ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-I/30/2015/3
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2015
ޕަބްލިޝްކުރި ގަޑި: 18:56
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕެސްޓިސައިޑާއި، ފަރޓިލައިޒަރ އެތެރެކުރާ ފަރާތްތަކުގެ ސަމާލުކަމަށް

ޕެސްޓިސައިޑާއި، ފަރޓިލައިޒަރ އެތެރެކުރާ ފަރާތްތަކުގެ ސަމާލުކަމަށް

ދަނޑުވެރިކަން ކުރުމަށާއި، ގަސްގަހާގެއްސަށްޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ރާއްޖެ އެތެރެކުރާ ކެމިކަލް ޕެސްޓިސައިޑާއި، ފަރޓިލައިޒަރއަކީ އިންސާނުންނަށާއި ތިމާވެށްޓަށް ނުރައްކާކުރާ ވިހަ އޭގައި އެކުލެވޭ ތަކެއްޗެވެ. މިފަދަ ކެމިކަލް ބޭނުންކުރުމުގައި ވެވޭ އިހުމާލުގެ ސަބަބުން ދިމާވާ ނުރައްކާތައް ރާއްޖޭގައި ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. ވީމާ، ކެމިކަލް ޕެސްޓިސައިޑާއި ފާރޓިލައިޒަރ އިމްޕޯޓްކޮށް ވިއްކާ ފަރާތްތަކުންނާއި، ގެންގުޅޭ ފަރާތްތަކުން މިތަކެއްޗާ މެދު ހޭލުންތެރިވެ، އިންސާނުންނަށާއި ތިމާވެށްޓަށް ގެންލުން ކުޑަވާނެ ގޮތަކަށް މިތަކެތި ބޭނުންކުރެވޭނެ ގޮތްތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ކެމިކަލް ބޭނުންކުރުމުގައި ދިމާވާ މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި، މިނިސްޓްރީން ތިރީގައިވާ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

1. ގަސްގަހާގެހި ހެއްދުމަށާއި ގަހަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ޕެސްޓިސައިޑް އަދި ފާރޓިލައިޒަރ ރާއްޖެ އެތެރެކުރާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުން.

  - މިލިސްޓްގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކުން މިމިނިސްޓްރީން ދޫކުރާ ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މިމިނިސްޓްރީން ޕެސްޓިސައިޑް އަދި ފާރޓިލައިޒަރ އެތެރެކުރުމުގެ ހުއްދަ ދޫކުރެވޭނީ މިލިސްޓްގައި ހިމެނޭ ފަރާތްތަކަށެވެ.

2. ޕެސްޓިސައިޑް އަދި ފާރޓިލައިޒަރ އެތެރެކުރުމުގެ ހުއްދައަށް އެދި މިމިނިސްޓްރީއަށް ހުށަހަޅާ ފަރާތްތަކުން މިތަކެތި ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދިވެހިބަހުން ތައްޔާރުކުރެވިފައިވާ ފެކްޓް ޝީޓެއް ހުށަހެޅުން. މިފެކްޓް ޝީޓްގައި މަދުވެގެން ތިރީގައިވާ މަޢުލޫމާތު ހިމެނެންޖެހޭނެއެވެ.

-  ޢާންމުނަން (ތާސީރު އެކުލެވޭ މާއްދާ)

-  ޓްރޭޑް ނަން  

-  ބޭނުން (ޕެސްޓިސައިޑެއްނަމަ އަމާޒުކުރެވޭ ޕެސްޓް އެންޑް ޑިޒީސްގެ ވައްތަރުތައް)

-  ސިގްނަލް ވަރޑާއި ރަމްޒު

-  ބޭނުންކުރާ ގޮތާއި މިންވަރު

-  މިތަކެތި ބޭނުންކުރާއިރު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް

-  ޕެސްޓިސައިޑް އަދި ފާރޓިލައިޒަރ ބަންދުކުރެވިފައިވާ ޕެކެޓް، ފުޅިފަދަ ތަކެތި ނައްތާލުމުގައި ސަމާލުކަންދޭންވީ ކަންތައްތައް.  

ޕެސްޓިސައިޑާއި، ފާރޓިލައިޒަރ އެތެރެކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް މިނިސްޓްރީން ދޭ ހުއްދައިގައި މިތަކެތި ގަންނަ ފަރާތްތަކަށާއި ބޭނުންކުރާ ފަރާތްތަކަށް މިފެކްޓް ޝީޓް ފޯރުކޮށްދިނުމަށް ޝަރުޠުކޮށްފައިވާނެއެވެ.

3. ޕެސްޓިސައިޑާއި، ފަރޓިލައިޒަރ ވިއްކާ ފިހާރަތަކާއި، އެފަދަ ތަކެތި ރައްކާކޮށްފައި ހުންނަ ގުދަންތައް ކޮންމެ 6 މަހަކުން 1 ފަހަރު ބަލައިފާސްކުރުން. އަދި މީގެ އިތުރުން ބަލައި ފާސްކުރަންޖެހިއްޖެ ހާލަތެއްގައި އެކަންކުރެވޭނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރު އަދި އީމެއިލް އެޑްރެހާ ގުޅުއްވުން އެދެމެވެ.

ފޯން ނަންބަރު:  3339208

އީމެއިލް: [email protected]

19 ފެބުރުވަރީ 2015