ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-BB/38/2023/324
ޕަބްލިޝްކުރި ތާރީޚް: 19 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 13 އޮގަސްޓް 2023 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތިޙާބު 2023 - އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

(IUL)38-BB/38/2023/324 :އިޢުލާން

އިޢުލާން

ރިޔާސީ އިންތިޙާބު 2023

އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2023 ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބުގައި ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2023 ޖުލައި 19 ވާ ބުދަ ދުވަހުގެ 12:00 ން ފެށިގެން،2023 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

(ހ)  އިންތިޚާބުގެ އޮބްޒާވްކުރުމަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން.
  4. އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
  5. އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވެ އިޤުރާރުވެފައިވާ މީހަކު ކަމުގައި ވުން.
  6. ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންޚާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ށ) އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

1. އޮބްޒާވަރަކަށްވުމަށް އެދޭ ފޯމު

2. އޮބްޒާވަރަކަށްވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. އޮބްޒާވަރަކަށްވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ އޮބްޒާވަރުންގެ އިޤުރާރު

4. ފޮޓޯ

  • އައި.ޑީ.ކާޑުގައިވާ ފޮޓޯ ނޫން ފޮޓޯއެއް ފާހުގައި ޖަހަން ބޭނުން ވާނަމަ، އޮބްޒާވަރަކަށް ވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ،  JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ.)

- ފޮޓޯ ސޭވްކޮށްފައި އޮންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.

  • އޮބްޒާވަރުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓްގެ ސޮފްޓް ކޮޕީ (އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެޓަށް، މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި)  

(ނ) އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން

  • އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤުރާރުގައި ސޮއި ކުރަން ވާނެއެވެ.
  • އެކަކު އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާނަމަ، އެފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ އެހެން ފޯމުތައް ބާޠިލު ކުރެވޭނެއެވެ.
  • އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމުގައިވާ ސޮޔާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
  • ފާސް ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ފާހެއް ހަދައި ދެވޭނީ -/100 (ސަތޭކަ) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހުއެވެ.
  • ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10% (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.
  • އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.
  • ފޯމު ހުށަހެޅުމަށްފަހު 3004459 އަށް ގުޅުއްވާ އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރު ކުރަންވާނެއެވެ. އަދި ދަންނަވަމެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑުވެގެން މި ކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ.

އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގޭ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމް2023  ޖުލައި 19 އިން 2023 އޮގަސްޓް 13 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ހުންނާނެއެވެ.

 އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީމެއިލަށެވެ. އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުލައި 2023