ދިވެހިރާއްޖެ
`
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ބ.މާޅޮސް، ދިވެހިރާއްޖެ
Secretariate of Southmaalhosmadulu Maalhos Council
Baa Maalhos, Rep of Maldives
"ބ މާޅޮހުން ދިރިއުޅުމަށްޓަކައި ބަނޑާރަ ގޯތި ދޫކުރުމުގެ އުޞޫލު-2022"
1 ތަޢާރަފާއި ނަން:
(ހ) މި އުޞޫލަކީ ގާނޫނު ނަންބަރު 1/2002(ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު)، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭން ކުރުމާ ހިންގުމުގެ ގަވާއިދުގެ ދަށުން ބ މާޅޮހު ލޭންޑްޔޫސް ޕްލޭނުގައިވާ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ފާސްކުރެވިފައިވާ ބިމުގެ ސަރަޙައްދުން ރޯޝަނީމަގާއި ސޯސަންމަގާ ދެމެދުން ރަށުގެ ދެކުނު ފަރާތުން ދިރިއުޅުމަށްޓަކައި 2000 އކަފޫޓުގެ 32 ގޯތި ދޫކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާން ކުރާ އުޞޫލެވެ.
(ށ) މި އުޞޫލަށް ކިޔާނީ "ބ މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލު-2022" އެވެ.
2 ގޯތި ދޫކުރުން:
(ހ) މި އުޞޫލުގެ ދަށުން ގޯތި ދޫކުރާނީ، ކައުންސިލް އިދާރާއިން ގޯތި ދޫކުރުމަށް އިޢުލާން ކުރުމުން، އެކަމަށް އެދޭ، ގޯތި ލިބުމުގެ ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން ޕޮއިންޓް ލިބިފައިވާ ތަރްތީބަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ. އަދި ދޫކުރަން ހަމަޖައްސާފައިވާ ގޯތިތަކުގެ ތެރެއިން އެންމެ ފަހު ގޯއްޗަށް ނުވަތަ ގޯތި ތަކަށް ވާދަކުރާ، އެއްފަރާތަށްވުރެ ގިނަފަރާތް ހިމެނޭ ކަމުގައިވާނަމަ، އެ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.
(ށ) ބ މާޅޮހުން ގޯތި ލިބޭ މީހުންގެ ތެރެއިން ބ މާޅޮހުގެ ރެޖިސްޓްރީގައި ނެތް މީހަކަށް ގޯތި ލިބިއްޖެނަމަ އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި އަށާރަ އަހަރު ނުފުރޭ ދަރިން ބ މާޅޮހުގެ ރެޖިސްޓްރީގައި ޖެއްސުމަށް 05(ފަހެއް) މަސްދުވަހުގެ މުހުލަތެއް ދެވޭނެއެވެ. މި މުއްދަތުގައި ރެޖިސްޓްރީ ބަދަލު ނުކޮށްފިނަމަ ގޯތި އެމީހެއްގެ ކިބައިން ވަކިކުރެވޭނެއެވެ.
3 ގޯތި ދިނުމުގެ މަސައްކަތް ވިލަރެސްކޮށް ގޯތި ލިބޭ މީހުން ކަނޑައަޅާ ކޮމިޓީ އެކުލަވާލުން:
(ހ) ބ މާޅޮހު ކައުންސިލްގެ އިޙްތިޞާޞްގައި ހިމެނޭ ބިމުގެ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 32 ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ގޯތި ލިބޭމީހުން ކަނޑައަޅަން މަދުވެގެން 5(ފަހެއް) މެމްބަރުންގެ ވަގުތީ ކޮމިޓީއެއް ކައުންސިލްގެ ބެލުމުގެ ދަށުން އެކުލަވާލަންވާނެއެވެ.
(ށ) މި ކޮމިޓީގައި މެމްބަރުން ހިމަނަންވާނީ ތިރީގައިވާ ދާއިރާތަކުގެ ތެރެއިންނެވެ.
