ނޫސްބަޔާން
ނަންބަރު: (PR)101-BR/101/2023/8
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2023
ޕަބްލިޝްކުރި ގަޑި: 18:17
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު އެކުލަވާލުން

ނޫސްބަޔާން

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު އެކުލަވާލުން

ޤާނޫނު ނަންބަރު 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު ގެޒެޓުކޮށް 22 މެއި 2023 ގައި ޢަމަލުކުރަން ފަށާފައިވާނެއެވެ. މި ގަވާއިދުގެ އެއް މަޤްޞަދަކީ، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފަށައިގަތުމުގައި އެންމެ ގިނައިން ޚިޔާރުކުރާ ބާވަތް ކަމުގައިވާ، 'އަމިއްލަ ފަރުދުންގެ ވިޔަފާރި' ރަޖިސްޓަރީކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުރިހާ ޚިދުމަތްތަކެއް ދިނުމަށް މަގުފަހިކޮށްދީ، އެފަދަ ވިޔަފާރިތައް ރަޖިސްޓަރީކޮށް ހިންގުމުގައި، އަދި ގަވާއިދަށް ޢަމަލުކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ކަނޑައެޅުމެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރިއަކީ، ދިވެހިރާއްޖޭގައި ހިނގާ އިޤްތިޞާދީ ޙަރަކާތްތަކުގެ ބޮޑު ހިއްސާއެއް އޮތް، ސަރުކާރުން އަހައްމިޔަތުކަން ދީގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް، އަލަށް ފަށާ ވިޔަފަރިތަކާއި ޅަފަތުގައިވާ ވިޔަފާރިތަކާއި ފުޅާކުރަން ބޭނުންވާ ވިޔަފާރިތަކަށް މާލީ އަދި ފަންނީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދޭން ސަރުކާރުން ބޭނުންވާ ބާވަތުގެ ވިޔަފާރިތަކެއް ކަމުގައިވާތީ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުން ހިންގާ ވިޔަފާރި ޙަރަކާތްތަކާއި، އެ ވިޔަފާރި ޙަރަކާތްތައް ހިނގާ ނުހިނގާ ގޮތް ދެނެގަންނަން ބޭނުންވާ އަސާސީ މަޢުލޫމާތު އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭނެއެވެ.

މި ގަވައިދަށް ޢަމަލުކުރަން ފެށުމާއެކު، އަމިއްލަ ވިޔަފާރިތަކުން އެހެން އިދާރާތަކަށް އެފަރާތުގެ ރަޖިސްޓަރީއާބެހޭ މަޢުލޫމާތު ހިއްސާކުރުމުގައި އަދި ބޭންކު އެކައުންޓު ހުޅުވުމަށާއި މިނޫންވެސް ވިޔަފާރީގެ މުޢާމަލާތްތައް ހިންގާއިރު، ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްކަން އަންގައިދިނުމަށް ބޭނުންކުރާ ރެޖިސްޓްރޭޝަން ސެޓްފިކެޓް ދޫކުރުން ހުއްޓާލައި، ވިޔަފާރިއާބެހޭގޮތުން ރެކޯޑުކޮށްފައިވާ ހުރިހާ މަޢުލޫމާތެއް ހިމެނޭ ގޮތަށް މިފަދަ ވިޔަފާރިތައް ރަޖިސްޓަރީކުރެވުމާއެކު، ހަމައެކަނި، ކޯޕަރޭޓް ޕްރޮފައިލް ޝީޓެއް ދޫކުރުމަށްވެސް ފެށޭނެއެވެ.

މި ގަވާއިދުގެ އަނެއް މަޤްޞަދަކީ، ދިވެއްސަކު ނިވާފަތްގަނޑަކަށްވެހުރެ، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި، ހިންގާ ވިޔަފާރިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ދިވެހިރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ފުރުޞަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅާނެ ދެފުށްފެންނަ އިންތިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން، ސީދާ އަދި ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭ ގޮތަށް ހިންގަމުންދާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވާގިވެރިވާ ފަރާތްތަކުގެ ވިޔަފާރި ރަޖިސްޓަރީ ބާތިލުކޮށް، އެފަދަ ފަރާތްތައް 100,000ރ. އިން ޖޫރިމަނާކޮށް، 5 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީނުކުރެވޭނެ ފަރާތެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ތަކުރާރުކޮށް ވިޔަފާރިކުރުމަށް ކަނޑައަޅާފައިވާ ތަނުގެ ބޭރުގައި، އަދި ދުވާރު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާތީ، ޢާންމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގޫތައް ހައްލުކުރުމުގެ ގޮތުން، ވިޔަފާރިކުރަން ކަނޑައަޅާފައިވާ ތަން ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، އެ ތަނުގެ ބޭރުގައި ނުވަތަ ދުވާރު މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ ފަރާތްތައް 1,000ރ. އާއި 100,000ރ. އާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް މި ގަވައިދުގައި ބަޔާންކޮށްފައިވާނެއެވެ. 

މި ގަވައިދުގައިވާ ކަންކަމަށް އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ހޭލުންތެރިކުރުވުމުގެ ގޮތުން ކޮންމެ ހަފްތާއަކު އެއް ފަހަރު އޮންލައިން ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.  

މި ގަވައިދު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  ގައި ޝާއިއުކުރެވިފައިވާނެއެވެ.

22 މޭ 2023