ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ECAS/1/2015/8
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 19:03
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފެހިފަތް އިނާމަށް ނަންހުށަހެޅުން

ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ފެހިފަތް" އިނާމަށް ނަންހުށަހެޅުން 2015                                                              

މިއިނާމަކީ ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެކެވެ. ފެހިފަތް ދިނުމުގެ މައިގަނޑު މަގުސަދަކީ އެކިގޮތް ގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެކިމަސައްކަތްކޮށްފައިވާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ހިތްވަރު ދިނުމެވެ. އަދި މިހާރު ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ރަށާއި އަތޮޅު، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅައި، މިހާރު ތިމާވެށްޓަށް އެކިގޮތްގޮތުން ޚިދުމަތް ކުރާ ފަރާތްތައް އެގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުމެވެ. މީގެ އިތުރުން ތިމާވެށީގެ ދާއިރާއިން މަސައްކަތް ކުރާ ފަރާތްތައް އިތުރުކޮށް، އަލަށް ނުކުންނަ ފަރާތްތަކުގެ މަސައްކަތްތައް ހަރުދަނާކުރުމެވެ.

ފެހިފަތް ދިނުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤުވާމީ ތިމާވެށި ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެއްގެ ގޮތުގައެވެ. ތިމާވެށީގެ ދާއިރާއިން އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުން "ފެހިފަތް" އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 22 ފެބުރުވަރީ 2015 ން 10 އެޕްރީލް 2015 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މިއިނާމަށް ކުރިމަތިލެވޭނެ ފަރާތްތައް

  • އަމިއްލަ ފަރާތްތައް/ ވަކިވަކި ފަރުދުން
  • ޖަމްޢިއްޔާ ޖަމާޢަތްތައް
  • ވިޔަފާރިތައް
  • ސަރުކާރުގެ މުއައްސަސާތައް
  • ސްކޫލްތައް/ ކޮލެޖްތައް/ ޔުނިވަރސިޓީތައް

މިއިނާމަށް ކުރިމަތިލުމުގެ ގޮތުން އަމިއްލަ ނަން ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅިދާނެއެވެ.

ކުރިމަތިލެވޭ ދާއިރާތައް

  • ވޭސްޓް މެނޭޖްމަންޓް
  • ވޯޓަރ ކޮންޒަރވޭޝަން އެންޑް މެނޭޖްމަންޓް
  • ހޭޅިފަށް ގޮނޑުދޮށް ޙިމާޔަތް ކުރުން
  • ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުން
  • އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުން
  • މުޖުތަމަޢަށް ފައިދާ ކުރުވަނިވި މިންވަރަކަށް ގަސް އިންދައި ފޯރުކޮށްދިނުން
  • ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން
  • ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރި ކުރުން
  • ތިމާވެށީގެ ދާއިރާއިން ރިސަރޗް ކުރުން

މީގެ އިތުރުންވެސް އެހެނިހެން ދާއިރާތަކުން ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެކި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް ފެހިފަތް އިނާމަށް ނަން ހުށަހެޅިދާނެއެވެ.

ތިމާވެށީގެ ދާއިރާއިން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުއްވުން.

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގައި އަންނަނިވި ކަންކަމަށް ސަމާލުވާން ޖެހޭނެއެވެ.

  • މިއިނާމަށް ނަން ހުށަހަޅާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށެވެ. އަދި ނަން ހުށަހަޅާ ފަރާތްތަކުން، "ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފޯމު" ފުރިހަމަ ކުރުމަށްފަހު، މިފޯމާއެކު ތިމާވެށީގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތައް ސާބިތުކޮށްދެވޭނެ ފަދަ ހެކި ހުށަހަޅުއްވަންޖެހޭނެއެވެ.
  • ފޯމު ހުށަހަޅުއްވާއިރު ފޯމު ހުށަހަޅުއްވާ ސިޓީ އުރައިގެބޭރުގައި "ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފޯމު" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އީމެއިލް ސަބްޖެކްޓް ބައިގައި "Fehifai Award Nomination form" މިހެން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިނާމަށް ނަން ހުށަހަޅުއްވާ ހުރިހާ  ފަރާތްތަކަކުންވެސް މިފޯމު ފުރިހަމަކުރެއްވުމަށްފަހު މިއަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހަޅުއްވަންޖެހޭނެއެވެ.
  • ފޯމުހުށަހެޅުއްވުމުގައި ފޯމު އޮންލައިންކޮށް [email protected] އަށް ހުށަހެޅުއްވުމަކީ މިމިނިސްޓްރީގެ އެދުމެކެވެ. އޮންލައިންކޮށް ހުށަހެޅުމަށް ދަތިފުޅުވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ކައުންޓަރަށް ފޯމު ހުށަހެޅުއްވިދާނެއެވެ. އަދި ފެކްސް ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފެކްސް ނަންބަރު 3018301 އަށް ފެކްސް ކުރެވިދާނެއެވެ.
  • ފެހިފަތް އިނާމަށް ހުށަހަޅާ މަސައްކަތުގެ ޚުލާޞާއެއް މިފޯމާއެކު ހުށަހަޅަންވާނެއެވެ.
  • އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް މިނިސްޓްރީއަށް ލިބުންކަން ޔަގީން ކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގައި ހުށަހަޅަންޖެހޭ ތަކެތި

