ދިވެހިރާއްޖެ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް ވީހާވެސް ލުއި ފަސޭހަކޮށްދީ ކޮންމެ ރައްޔިތަކަށްވެސް އެކަމަށް އެދުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މި ޑިޕާޓްމަންޓުން ވަނީ އޮންލައިން ޕޯޓަލްއެއް ޤާއިމްކޮށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.
އޮންލައިން ޕޯޓަލްގެ ޚިދުމަތް 2023 މާރިޗު 05 ގައި ފެށުމާއި ހަމައަށް ކައުންސިލު އިދާރާތައް މެދުވެރިކޮށް އެޕްލިކޭޝަންތަކުގެ ތެރެއިން މައްސަލައެއް ނެތް އެޕްލިކޭޝަންތަކަށް ވާނީ ކާޑު ހަދައިދީ ނިމިފައެވެ. މިހާރު ނުނިމިހުރި އެޕްލިކޭޝަންތަކަކީ އޭރު މަޢުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ކައުންސިލް އިދާރަތަކަށް މަޢުލޫމާތު ސައްޙަ ކުރުމަށްފަހު، އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށެހުޅުއްވުމަށް އަންގާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ނުލިބި ހުރި އެޕްލިކޭޝަންތަކެކެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގައި އާންމު ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ލުއި ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް މި ޑިޕާޓްމަންޓުން މިދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. އެހެންކަމުން ކައުންސިލް އިދާރާތަކުގެ އެއްބާރުލުން މި ޑިޕާޓްމަންޓަށް ބޭނުންވެއެވެ. ވުމާއެކު ކައުންސިލް އިދާރާތަކުން އައިޑެންޓިޓީ ކާޑު ހެއްދުމަށް ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ނުނިމިހުރިކަން ފާހަގަކުރެވޭ އެޕްލިކޭޝަނެއް ވާނަމަ އެކަން އެ ފަރާތްތަކަށް އަންގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުމަށް އަންގަވައި ދެއްވުން އެދި ދެންނެވީމެވެ.
އޮންލައިން ޕޯޓަލްއަށް ލޮގިން ވުމަށްޓަކައި މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.dnr.gov.mv އިން "އޮންލައިން ޕޯޓަލްއިން ލޮގިން ވުމަށްފަހު" އެޕްލިކޭޝަން ހުށަހެޅުއްވުންއެދެމެވެ. އައި.ޑީ ކާޑު ދޫކުރާނީ ކާޑުގެ ވެރިފަރާތަށެވެ. 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކާޑު ދޫކުރާނީ ކުއްޖާގެ ބެލެނިވެރިޔާއަށް ނުވަތަ ބަލަދުވެރިޔާއަށެވެ.