(1) 2(ދޭއް) ކައުންސިލް މެމްބަރުން
(2) ބ މާޅޮހުގެ އާއްމު ރައްޔިތުން ތަމްސީލު ކުރާ 2(ދޭއް) މެމްބަރުން
(3) ކައުންސިލްގެ މުނިސިޕަލް ސެކްޝަނުގެ ހެޑް
(4) ކައުންސިލުން ކަނޑައަޅާ ބ މާޅޮހު ކައުންސިލް އިދާރާގެ މުވައްޒަފެއް
(5) ބ މާޅޮހު އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ތަމްސީލު ކުރާ 01 މެމްބަރ
(6) ބ މާޅޮހުގެ މުއައްސަސާތައް ތަމްސީލު ކުރާ 3 މެމްބަރުން.
(7) ބ މާޅޮހުގައި ރެޖިސްޓްރީ ވެފައިވާ ކޮންމެ ކްލަބް ޖަމިއްޔާއަކުން 1 މެމްބަރ
4 ދިރިއުޅުމަށްޓަކައި ގޯއްޗަށް އެދޭ ފަރާތުގެ ހުންނަންވާ ޝަރުތުތައް:
(4.1) ދިވެހި ރައްޔިތެއް ކަމުގައިވުން.
(4.2) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން. (ގޯތި ދޫކުރަން އިޢުލާންކުރާ ތާރީޚާއި ހަމައަށް 18 އަހަރު ފުރިފައިވާ)
(4.3) ގޯއްޗަށް އެދި ހުށަހަޅާފަރާތަށް ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރެޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން.
(4.4) އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް މި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދޫކޮށްލުން.
(4.5) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރެޖިސްޓްރީ ވެފައި ނެތުން ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 02(ދޭއް) އަހަރަށްވުރެ ގިނަދުވަސްވެފައިވުން.
(4.6) އެއްމެދު ޢިމާރާތެއް، ފުލެޓެއް އެމީހެއްގެ ނަމުގައި ރެޖިސްޓްރީ ވެފައި ނެތުން، ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަންދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ 2(ދޭއް) އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.
5 އެހެނިހެން ކަންތައްތައް:
(5.1) ޕޮއިންޓް ދެވޭ ޙާލަތު ބަލާނީ ގޯތި ދޫކުރާ ތާރީޚަށެވެ.
(5.2) ޕޮއިންޓް ލިބޭ މިންވަރަށް ބަލައި އިސްކަންދޭ ތަރުތީބުން ގޯތި ލިބޭ މީހުންގެ ތެރޭގައި ދެމަފިރިއަކު ހިމެނިއްޖެނަމަ ގޯތި ދޫކުރެވޭނީ އޭގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ މީހަކަށެވެ. ޕޮއިންޓުގެ ގޮތުން ދެމަފިރިން އެއްވަރު ވެއްޖެނަމަ ގޯތި ލިބޭނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. މި ގޮތަށްވެސް އެއްބަސް ނުވެވިއްޖެނަމަ ގޯތި ލިބޭ މީހެއް ކަނޑައަޅާނީ ކޮމިޓީގެ ޙާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތުލައިގެންނެވެ. މިގޮތަށް ގޯތި ދޫކުރާފަރާތް ކަނޑައެޅުމަށްފަހު ގޯތި ހަވާލުކުރުމުގެ ކުރިން ދެމަފިރިން ވަރިވެއްޖެނަމަ ގޯތި ހަވާލުކުރެވޭނީ އެ ދެމަފިރިންގެ ތެރެއިން ދަރިން ބެލުމުގެ ޒިންމާ ޙަވާލުވާ ފަރާތަކަށެވެ. މިކަން ކަށަވަރުކުރާނީ ދަރިން ބެލުމުގެ ޒިންމާ ޙަވާލުވާ ފަރާތުން، ދަރިން ބަލާކަމުގެ ޝަރުޢީ ލިޔުމެއް ކައުންސިލަށް ހުށަހެޅުމުންނެވެ.
