ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-C2/142/2023/90
ޕަބްލިޝްކުރި ތާރީޚް: 02 އެޕްރީލް 2023
ޕަބްލިޝްކުރި ގަޑި: 17:48
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާން މަހު ޢުމްރާގެ އަޅުކަމާގުޅޭ

1444ހ. ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރާ ޢުމްރާވެރިންނާއި، ޢުމްރާގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންޖެހޭ އިރުޝާދުތައް ބަޔާންކޮށް، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒު މެދުވެރިކޮށް ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީން 2023 މާރިޗު 22 ވަނަ ދުވަހު ވަނީ މި މިނިސްޓްރީއަށް ސާކިޔުލަރ (ނަންބަރު 21/3/039766) އެއް ފޮނުއްވާފައެވެ. މި ސާކިޔުލަރ ގައި ބަޔާންކުރައްވާފައިވާ ކަންކަން ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

  1. ޢުމްރާގެ އަޅުކަން އަދާކުރާ އެންމެހައި ޢުމްރާވެރިން ހަމަޖެހިފައިވާ އުސޫލުގެ ދަށުން "ތަވައްކަލްނާ" އަދި "ނުސުކް" އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދުން.
  2. ގެފުޅުގެ ވަށައިގެން ތަވާފުކުރާ ސަރަޙައްދާއި، ފަހުދު ރަސްގެފާނު ދޮރާށިކޮޅާއި، (King Fahad Gate) އުމްރާ ދޮރާށިކޮޅާއި (Umrah Gate)، ޢަބްދުލް ޢަޒީޒް ރަސްގެފާނު ދޮރާށިކޮޅާއި (King Abdul-Aziz Gate) އައްސަލާމް ދޮރާށިކޮޅާއި (Salam Gate) އަދި މަރުވާ ދޮރާށިކޮޅު (Marwah Gate) އެންމެހައި ޢުމްރާކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާކަން.
  3. ޙަރަމްފުޅުގެ ފުރަތަމަ ފަންގިފިލާއާއި، ސަޢޫދީ ޢަރަބިއްޔާގެ ރިޔާސަތުން ޙަރަމްފުޅު ބޮޑުކުރުމުގެ ތިންވަނަ މަޝްރޫޢުގެ ތެރެއިން އަލަށް ޢިމާރާތް ކުރެވިފައިވާ ތިންވަނަ ފަންގިފިލާއާއި، ޙަރަމްފުޅުގެ ބޭރުގައިވާ މިސްކިތުގެ ޚާއްސަ ސަރަޙައްދުތަކާއި، ޖަބަލުލް ކަޢުބާއާއި، އައްޝުބައިކާގެ މަގުތައް ނަމާދުކުރާ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާކަން.
  4. ގެފުޅަށް ޒިޔާރަތްކުރާ ޢާއްމު ފަރާތްތަކަށް ޢަބްދުލް ޢަޒީޒު ރަސްގެފާނު ދޮރާށިކޮޅާއި، އަލްމަރްވާ ދޮރާށިކޮޅުގެ ދެމެދު ޚާއްޞަ ކުރެވިފައިވާކަން.
  5. ދުއްވާ އުޅަނދުތަކާއި ހިނގާބިގާވެ އުޅޭމީހުން ވަކިކުރުމުގެ އިންތިޒާމު ފުރަތަމަ ރިންގް ރޯޑު (First Ring Road) ގައި ހަމަޖެހިފައިވާ ކަމާއި، ޢުމްރާގެ އަޅުކަމުގެ ރޫޙާ ޚިލާފު ކަންކަން ހިނގާނަމަ، ކަމާއިބެހޭ ފަރާތްތަކުން އެ ކަންކަމަށް ފަރުވާތެރިވެ އެކަންކަމާމެދު ފިޔަވަޅު އަޅާނެކަން.

ވީމާ، ގެފުޅަށް ޒިޔާރަތްކުރާ އެންމެހައި ޢުމްރާވެރިންނަށް ޢުމްރާގެ ފަރުޟު އަދާކުރެވޭނެ މަގު ފަސޭހަކުރުމަށާއި، ޢުމްރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ހަމަޖައްސަވާފައިވާ އިންތިޒާމްތަކާ އެއްގޮތަށް އަދި ޙަރަމްފުޅުގެ މައިގަނޑު މަޤްސަދާވެސް އެއްގޮތަށް އިޚްލާޞްތެރިކަމާއެކު ކީރިތިވަންތަ މާތް ﷲ އަށް އަޅުކަންކުރުމަށް ނަޞޭޙަތްތެރިވާ ޙާލު، އިސްވެ ދެންނެވުނު ނުކުތާތަކަށް ފަރުވާތެރިވެ، ދިވެހި އެންމެހައި ޢުމްރާވެރިންގެ އެންމެހައި ޢަމަލުތައް ބެހެއްޓުމަށް މި މިނިސްޓްރީން އިލްތިމާސްކުރަމެވެ.

02 އެޕްރީލް 2023