ނޫސްބަޔާން
ނަންބަރު: 203-LAW/1/2023/2
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2023
ޕަބްލިޝްކުރި ގަޑި: 12:38
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސްބަޔާން

ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އާ ޚިލާފަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ އިދާރާ ޖޫރިމަނާކުރުން

މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް މާލެ ސިޓީ ކައުންސިލުން ގިނަ އަދަދަކަށް ކުނި އަޅާކަމުގެ ޝަކުވާ މި އެޖެންސީއަށް ލިބުމާއި ގުޅިގެން މި އެޖެންސީން އެ މައްސަލަ ބަލާފައިވާނެއެވެ. މިގޮތުން މި އެޖެންސީ އާއި މާލެ ސިޓީ ކައުންސިލްގެ އިދާރާ އާއި ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުން މި އެޖެންސީއަށް ދެނެގަނެވިފައިވަނީ މާލޭގެ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާފައި ހުންނަ ކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ލިބުމުން، މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަންތަނަށްގޮސް ކުނި ނަގައި ސާފުކުރަމުން ގެންދާކަމާއި، އެފަދައިން ނަގާ ކުނި، ވެމްކޯގެ ސައިޓް ބަންދު ގަޑިތަކުގައި (ރޭގަނޑު) މާލެ ސިޓީ ކައުންސިލްގެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމުގައި ބަހައްޓާ، ހެނދުނު އެ ކުނިތައް އުކާލާކަމެވެ.

މި މައްސަލައަކީ ގިނަ އަދަދެއްގެ ޢާންމުންވެސް މި އެޖެންސީއަށް ޝަކުވާ ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި، މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއަޅާފައިވާކަން އެކި ތާރީޚްތަކުގައި  މި އެޖެންސީގެ މުވައްޒަފުން އެ ސަރަޙައްދަށް ގޮސް ބަލާ ކަށަވަރުކުރެވިފައިވެއެވެ.  

އެހެންކަމުން ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) އަށް ރިޢާޔަތްކޮށް މާލެ ސިޓީ ކައުންސިލްގެ އިދާރާ އެކު ޖުމްލަ 45,500.00ރ (ސާޅީސް ފަސްހާސް ފައްސަތޭކަ ރުފިޔާ) އިން 08 ޖޫން 2023 ގައި ވަނީ ޖޫރިމަނާކޮށް، މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ވަނީ އަންގާފައެވެ.  

އަދި ހަމައެހެންމެ މާލޭ އެދުރުހިޔާ އިރުމަތީ ފަރާތުން އޮންނަ މާލެ ސިޓީ ކައުންސިލްގެ ބިމަށް ކުނިއެޅުމާއި ޖަމާކުރުން ވަގުތުން ހުއްޓާލާ، މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ކުނި މެނޭޖުކުރުމުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްދޭނަމަ ގަވާއިދު ނަންބަރު 2013/R-58 (ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު) ގެ ދަށުން ނަންގަވަންޖެހޭ ހުއްދަތައް ނެގުމަށާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ވާނީ ދަންނަވާފައެވ

08 ޖޫން 2023