(5.3) ގޯއްޗަށް އެދި ހުށަހަޅަން ޖެހޭނީ ފޯމުގެ އަޞްލެވެ. ނަމަވެސް ރަށުންބޭރުގައި އުޅުއްވާ ފަރާތެއްނަމަ ފޯމު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި މިއިދާރާގެ މެއިލް([email protected]) އަށް މެއިލްކުރެވިދާނެއެވެ. މެއިލްކުރާ ގަނޑުތައް ހަމައަށް މެއިލް ކުރެވުނުކަން މިއިދާރާއަށް ގުޅައިގެން ކަށަވަރުކުރަންވާނެއެވެ. ފޯމްމެއިލްކުރާފަރާތްތަކުގެ ފޯމްތަކުގެ އަޞްލު، ގޯތިކޮމިޓީގެ ފަރާތުން އެދިއްޖެނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.
(5.4) ފޯމު ހުށަހެޅުމުން، އެމީހެއްގެ ޙާޟިރުގައި ފޯމު ފުރިހަމަކޮށްފައިވޭތޯބަލާ ކަށަވަރުކުރެވޭނެއެވެ. އަދި ފޯމުގެ އެއްވެސް ބައެއް ރަނގަޅަށް ފުރިހަމަ ނުކޮށް އޮތްނަމަ، ފޯމު ފުރިހަމަކުރުމަށް އަނބުރާ ޙަވާލުކުރެވޭނެއެވެ. މިގޮތަށް ޙަވާލުކުރާ ފޯމުވެސް ފޯމު ހުށަހަޅަންޖެހޭ ސުންގަޑީގެ ކުރިން ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ ފޯމު ފުރިހަމަކޮށް ހުށަހެޅުމުންނެވެ.
(5.5) ފޯމު ފުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ނުފޭދޭ ގަލަމަކުން، ތާނަ އަކުރުންނެވެ. ކޮމްޕިއުޓަރުން ފޯމު ފުރާކަމުގައި ވާނަމަ ބޭނުންކުރަންވާނީ ފަރުމާ ފޮންޓް ސައިޒް 12 އެވެ.
(5.6) ފޯމުގެ އެއްވެސް ތަނެއްގައި ޓިޕެކްސް ޖަހައިގެން ނުވާނެއެވެ. އަދި ލިޔެފައިވާ ތަނެއް ރަނގަޅު ކުރުމަށްޓަކައި ކަނޑާލައިފިނަމަ، އެތަނެއްގައި ގޯއްޗަށް އެދޭފަރާތުގެ ސޮއި ކުރަންވާނެއެވެ.
(5.7) ފޯމު ފުރުމުގައި އެއްވެސް ސުވާލެއް އުފެދިއްޖެނަމަ ރަސްމީ ގަޑީގައި މިއިދާރާއަށް ގުޅުމުން ފޯމު ފުރާނެގޮތުގެ އިރުޝާދު ދެވޭނެއެވެ.
6 ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
6.1) ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ތަކެތީގެ މަޢުލޫމާތު " ބ. މާޅޮހުން ދިރިއުޅުމަށްޓަކައި ދޫކުރާ، ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ގައި ހިމަނާފައި ވާނެއެވެ.
6.2) ގޯއްޗަށް އެދޭ ފޯމާއެކު ހަވާލުކުރެވޭ، ގޯއްޗަށް އެދޭ ފަރާތަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބިފައިވާ ބައި އަދި ލިބެން އޮތްބައި ދޫކޮށްލުމަށް ޝަރުތުކޮށްފައިވާ އިޤުރާރުގައި ސޮއިކޮށް، ފޯމާއެކު ހުށަހަޅަންވާނެއެވެ.
6.3) ފޯމާއެކު ހުށަހެޅުމަށް ފޯމުގައި ބުނާ ހުރިހާ ލިޔުމެއް ހުށަހަޅަންވާނެއެވެ. އެއްވެސް ލިޔުމެއް މަދުވެއްޖެނަމަ އެފޯމެއް ބަލައެއް ނުގަނެވޭނެއެވެ.
