ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2023/065
ޕަބްލިޝްކުރި ތާރީޚް: 11 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 21 މޭ 2023 02:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދި ލިޓުލް ބިގް ފެސްޓިވަލް، ކުޑަފަރީ 2023

ދުނިޔޭގެ ތިމާވެށީ ދުވަހާއި ކަނޑުތަކުގެ ދުވަހާއި ގުޅިގެން ނޫނު ކުޑަފަރީގެ ތޮބީޢި، ސަގާފީ އަދި މާހައުލި ސިފައާއި ދިރިއުޅުން ފާހަގަކުރުމަށް މިރަށުގެ ޖަމާއަތުން ބާއްވާ " ދަ ލިޓުލް ބިގް ފެސްޓިވަލް ކުޑަފަރީ 2023" އަށް މަރުހަބާ ކިޔަމެވެ. މިއީ އިންޑިއާ ކަނޑުގެ މެދުގައިވާ މިރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތެރޭގައި ކުޑަފަރީ ހިމެނިގެން އެކި ޒަމާންތަކަށް ދެމިގެން އައިސްފައިވާ އަތޮޅުގެ ދިރިއުޅުން ބައްޓަންވަމުން އައިސްފައިވާ ގަދީމީ އަދި ޒަމާނީ ދެމެހެއްޓެނިވި ގޮތްގޮތައް ދިރުވާ ގިނަ ފަރާތްތަކާއެކު ހިއްސާކުރުމަށް ބާއްވާ ފެސްޓިވަލެކެވެ.

ރަށުގައި ހައްދާ ދަމަހައްޓާ ގަސްގަހާގެއްސާއި، ބިމާއި ފަރުން ގޮވާންކުރުމާއި ކެއިން ބުއިމާއި އެކި ފާޑުގެ މަސައްކަތެރިކަމާއި ގެދޮރު ވަޑާން ކުރުމުގެ ވައްޓަފާޅި ހުރި ގޮތް ދެނެގަނެ ރަށުގެ ތާރީޚީ ސިފައެއްކަމުގައިވާ ބޮޑުބެރާއި، ބެރުން ރަށުގެ ޖަމާއަތުގެ ރޫހު އާލާކުރުމުގެ ހަރަކާތްތައް ހިންގާގޮތްތައް ދިރުވާ ތަޖުރިބާ ކުރުމަށް ބާއްވާ މި ފެސްޓިވަލްގެ އެންމެ ހާއްސަ ހަރަކާތަކީ ދުވަހުގެ މެންދުރަށް ރަށުގެ ޖަމާއަތުން އެކުގައި ތައްޔާރުކުރާ ބޮޑު މާލޫދު އާލާ ކެއުމެވެ.

10 ޖޫން 2023 ގައި ބާއްވާ މި ފެސްޓިވަލްގެ މައިގަނޑު މަގުޞަދަކީ ދެމެހެއްޓެނިވި ތަބީއީ ސިފައިގައި ރާއްޖޭގެ ރަށްތައް ކުރިއަރާ ދިއުމަށްޓަކައި ޖަމާއަތުގެ ރޫހު އާލާކޮށް ހަމަހަމަ އިންސާފުވެރި އުސޫލުން ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރަށާއި އަތޮޅުގެ އިގްތިސާދު ހިންގުމުގައި ކުޑަފަރީގެ ޖަމާއަތާއި ގުޅިގެން މަސައްކަތްކުރާ އެހެން ރަށްރަށާއި އަތޮޅުގެ ޖަމިއްޔާތަކާއި މަސައްކަތްތެރިންނާއި ވިޔަފާރިތައް އެކުގައި ބައްދަލުވެ ތަޖުރިބާތައް ހިއްސާކޮށް އެކަން ފާހަގަކުރުމެވެ. އަދި ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ރައްޔިތުން އެކުގައި އެއްވެ ހިންގަމުންއައިސްފައިވާ މުހިންމު ޖަމާއަތުގެ ހަރަކާތްތައް ލަވައާއި ބެރާ، ރަށަށް ހާއްސަ ރައިވަރާއި ކޭންބުއިން އެކަމު އަނެކަކަށް ހަދިޔާކުރުމާއި ދިވެހި ބިމާއި އުޑާއި ކަނޑުން ޒަމާނުންސުރެ އުފައްދަމުން އައިސްފައިވާ ބޭސްވެރިކަމާއި ފަންނުވެރިކަން ނެވިކަމާއި ރޫހާނީ އިލްމު އަލުން ބަލާ ހޯދާ އެކަންކަން އާލާކޮށްގެން ރަށުގެ ތަރައްގީ ގެނުވާނެގޮތްތައް ހޯދުމެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވުމަށްޓަކައި ޝައުގުވެރިވާ ފަރާތްތައްކަށް ގުޅިގެން މަސައްކަތްކުރުމުގެ ދަޢުވަތު އަރުވަމެވެ. ޝައުގުވެރިކަން މި އިޢުލާނާއި އެއްކަރުދާސްކޮށްފައިވާ ފޯމު މެދުވެރިކޮށް 2023 މޭ 21 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

11 މޭ 2023