިރެކްޓަރުންނެވެ.

ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް މިއަދުން ފެށިގެން 22 މާރިޗު 2015 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑް އޮފީހުގެ 6 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓުން ބަލައިގަންނަމުންދާނެއެވެ.

މި މަޤާމަށް ކުރިމަތި ލެއްެވޭނީ، ދިވެހިރާއްޖޭގެ ބޭންކިންގއާބޭހޭ ޤާނޫނު (ޤާނޫނު ނަންބަރު  (24/2010 ގެ 15 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޢުމުރުން 30 އަހަރާއި 70 އަހަރާއި ދެމެދުގެ ބޭފުޅުންނަށެވެ. އަދި ބޭންކުގެ ހިންގާ ގަވާއިދުގެ 53 ވަނަ މާއްދާގައި ޑިރެކްޓަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތައް ފުރިހަމަ ވާ ފަރާތްތަކަށެވެ. މި ޝަރުޠުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

ހ) ބޭންކިންގ އާއި މާލީ ޚިދުމަތްތަކާއި އާންމުގޮތެއްގައި އިންވެސްޓްމެންޓް ވިޔަފާރިއާއި ޚާއްޞަކޮށް ކުންފުންޏަށް ކުރިމަތިވެފައިވާ މާކެޓް ނުވަތަ އެހެން ރިސްކްތަކާބެހޭ އެކަށީގެންވާ ހޭލުންތެރިކަމާއި، މަޢުލޫމާތު ލިބިގެންވާ ފަރާތެއް ކަމުގައިވުން.

ށ) އެންމެ މަތީ ދަރަޖައަކަށް އަމިއްލަ އަޚުލާޤާއި މަސައްކަތުގެ އަޚުލާޤާއި، ހަރުދަނާކަމާއި ރަނގަޅު އުސޫލުތަކެއް ލިބިގެންވާ، އަދި ކުންފުނީގެ އެންމެހައި ހިއްސާދާރުންގެ ދިގުރާސްތާގެ މަޞްލަޙަތުތައް ތަމްސީލު ކޮށްދިނުމުގައި މަސައްކަތް ކޮށްދޭ ފަރާތެއްކަމުގައިވުން.

ނ) ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުމަށް ޤާނޫނަކުން ނުވަތަ ޝަރުޢީ ކޯޓަކުން މަނާކުރެވިފައިނުވާ، ނޫނީ ޝަރުޠު ފުރިހަމަ ނުވާ ފަރާތެއް ކަމުގައި ނުވުން.

ރ) ބަނގުރޫޓުވެފައިވާ ފަރާތެއްކަމުގައި ނުވުމާއި ދިވެހިރާއްޖޭގައި ނުވަތަ އެހެން އެއްވެސް ޤައުމެއްގައި އަދާނުކުރެވިވާ ސާބިތު ދަރަންޏެއްވާ ފަރާތެއްކަމުގައި ނުވުން.

ބ) ވައްކަމާއި، މަކަރާއި، ހީލަތާއި، ޚިޔާނާތާއި، ފައިސާގެ ކަމެއްގައި މަކަރުހަދާފައިވާ ނުވަތަ އަމާނާތްތެރިކަން ގެއްލިފައިވާ ނުވަތަ ޑިރެކްޓަރެއްގެ ޒިންމާތައް އަދާކުރުމަށް ނޭދެވޭ އަސަރު ކޮށްފާނެކަމަށް ބެލެވޭ އެނޫންވެސް ކުށެއް ސާބިތުވެފައިވާ ފަރާތެއްކަމުގައި ނުވުން.

ޅ) ޑިރެކްޓަރަކަށް އޭނާގެ ނަން ހުށަހެޅޭ ތާރީޚުން ފެށިގެން ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ބަނގުރޫޓުވެފައިވާ ނުވަތަ ދައްކަންޖެހޭ ދަރަންޏެއް ދެއްކިފައި ނުވާ، ދަރަނިތައް އަދާނުކުރެވޭ ޙާލަތުގައި އޮތް ނުވަތަ ސާބިތު ދަރަންޏެއް ދެއްކިފައި ނުވާތާ 01 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުންޏެއްގެ ޑިރެކްޓަރެއްކަމުގައި ނޫނީ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ހިއްސާ ލިބިގެންވާ ހިއްސާދާރެއްކަމުގައި ނުވުން.

