ދިވެހިރާއްޖެ
މަޤާމް :ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރުން ޢައްޔަނުކުރުން | |
---|---|
ބޭނުންވާ އަދަދު :2 | |
އިޢުލާން ޤައުމީ ޔުނިވަރސިޓީގެ ކައުންސިލަށް މެންބަރުން ޢައްޔަނުކުރުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ރާއްޖޭގެ އެންމެ ފުރިހަމަ ތަޢުލީމީ މަރުކަޒުކަމުގައާއި ސަރަޙައްދުގެވެސް އެންމެ ރަނގަޅު މިފަދަ ތަންތަނުގައި ތެރޭގައި ހިމެނުމަށް މަސައްކަތް ކުރާ މަރުކަޒެކެވެ. ކައުންސިލަކީ، ޔުނިވަރސިޓީ ހިންގާ އެންމެ އިސް މަޖިލީހެވެ. މި މަޖިލީހުގައި ޔުނިވަރސިޓީއިން ބޭރުގެ 8 މެންބަރުން ހިމެނެއެވެ. ތިރީގައިވާ ދާއިރާތަކުން، މިހާރު ތިއްބެވި މެންބަރުންގެ މުއްދަތު ހަމަވެފައިވާތީ، އައު މެންބަރުން ޢައްޔަނުކުރުމަށް އަންނަނިވި ދާއިރާތައް ފުޅާކޮށް ތަފްސީރުކުރައްވައި، ކައުންސިލްގައި ބައިވެރިވާން ބޭނުންވާފުޅުވާ ފަރާތްޕުޅުތަކުން ކުރިމަތިލެއްވުން އެދެމެވެ. 1. ޝަރީޢަތާއި ޤާނޫނު 2. އެންވަޔަރަމަންޓް އާއި ސައިންސް. 3. އިސްލާމީ ތަޢުލީމު، ދިވެހިބަހާއި ސަގާފަތް މެންބަރުކަމުގެ ޢިނާޔަތްތައް ގިނަ މީހުން ކައުންސިލްގައި ބައިވެރިވާން ބޭނުންވަނީ، އެހެން މީހުންނަށް އެހީތެރިވެދިނުމާއި، މުޖުތަމަޢުގައި ޙަރަކާތްތެރިވެ އުޅުމަކީ، މީހުންގެ ކިބައިގައި ހުންނަ ހިތަށް ފަހިކަން ގެނެސްދޭ ޠަބީޢީ ސިފައަކަށް ވާތީއެވެ. މިފަދަ ކައުންސިލެއްގައި ބައިވެރިވުން، ތިމާއަށް ލިބިފައިވާ ހުނަރާއި ޤާބިލްކަން، މުޖުތަމަޢުގެ ކުރިއެރުމަށާއި ރައްޔިތުންގެ ތަހުޒީބަށް ޙިއްޞާކުރުމުގެ ފުރުޞަތަކަށް ވެއެވެ. އަދި އެކި ފަރާތްތަކާ ގުޅުންތައް ޤާއިމްކޮށް، އެކި މައްސަލަތަކާ ވިސްނާ ފިކުރު ފާގަތިވާ ކަމަކަށް ވެސް ވެއެވެ. ކައުންސިލްގެ މެންބަރަކަށް ވުމުން، ހާޒިރުވާ ކޮންމެ ޖަލްސާއަކަށް، އެއީ ސަބްކޮމިޓީގެ ޖަލްސާއެއް ކަމުގައި ވިއަސް، އެއް ހާސްރުފިޔާގެ ރަމްޒީ ޢިނާޔަތެއް ދެވެއެވެ. އަދި ޔުނިވަރސިޓީގެ ލައިބްރަރީތަކުގެ މެންބަރަކަށް ވެސް ވެވެއެވެ. ކައުންސިލްގެ ހުރިހާ މެންބަރުންނަކީ، ޔުނިވަރސިޓީގެ މެންބަރުންނެވެ. މެންބަރުކަމުގެ ޝަރުޠު މެންބަރުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ޢުމުރުން 18 އަހަރުވުމާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައި ނުވާ މީހެއް ކަމުގައި ވުމާއި، ޔުނިވަރސިޓީގެ ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތު އަދި މަސައްކަތުގެ އަޚްލާޤް ހުރި މީހަކު ކަމުގައިވުމާއި ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން ހިމެނެއެވެ. މަތީގައިވާ ކަންކަމުގެ އިތުރަށް، ޔުނިވަރސިޓީގެ ދާއިމީ މުވައްޒަފަކާ އާއިލީ ގުޅުމެއް ނެތުމާއި ވާދަވެރި އެހެން ޔުނިވަރސިޓީ/ކޮލެޖަކަށް ނިސްބަތް ނުވުން މުހިއްމެވެ. އިތުރު ތަފްޞީލްތައް ޔުނިވަރިސިޓީ ޤާނޫނުގެ ދެވަނަ އިޞްލާޙްގެ 12 ވަނަ މާއްދާގައި ވެއެވެ. މި ޤާނޫނުގެ އެންމެ ފަހުގެ ދެލިކޮޕީއެއް ބޭނުންފުޅުނަމަ، ތިރީގައިވާ އީމެއިލް މެދުވެރިކޮށް އެދިވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. ކުރިމަތިލާނޭ ގޮތް ކުރިމަތިލުމަށް ހައްދަވާނޭ ގޮތަކީ، ސޮއިކުރައްވާފައިވާ ސީވީ އަކާ އެކު، އެކަމަށް އެދި [email protected] އަށް އީމެއިލް ކުރައްވާނީ އެވެ. މި އީމެއިލް ފޮނުއްވާނީ، 26 އޮކްޓޯބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 2:00 މފ ގެ ކުރީންނެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3345126 އާ އެވެ. ޢައްޔަނުކުރުން ޔުނިވަރސިޓީ ޤާނޫނު ބުނަނީ ޔުނިވަރސިޓީއިން ބޭރުގެ މެންބަރުން ޢައްޔަނުކުރާނީ މަތީ ތަޢުލީމަށް ސަރުކާރުން ޒިންމާވާ ވަޒީރު ކަމަށެވެ. މެންބަރުންގެ ގޮތުގައި ވަޒީރު ޢައްޔަނުކުރާނީ، ޔުނިވަރސިޓީގެ ޗާންސެލަރ އެކުލަވައިލާ ކޮމިޓީއަކުން ކުރިމަތިލި ފަރާތްތަކުން ހޮވާލާ ކުރު ލިސްޓެއްގެ ތެރެއިންނެވެ. މި ކުރު ލިސްޓްގައި ހިމަނަން ޖެހެނީ، ކޮންމެ ދާއިރާއަކުން ދެ ނަމެވެ. 30 ރަބީޢުލްއައްވަލް 1445 15 އޮކްޓޫބަރު 2023
|