ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-Reg/475/2023/121
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2023
ޕަބްލިޝްކުރި ގަޑި: 16:09
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކުރުން

ދިވެހިރާއްޖޭގައި ދެވޭ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު މަތިކޮށް މަތީ ހަރުފަތްތަކަށް ގެންދިއުމަށް މަސައްކަތްކުރުމަކީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ޒިންމާއެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު ގެޒެޓްކޮށް އެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ތަންފީޒުކުރުމާއި މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ޤާނޫނު ނަންބަރު: 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒެއް، ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކުރެވޭނީ، އެ މަރުކަޒެއް އިންސްޓިޓިއުޓެއްގެ ގޮތުގައި  މެދުނުކެނޑި ހިންގަމުން އަންނަތާ މަދުވެގެން 10 (ދިހައެއް) އަހަރު ވެފައިވުމާއެކު، އެމަރުކަޒެއްގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ޕްރޮގްރާމްތައް މެދުކެނޑުމެއް ނެތި 5 (ފަހެއް) އަހަރުވަންދެން ހިންގާފައިވާ ނަމައެވެ.

މަތީ ތަޢުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކޮށްގެން ހިންގަމުންގެންދާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އިން ކޮލެޖެއްގެ ދަރަޖަ ހޯދުމަށް އެދި މި މިނިސްޓްރީއަށް ހުށަހެޅި އެޕްލިކޭޝަން ދިރާސާކުރުމަށްފަހު، ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވެފައިވާތީ، 04 ޖުލައި 2023 ގައި "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ" ކޮލެޖެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގައި ރަޖިސްޓަރީ ކޮށްފައިވާކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

04 ޖުލައި 2023