ކ) ޑިރެކްޓަރުންގެ ބޯޑުގެ ނަޒަރުގައި، އޭނާ ޑިރެކްޓަރެއްގެ މަޤާމު ފުރިހަމައަށް އަދާކުރުމުގައި އަސަރުކޮށްފާނެ ފަދަ، ކުންފުނީގެ ފަރާތުން ބައިވެރިވާ ނުވަތަ ބައިވެރިވެދާނެ ކޮންޓްރެކްޓެއްގައި ސީދާ ނުވަތަ ނުސީދާ ގޮތުން މަޞްލަޙަތެއް ހިމެނޭ ފަރާތެއް ކަމުގައި ނުވުން. އަދި

އ) ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ނުވަތަ ކެބިނެޓްގެ މަޤާމެއްގައި ހުރި ސަރުކާރުގެ މުވައްޒަފަކު ކަމުގައި ނުވުން.

 މީގެ އިތުރަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އެކުލަވައިލާފައިވާ ކޯޕަރޭޓް ގަވަރނަންސް ކޯޑުގެ 1.1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތިރީގައިމިވާ ޝަރުތުތައް ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ކިބައިގައި ހުންނަން ވާނެއެވެ.

* ކޮންމެ ޑިރެކްޓަރަކީވެސް އެމަޤާމުގެ މަސްއޫލިއްޔަތު އުފުލޭފަދަ ޤާބިލްކަން ހުރިމީހަކު ކަމުގައި ވާންވާނެއެވެ. (ޤާބިލްކަން ވަޒަންކުރުމުގައި މަސައްކަތުގެ ދާއިރާގައި ކުރިން ހޯދައިފައިވާ ތަޖްރިބާއަށްވެސް ބެލިދާނެއެވެ.)

* ފަންނީގޮތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ މުޢާމަލާތްތަކުގައި ތެދުވެރި އަމާނާތްތެރިޔަކުކަމުގައިވުން.

* ކަންކަމުގައި އެންމެ ރަނގަޅު ނިންމުންތައް ޚިޔާރުކުރުމަށް ބޭނުންވާ ޙިކްމަތްތެރިކަމާއި ޤާބިލުކަން ހުރުން.

* މާލީ ރިޕޯޓްތައް ކިޔައި، ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވުން.

* ކުންފުނީގެ މެނޭޖްމަންޓް ހަރުދަނާކުރުމުގައި އެހީތެރިވެވޭނެފަދަ ތަރުޖިބާއާއި ނަތީޖާ، ވިޔަފާރީގެ ދާއިރާގައި ހާސިލުކޮށްފައިވުން.

* އެހެން މީހުންނާއެކު ކުރެވޭ މުޢާމަލާތުތަކުގައި ޒިންމާދާރުގޮތެއްގައި، ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވާ މީހަކު ކަމުގައިވުން.

* ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް، ކުންފުނީގެ މުވައްޒަފުންނާއި މުޢާމަލާތުކޮށް މަޝްވަރާކުރުމުގެ ޤާބިލުކަން ލިބިފައިވުން.

* ތަފާތު ފަންނުތަކާއި ތަޖުރިބާތަކުގެ ރިކޯޑެއް އޮތުމާއި ކުންފުނީގެ ކުރިމަގާމެދު ސްޓްރެޓެޖިކްކޮށް އަދި މުސްތަޤުބަލަށް ރިޢާޔަތްކޮށް، ވިސްނުން ބެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތަކަށްވުން.

ވީމާ، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުށަހަޅާފޯމާއި، އެފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑް އޮފީހުގެ 06 ވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް 22 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މިފޯމު ލިބިވަޑައިގަންނަވާނީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑް އޮފީހުގެ ކޯޕަރޭޓް އެފެއާޒް ޔުނިޓުންނާއި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިންނެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015