  • ފޯމުގައިވާ އަދި ފޯރމާއިއެކު ހުށަހަޅާ މަޢުލޫމާތަކީ ތެދުމަޢުލޫމާތަށް ވާންވާނެއެވެ. އަދި މީގެ އިތުރުން މަޢުލޫމާތުގެ ޞައްޙަކަން ސާބިތު ކުރުމަށް ބޭނުންވާ ލިޔުންތަށް މިފޯމާއެކު ހުށަހަޅަން ވާނެއެވެ.
  • ފެހިފަތް އިނާމަށް ހުށަހަޅާ މަސައްކަތުގެ ޚުލާޞާއެއް ފޯމުއާއެކު ހުށަހަޅަންވާނެއެވެ.
  • ހުށަހެޅިފައިވާ މަސައްކަތް ކުރިކަން ސާބިތުކުރެވޭ ފަދަ ދެހެކިންގެ ނަން ސާބިތު ކުރުމަށް ބޭނުންވާ ލިޔުންތަކުގައި ހިމަނަން ވާނެއެވެ.
  • ޖަމްޢިއްޔާ ޖަމާޢަތްތަކުން އެހެން ޖަމްޢިއްޔާ ޖަމާޢަތެއްގެ ނަން ހުށަހަޅުއްވާނަމަ އެހުށަހަޅާ ޖަމްޢިއްޔާ ޖަމާޢަތެއްގެ ހިންގާ ކޮމިޓީއިން، އެފަރާތެއް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުމަށް ނިންމާފައިވާ ނިންމުން، މިފޯމާއެކު ހުށަހަޅަންވާނެއެވެ.
  • ދައުލަތުގެ މުއައްސަސާއަކުން ހުށަހަޅުއްވާނަމަ ހުށަހަޅުއްވާ ފޯމުގައި ސޮއި ކުރައްވާނީ، އެއިދާރާއެއް ހިންގަވަން ހުންނެވި އެންމެ އިސް ވެރިއެކެވެ. ޖަމްޢިއްޔާ ޖަމާޢަތެއްނަމަ ހިންގާ ކޮމިޓީއިން ކަނޑައަޅާ ބޯޑުގެ މެމްބަރެކެވެ. ސްކޫލް/ ކޮލެޖް/ ޔުނިވަރސިޓީ އެއްނަމަ އެތަނެއްގެ އެންމެ އިސްވެރިޔާއެވެ.

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ހުށަހެޅޭ ފަރާތްތައް އިންސާފުކުރުން

ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ޙައްޤުވާ ފަރާތްތައް ކަނޑައަޅާނީ މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިންނެވެ. ފެހިފަތް އެވޯޑަށް އިންސާފުކޮށް ޝޯޓްލިސްޓް ކުރާނީ ކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެކުލަވައިލާ ފަންނީ ކޮމިޓީއަކުންނެވެ. އަދި ފަންނީ ކޮމިޓީއިން ޝޯރޓްލިސްޓު ކުރާ 5 ފަރާތުގެ ނަން ސޯޝަލް ކައުންސިލަށް ހުށަހެޅޭނެއެވެ. ޝޯޓްލިސްޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފެހިފަތް އިނާމު ދޭނެ ފަރާތްތައް ކަނޑައަޅާނީ ސޯޝަލް ކައުންސިލުންނެވެ. ކޮންމެ އަހަރަކުވެސް ފެހިފަތް އިނާމު ދެވޭނީ އެންމެ ގިނަވެގެން 3 ފަރާތަކަށެވެ.

