ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-D/1/2015/16
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 28 މާރިޗު 2015 15:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖަމްޢިއްޔާތަކުގެ މަސައްކަތުގެ އަހަރީ ރިޕޯޓު ފޮނުވުން

ޖަމްޢިއްޔާތަކުގެ ގަވާއިދުގެ 28 ވަނަ މާއްދާގައި ކޮންމެ ޖަމްޢިއްޔާއަކުންވެސް ކޮންމެ އަހަރެއްގެ މާރިޗުމަހުގެ ކުރިން އެޖަމްޢިއްޔާއެއް ހިނގި ގޮތާއި، އެޖަމްޢިއްޔާއެއްގެ މަސައްކަތުގެ އަހަރީ ރިޕޯޓާއި، ނިމިދިޔަ އަހަރުގެ އަހަރީހިސާބު ޖަމްޢިއްޔާގެ ހިންގާ ގަވާއިދުގައިވާ ގޮތަށް ތައްޔާރުކޮށް، އަހަރީ ޢާންމު ޖަލްސާއިން ފާސްކުރުމަށްފަހު، އެ ޖަލްސާ ބާއްވާތާ 30 ދުވަހުގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، ޖަމްޢިއްޔާގެ އަހަރީރިޕޯޓާއި އަހަރީހިސާބު ހުށަހަޅުއްވާއިރު ތިރީގައި މިދަންނަވާ މާއްދާތައް ހިމަނުއްވާފައި ހުށަހެޅުމަށް ދަންނަވަމެވެ.  

  1. ޖަމްޢިއްޔާގެ ނަމަށް، އިދާރާއަށް ގެނެވިފައިވާ ބަދަލު
  2. ހިންގާ ކޮމިޓީގެ ޖަލްސާ ބޭއްވުނު އަދަދާއި ފާސްކުރެވުނު މުހިންމު ކަންތައްތައް
  3. ހިންގާ ގަވާއިދަށް ގެނެވުނު ބަދަލުތަކާއި ހިންގާ ކޮމިޓީއަށް ގެނެވުނު ބަދަލު
  4. ޢާންމު ޖަލްސާ ބޭއްވުނު އަދަދާއި ފާސްކުރެވުނު މުހިންމު ކަންތައްތައް
  5. ޖަމްޢިއްޔާއަށް އަލަށް ވަންނަ މެންބަރުންގެ މަޢުލޫމާތާއި ޖަމްޢިއްޔާއިން ވަކިވި މެންބަރުންގެ މަޢުލޫމާތު
  6. ފައިސާ ލިބުނު މައިގަނޑު ގޮތްތަކާއި ލިބުނު އަދަދު
  7. ފައިސާ ޚަރަދު ކުރެވުނު ކަންކަމާއި ފައިސާ ޚަރަދު ކުރެވުނު އަދަދު
  8. ޖަމްޢިއްޔާގެ މަޤްޞަދު ހާސިލު ކުރުމުގެ ގޮތުން ކުރެވުނު ކަންތައްތައް
  9. ކުރިއަށް އޮތް އަހަރު ކުރުމަށް ރާވާފައިވާ ކަންތައްތައް
  10. އަހަރީ ޢާންމު ޖަލްސާއަކުން އަހަރީރިޕޯޓު ފާސްކުރުމަށްފަހު، އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ރަޖިސްޓަރީކޮށް މުއްދަތު ހަމަވެފައިނުވާ ހިންގާ ކޮމިޓީއަކުން އަހަރީރިޕޯޓު ފާސްކޮށްފައިވާކަމަށް ސޮއިކުރުން

އަހަރީ ރިޕޯޓުގައިވާ މަޢުލޫމާތުތަކަކީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ މަޢުލޫމާތުތަކަކަށް ވާންޖެހޭނެއެވެ.

އަހަރީ ރިޕޯޓު ތައްޔާރުކުރާނެ ގޮތުގެ ނަމޫނާ މި މިނިސްޓްރީގެ ވެބްސައިޓް: www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ. އަދި ދަންނަވަމެވެ. ފާއިތުވެދިޔަ 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހިނގަމުންދާ މި 2015 ވަނަ އަހަރުގެ މާރިޗު 28 ގެ ފަހުން މިމިނިސްޓްރީއަށް ބަލައިގަނެވޭނީ -/500 ރުފިޔާގެ ޖޫރިމަނާއަކާއެކު ގައެވެ.

ޤާނޫނު ނަންބަރު 1/2003 ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތިން، ޖަމްޢިއްޔާ ރަޖިސްޓަރީވާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހިންގާ ކޮމިޓީ އިންތިޚާބުކޮށް މި މިނިސްޓްރީއަށް ހުށަހަޅައިފައިނުވާ ޖަމްޢިއްޔާތަކާއި، ހިންގާކޮމިޓީގެ ދައުރު ހަމަވުމުން އައު ދައުރަކަށް އިންތިޚާބުކޮށް 30 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައިނުވާ ޖަމްޢިއްޔާތަކާއި ހިންގާ ކޮމިޓީއަށް އަންނަ ބަދަލުތަކާއި، ގެނެވޭ ބަދަލުތައް، އެ ބަދަލެއް އަންނަ ނުވަތަ ގެނެވޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަހަޅުއްވާފައިނުވާ ޖަމްޢިއްޔާތަކުގެ ހިންގާ ކޮމިޓީ ބަލައިގަނެވޭނީ -/500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015