7 ޕޮއިންޓް ލިބޭ ބައިތައް:
ރަށްވެހިކަމުގެ ބައި(ގޯއްޗަށް އެދޭ ފަރާތުގެ) |
||
25 |
ބ. މާޅޮހުގެ ރަށްވެއްސެއްނަމަ |
7.1 |
18 |
ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ބ. މާޅޮހުގައި ރަޖިސްޓްރީވެ ބ.މާޅޮހުގައި ދިރިއުޅޭތާ 1އަހަރާ 5 އަހަރާ ދެމެދު (ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަންބަރު 7.1 ގައި ބަޔާންކޮށްފައިވާ ބަޔަށް ޕޮއިންޓް ނުލިބޭނެއެވެ.) |
7.2 |
25 |
ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް ބ. މާޅޮހަށް ރެޖިސްޓްރީވެ، ބ. މާޅޮހުގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ (ރަށްވެހިކަން ބަދަލުކޮށްފައިވާ ފަރާތްތަކަށް ނަންބަރ 7.1 ގައި ބަޔާންކޮށްފައިވާ ބަޔަށް ޕޮއިންޓެއް ނުލިބޭނެއެވެ.) |
7.3 |
5 |
އެހެން ރަށެއްގެ ރަށްވެއްސަކަށްވެފައި ބ.މާޅޮހުގައި ދިރިއުޅޭތާ 1އަހަރާ 5 އަހަރާ ދެމެދު ނަމަ |
7.4 |
10 |
އެހެން ރަށެއްގެ ރަށްވެއްސަކަށްވެފައި ބ.މާޅޮހުގައި ދިރިއުޅޭތާ 5 އަހަރުވެފައިވާނަމަ |
7.5 |
3 |
މެދުނުކެނޑި ބ.މާޅޮހުގައި ދިރިއުޅޭތާ 1 އަހަރާ 5 އަހަރާ ދެމެދުވެފައިވާނަމަ |
7.6 |
7 |
މެދުނުކެނޑި ބ.މާޅޮހުގައި ދިރިއުޅޭތާ 5 އަހަރާ 10 އަހަރާ ދެމެދުވެފައިވާނަމަ |
7.7 |
12 |
މެދުނުކެނޑި ބ.މާޅޮހުގައި ދިރިއުޅޭތާ 10 އަހަރަށްވުރެ ގިނަދުވަސްވެފައިވާނަމަ |
7.8 |
|
ކައިވެނީގެ ބައި (ގޯއްޗަށް އެދޭފަރާތުގެ) |
|
20 |
ގޯއްޗަށް އެދޭ ފަރާތް މީހަކާ އިނދެގެން އުޅޭނަމަ |
7.9 |
10 |
ގޯއްޗަށް އެދޭ ފަރާތް މީހަކާ އިނދެ ވަރިކޮށްފައި ނުވަތަ އަނބިމީހާ/ފިރިމީހާ ނިޔައުވެފައިވީ ނަމަވެސް އެމީހާ ބެލުމުގެ ދަށުގައި ދަރިން ތިބިނަމަ ނުވަތަ ދަރިންނަށް ޚަރަދު ދޭނަމަ |
7.10 |
|
ގޯއްޗަށް އެދޭ ފަރާތް މީހަކާ އިނދެގެން އުޅޭތާ ފަސް އަހަރަށްވުރެ އިތުރުވާ ކޮންމެ އަހަރަކަށް 2 (ދޭއް) ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 10 (ދިހައެއް) ޕޮއިންޓެވެ. |
7.11 |
ބަދަލުވެރިކަމާ ގުޅޭ ބައި |
||
|
ގޯއްޗަށް އެދޭ ފަރާތުގެ 18 އަހަރު ނުފުރޭ ކޮންމެ އުފަން ދަރިއަކަށް 5 (ފަހެއް) ޕޮއިންޓް (ޙާއްޞަ އެހީއަށް ބޭނުންވާ ކޮންމެ ދަރިއަކަށް އިތުރު 3 (ތިނެއް) ޕޮއިންޓް ދެވޭނެއެވެ. ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުމުރަކަށް ނުބެލެވޭނެއެވެ. |
7.12 |
|
މައިންބަފައިން އަދި އަނބިދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަން ޖެހިފައިވާ ގޯތި ނެތް ކޮންމެމީހަކަށް 5 (ފަހެއް) ޕޮއިންޓް |
