ދިވެހިރާއްޖެ
މި އިޢުލާންވަނީ 25 ސެޕްޓެންބަރު 2023 10:32 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ބާރު އެޅުއްވުމަށާއި، ޓްރެފިކާ ގުޅޭ އުސޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 17 ނޮވެންބަރު 2018 އިން ފެށިގެން 5 ސެޕްޓެންބަރު 2023 ގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މަޢާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، މިއަދުން ފެށިގެން 25 އޮކްޓޯބަރު 2023 ގެ ނިޔަލަށް މި މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.
ޖޫރިމަނާ މަޢާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާޢީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަރުމާކޮށް ކަނޑައަޅާ 20 (ވިހި) ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމުގައި ވެސް ދަންނަވަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން މަޢާފުކުރެވިގެންދާ ޖޫރިމަނާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ ލައިސަންސް އާ ގުޅޭ ޖޫރިމަނާ އާއި ގަވާއިދާ ޚިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ އާއި އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ އާއި ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާ އެވެ. މަޢާފުކުރެވޭ ޖޫރިމަނާގެ ބާވަތްތަކާ ގުޅޭ އިތުރު ތަފުސީލު މި އިޢުލާނާއެކު ވަކިން ހިމަނާފައިވާނެއެވެ.
ވުމާއެކު، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
____
ޕޮޕް-އަޕް މެސެޖް
ޓްރެފިކާ ގުޅޭ އުސޫލުތަކާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ އަށް ލުޔެއް ދެއްވައި، ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ ޖޫރިމަނާ މަޢާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމުގެ ދަށުން، މަޢާފުކުރެވިގެން ދާނީ 17 ނޮވެންބަރު 2018 އިން ފެށިގެން 5 ސެޕްޓެންބަރު 2023 ގެ ނިޔަލަށް ކުރެވިފައިވާ ޖޫރިމަނާ ކަމުގައި ދަންނަވަމެވެ. އަދި ޖޫރިމަނާ މަޢާފުކުރެވޭނީ 25 އޮކްޓޯބަރު 2023 ގެ ނިޔަލަށް މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކަނޑައަޅާ 20 (ވިހި) ގަޑިއިރުގެ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމުގައި ވެސް ދަންނަވަމެވެ.