އިންސާފުކުރުމުގެ މަރުޙަލާ

  • ހުށަހެޅިފައިވާ ހުރިހާ ނަންތަކެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ  އެންވަޔަރަންމަންޓް ޑިޕާޓްމަންޓުން ބަލައި، ލިބިފައިވާ ހުށަހެޅުންތައް ކަމާ ގުޅޭ ފަންނީ ކޮމިޓީއަށް ފޮނުވޭނެއެވެ. ފަންނީ ކޮމިޓީއަށް ފޮނުވޭނީ ހަމައެކަނި އެއަހަރު ހުށަހެޅުނު ނަންތަކެވެ. ފަންނީ ކޮމިޓީއަށް ހުށަހަޅާފައިވާ ހުރިހާ ހުށަހެޅުންތަކުގެ ތެރެއިން ފަންނީ ކޮމިޓީން ދިރާސާ ކުރައްވައި ހޮއްވަވާ އެންމެ ރަނގަޅު 5 ފަރާތެއް ފާހަގަ ކުރެވޭނެއެވެ.
  • މިގޮތުން އެންމެ ރަނގަޅު 5 ފަރާތް ޝޯރޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ 5 ހުށަހެޅުން ސޯޝަލް ކައުންސިލަށް ހުށަހެޅޭނެއެވެ.
  • ފެހިފަތް އިނާމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރޭގައި ތިމާވެށްޓާ ގުޅުންހުރި އެއްވެސް ސާބިތުވާ ދައުވާއެއް އުފުލިފައިވާ ފަރާތެއްވާނަމަ އެފަރާތެއްގެ ނަން ބާޠިލުވާނެއެވެ.
  • ފަންނީ ކޮމިޓީއާއި ސޯޝަލް ކައުންސިލްގެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމުމެވެ. އަދި މިކަމާ ގުޅިގެން އަންނަ އެއްވެސް ޝަކުވާއަކަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއެއް ޖަވާބުދާރީއެއް ނުވެވޭނެއެވެ.
  • މިއިނާމު ލިބިފައިވާ ފަރާތްތަކަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިނާމު ލިބިފައިވާ ދާއިރާއިން މިއިނާމަށް ކުރިމަތި ނުލެވޭނެއެވެ. ނަމަވެސް އެހެން ދާއިރާއަކުން މިމުއްދަތުގެ ތެރޭގައި ނަން ހުށަހެޅުމަކަށް ހުރަހެއްނެތެވެ. އިނާމު ލިބިފައިވާ މަސައްކަތެއް ދެވަނަ ފަހަރަށް އިނާމަށް އެދި ހުށައެއް ނޭޅޭނެއެވެ.

ގެންގުޅޭ މިންގަނޑުތައް

  • ތިމާވެށީގެ ދާއިރާއިން ޙިދުމަތް ކޮށްދެއްވާފައިވާ މުއްދަތު
  • ޚިދުމަތް ފޯރުކޮށްދެވިފައިވާ މިންވަރާއި މަސައްކަތުގެ ތަފުސީލު
  • ކުރެއްވި މަސައްކަތްތަކަކީ މިހާރުވެސް ހިންގަމުންދާ/ ކުރަމުންދާ މަސައްކަތްތަކަށްވުން، ނުވަތަ ފާއިތުވި 12 މަސް ދުވަސް ތެރޭގައި ހިންގާފައިވާ މަސައްކަތްތަކަށް ވުން
  • ޚިދުމަތް ފޯރާފައިވާ މީހުންގެ އަދަދު
  • ޚިދުމަތް ފޯރާފައިވާ ރަށްތަކުގެ އަދަދު
  • ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިފައިވާ މިންވަރު
  • ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ ޤަބޫލު ކުރެވޭ ޕަބްލިކޭޝަންސް
  • ތިމާވެއްޓާ ރަހުމަތްތެރި އާޓެކްނޮލޮޖީ ބޭނުން ކުރުން ނުވަތަ އީޖާދު ކުރުން

ރައީސުލްޖުމްހޫރިއްޔާ ފެހިފަތް އިނާމު ދެއްވުން

ފެހިފަތް އިނާމު ހަވާލު ކުރެވޭނީ ތިމާވެށި ދުވަހުގެ (5 ޖޫން) މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވޭ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ، ނައިބު ރައީސް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އެވޯޑް ލިބިވަޑައިގަންނަވާ ފަރާތްތައް އަދި ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވާ ފަރާތްތަކަކަށެވެ.

ނޯޓު: "ތިމާވެށީގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފޯމު" މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން އަދި މިމިނިސްޓްރީގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

19 ފެބުރުވަރީ 2015