7.13 |
ގޯއްޗަށް އެދޭމީހާއާއި، އަނބި/ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު |
||
10 |
ގޯއްޗަށް އެދޭފަރާތުގެ ޢާއިލާ (އަނބި/ފިރިމީހާ އާއި ދަރިން) ދިރިއުޅެނީ ތަނެއް ކުއްޔަށް ހިފައިގެން ކަމަށް ވާނަމަ |
7.14 |
7 |
ގޯއްޗަށް އެދޭފަރާތުގެ ޢާއިލާ (އަނބި/ފިރިމީހާ އާއި ދަރިން) ދިރިއުޅެނީ އޭނާގެ ނުވަތަ އަނބި/ފިރިމީހާގެ މައިންބަފައިންގެ ވަޒަނެއް ފިޔަވައި އެހެން މީހެއްގެ ހިޔާވެއްސެއްގައިނަމަ |
7.15 |
5 |
ގޯއްޗަށް އެދޭފަރާތުގެ ޢާއިލާ (އަނބި/ފިރިމީހާ އާއި ދަރިން) ދިރިއުޅެނީ އޭނާގެ ނުވަތަ އަނބި/ފިރިމީހާގެ މައިންބަފައިންގެ ވަޒަނުގައި ނަމަވެސް ދެމަފިރިންނާއި ދަރިން (2 އަހަރުން މަތީ) ނިދަންޖެހިފައިވަނީ އެއްކޮޓަރިއެއްގައި ކަމަށްވާނަމަ |
7.16 |
15- |
ގޯއްޗަށް އެދޭފަރާތާއި އެމީހާގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކަށް 600 (ހަސަތޭކަ) އަކަފޫޓަކަށްވުރެ ބޮޑުބިމެއް ނުވަތަ ފުލެޓެއް ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތި ނެތް މީހަކު ނޫން އެހެން މީހަކަށް އެބިންކޮޅު ދޫކޮށްލާފައިވާނަމަ. |
7.17 |
5- |
ގޯއްޗަށް އެދޭފަރާތާއި އެމީހާގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިމެއް ނުވަތަ ފުލެޓެއް ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތި ނެތް މީހަކު ނޫން އެހެން މީހަކަށް އެބިންކޮޅު ދޫކޮށްލާފައިވާނަމަ. |
7.18 |
25- |
ގޯއްޗަށް އެދޭފަރާތަށް މީގެ ކުރިން ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ފުލެޓެއް ލިބި، ނުވަތަ އޮވެ އެ ގޯތި ނުވަތަ ފުލެޓު ދޫކޮށްލާފައި ނުވަތަ ވިއްކާލާފައި ވާނަމަ |
7.19 |
25- |
އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވިޔަސް ލިބިފައި ނުވަތަ ހިބައަކުން ނުވަތަ ވަސިއްޔަތަކުން އަދި ތަރިކައަކުން ނަމަވެސް 600 ފޫޓަށްވުރެއް ބޮޑު ބިމެއް ލިބިފައިވުން. |
7.20 |
8 ޕޮއިންޓް ލިބޭ ބައިތަކަށް ރިއާޔަތްކުރާނެ ގޮތް:
8.1) ރަށްވެހިކަމުގެ ބައި
(ހ) ބ. މާޅޮހު ރަށްވެހިން ކަމުގައި ބަލާނީ ބ. މާޅޮހު ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނެވެ. އެއްވެސް ސަބަބަކާއި ހުރެ ރަށުން ބޭރުގައި ދިރިއުޅުނު ކަމުގައި ވީ ނަމަވެސް އެމީހަކު ބަލާނީ ރަށުގެ ރަށްވެއްސެއްގެ ގޮތުގައެވެ. ރަށްވެހިކަން ކަށަވަރުކުރާނީ ރަށުކައުންސިލްގެ އިދާރާގެ ރަށްވެހިކަމާބެހޭ ލިޔެކިޔުންތަކުންނެވެ.
(ށ) ބ. މާޅޮހުގައި ދިރިއުޅޭކަން ކަށަވަރު ކުރާނީ ވަޒީފާގައި އުޅޭނަމަ އެ އިދާރާއަކުން/އިދާރާތަކުން ދޭ ލިޔުމުންނެވެ. އަދި މީހަކާ އިނދެގެން ބ.މާޅޮހުގައި ދިރިއުޅޭކަން ކަށަވަރު ކުރާނީ ކައިވެނީގެ ސެޓްފިކެޓުންނާއި ބ. މާޅޮހުގައި އުޅޭތާވީ މުއްދަތު އެނގޭނޭގޮތަށް އެކަން ދަންނަ، 2 ހެކިންގެ ކިބައިންނެވެ.
(ނ) މެދުނުކެނޑި ބ.މާޅޮހުގައި ދިރިއުޅޭކަން ކަށަވަރުކުރާނީ ވަޒީފާގައި އުޅޭކަމުގެ ލިޔުންތަކުން/ ބ. މާޅޮހުގައި މެދުނުކެނޑި އުޅޭތާވީ މުއްދަތު އެންގޭނޭ ގޮތަށް އެކަން ދަންނަ، 2 ހެކިންގެ ހެކިބަހުންނެވެ. ރަށުން ބޭރުގައި މަތީ ތަޢުލީމު ޙާސިލްކުރަމުންދާ ފަރާތްތަކާއި ދާއިމީކޮށް ރަށުން ބޭރުގައި ސިއްޙީ ބޭސްފަރުވާ ހޯދަން ޖެހިފައިވާ ފަރާތްތައް މީގެ ތެރެއިން އިސްތިސްނާ ވާނެއެވެ.
8.2) ކައިވެނީގެ ބައި
(ހ) ގޯއްޗަށް އެދޭމީހާ، މީހަކާ އިނދެގެން އުޅޭކަން ކަށަވަރުކުރުމުގައި ބަލާނީ ފޯމާއިއެކު ހުށަހަޅާ އެމީހަކު މީހަކާ އިނދެގެން އުޅޭކަން އެނގޭނެ ޝަރުޢީ ލިޔުމުންނެވެ.
(ށ) ގޯއްޗަށް އެދޭ މީހާ، މީހަކާ އިނދެ ވަރިކޮށްފައި ވާކަން ކަށާވަރުކުރުމުގައި ބަލާނީ ފޯމާއިއެކު ހުށަހަޅާ ވަރިކޮށްފައިވާކަން އެނގޭނެ ޝަރުޢީ ލިޔުމުންނެވެ.
(ނ) ގޯއްޗަށް އެދޭމީހާގެ އަނބި/ފިރިމީހާ މަރުވެފައިވާކަން ކަށަވަރުކުރުމުގައި ބަލާނީ، ފޯމާއިއެކު ހުށަހަޅާ އަނބި/ފިރިމީހާ މަރުވެފައިވާކަން އެނގޭނެ ރަސްމީ ލިޔުމަކުންނެވެ.
(ރ) ގޯއްޗަށް އެދޭމީހާގެ ކައިވެނީގައި ވީމުއްދަތު ބަލާނީ އެކަމާބެހޭ ޝަރުޢީ ލިޔުމުންނެވެ.
8.3) ބަލަދުވެރިންގެ ބައި
(ހ) ގޯއްޗަށްއެދޭމީހާގެ، ގޯއްޗެއް/ފުލެޓެއް ނެތް އުފަންދަރިން ކަމުގައިބަލާނީ އެމީހެއްގެ ދަރިންކަމުގައި އެމީހަކު ބަޔާންކޮށްފައިވާ ފަރާތްތައް ސަރުކާރުގެ އިދާރާތަކުން ބަލައިގެންނެވެ. މިގޮތުން އުފަންދަރިން ކަށަވަރުކުރުމަށްފަހު އެދަރިންނަށް ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ގޯތި/ފުލެޓް ލިބިފައިވޭތޯ ބަލާނީއެވެ. މިކަންބަލާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށްގެންނެވެ.
(ށ) އަނބިދަރިން ފިޔަވައި ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުން ކަށަވަރުކުރާނީ ޝަރުޢީ ލިޔުމަކުންނެވެ. ގޯތިނެތް މީހުން ކަށަވަރުކުރާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށްގެންނެވެ. މިގޮތުންބަލާއިރު ރާއްޖޭގެ އެއްވެސް ރަށަކުން 600 (ހަސަތޭކަ) އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ބިމެއް/ފުލެޓެއް ލިބިފައިވާނަމަ މިބައިގެ ޕޮއިންޓެއް އެފަދަ ފަރާތަކަށް ނުލިބޭނެއެވެ.
(ނ) ގޯއްޗަށްއެދޭފަރާތުގެ ޚާއްޞަ އެހީއަށް ބޭނުންވާ އުފަންދަރިއެއް ހުރިކަން ކަށަވަރުކުރާނީ، އެފަދަކުއްޖަކު ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްގެގޮތުގައި ރެޖިސްޓްރީ ވެފައިވާ ކަމުގެ ލިޔުން ފޯމާއިއެކު ހުށަހެޅުމުންނެވެ.
(ރ) އުފަން ދަރިންނަށް ޚަރަދުކުރާކަން ސާބިތު ކުރުމުގައި ހުރިހާ ފަރާތްތަކަކީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ދަރިންނަށް ޚަރަދު ހަމަޖައްސަމުން ގެންދާ ފަރާތްތަކަށް ނުވެދޭނެތީ، ޝަރުޢީ ލިޔުމުގެ އިތުރުން، ކުދިންގެ ބައްޕަގެ ފަރާތުން ކުދިންނަށް ދޭންޖެހޭ ޚަރަދު ދޭކަން ސާބިތުކުރުމަށްޓަކައި، އެފަރާތަކުން ކޮށްފައިވާ ޚަރަދުދައްކުވާދޭ ބޭންކް ސްލިޕް ނުވަތަ ކުއްޖާގެ މަންމަ ނުވަތަ ކުއްޖާ ބަލާ ފަރާތް ކުއްޖާގެ ބައްޕަ ޚަރަދުކުރާ ކަމަށްބުނެ ހުށަހަޅާފައިވާ ސިޓީއަކީ މިއުޞޫލުގެ ބޭނުމަށް ބަލައިގަނެވިދާނެ ލިޔުމެކެވެ
8.4) ގޯއްޗަށް އެދޭމީހާއާއި، އަނބި / ފިރިމީހާގެ ގޯތި ގެދޮރުގެ ޙާލަތު:
(ހ) ގޯއްޗަށް އެދޭމީހާގެ ޢާއިލާ (އަނބި/ފިރިމީހާއާއި ދަރިން) ދިރިއުޅެނީ ތަނެއް ކުއްޔަށްހިފައިގެން ކަމަށްބަލައި އެބަޔަށް ޕޮއިންޓް ލިބޭނީ ބ.މާޅޮހުން، ގެއެއް ކުއްޔަށްހިފައިގެން އުޅޭކަން އެނގޭނެ، ގޭގެ ވެރިފަރާތާއިދެމެދު ވެފައިވާ އެއްބަސްވުން ހުށަހަޅައިފައިވާނަމައެވެ.
(ށ) ގޯއްޗަށްއެދޭމީހާގެ ