ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2023/229
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 27 މޭ 2023 17:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2023 - މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

(IUL)38-AC/38/2023/229 :ނަންބަރު

އިޢުލާން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2023

މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

2023 ޖޫން 17 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރ.އަނގޮޅިތީމު އަދި އއ.ފެރިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2023 މޭ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ން ފެށިގެން، 2023 މޭ 27 ވާ ހޮނިހިރު ދުވަހުގެ 14:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.

(ހ) އިންތިޚާބުގެ މޮނިޓަރކުރުމުގެހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

  1. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
  2. ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
  3. (ހ) މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން. ނުވަތަ،

(ށ) ޤާނޫނު ނަންބަރު 47/78 (ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.  

(ނ) ބައިނަލްއަޤުވާމީ މީޑިއާއެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ މީހެއްކަމުގައިވުން.

  1. އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.

(ށ) އިންތިޚާބުގެ  މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

1. މޮނިޓަރަކަށްވުމަށް އެދޭ ފޯމު

2. މޮނިޓަރަކަށްވުމަށް އެދޭ ފަރާތް / ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. މޮނިޓަރަކަށްވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ މޮނިޓަރުންގެ އިޤުރާރު

4. ރޭޑިއޯ/ ޓީވީ ސްޓޭޝަން ނުވަތަ ނޫސް މަޖައްލާ އެއްގެ ރަޖިސްޓަރީ ކޮޕީ

5. ފޮޓޯ

  • އައި.ޑީ.ކާޑުގައިވާ ފޮޓޯ ފާހުގައި ޖަހަން ބޭނުން ނުވާނަމަ، މޮނިޓަރަކަށް ވުމަށް އެދޭ ފަރާތް/ ފަރާތްތަކުގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ،  JPEG/PNG ފޯމެޓުގައި ސޮފްޓް ކޮޕީ.

- ފޮޓޯ ސޭވްކޮށްފައި ހުންނަންވާނީ އެފޮޓޯގައިވާ މީހާގެ އައިޑީ ކާޑު ނަންބަރުންނެވެ.

  • މޮނިޓަރުންގެ ގޮތުގައި ނަން ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ލިސްޓްގެ ސޮފްޓް ކޮޕީ (އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެޓަށް، މައިކްރޮސޮފްޓް އެކްސެލް ފޯމެޓްގައި.    

(ނ) މޮނިޓަރުންގެ ގޮތުގައި ކުރިމަތިލާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންކަން

  • މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރަތްތަކުން، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އިޤުރާރުގައި ސޮއި ކުރަންވާނެއެވެ.
  • އެކަކު އެއް އެޕްލިކޭޝަނަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާނަމަ، އެފަރާތަކުން އެންމެ ފުރަތަމަ ހުށަހަޅާ ފޯމު ބަލައިގަނެ އެހެން ފޯމުތައް ބާޠިލު ކުރެވޭނެއެވެ.
  • އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ކުރެވިފައި ނުވާނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
  • އެޕްލިކޭޝަން ފޯމުގައިވާ ސޮޔާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާ ސޮއި ތަފާތު ނަމަ، އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެއެވެ.
  • ފާސް ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ފާހެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެ ކާޑަކަށް ނެގުމަށްފަހުއެވެ.
  • ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކަށާއި، ޚަބަރު ފަތުރާ އިދާރާތަކަށް މޮނިޓަރ ކުރުމަށް، ފާސްދޫކުރެވޭނީ، އެއިން ކޮންމެ ފަރާތަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ (ދިހައެއް އިންސައްތަ) އިތުރުނުވާ ގޮތަށެވެ.
  • މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރަތްތަކުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދާ މަޢުލޫމާތު ސެޝަން ފުރިހަމަކުރަންވާނެއެވެ.

(މޮނީޓަރުންނަށް ވުމަށް އެދޭ ފަރާތްތަކަށް ހާއްސަ މައުލޫމާތު ސެޝަނެއް އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާނެއެވެ. އަދި މި މަޢުލޫމާތު ސެޝަން ފުރިހަމަނުކުރާ ފަރާތްތަކަށް ފާސް ދޫނުކުރެވޭނެއެވެ.)

  • އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވެއެވެ.

ފޯމު ހުށަހެޅުމަށްފަހު 3004459 އަށް ގުޅުއްވާ އީމެއިލް މި ކޮމިޝަނަށް ލިބިފައިވާކަން ކަށަވަރު ކުރަންވާނެއެވެ. އަދި ދަންނަވަމެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑުވެގެން މި ކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމެއްގެ ގޮތުގައެވެ.

މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 މޭ 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ން ފެށިގެން، 2023 މޭ 27 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށެވެ. މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީމެއިލަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 މޭ 2023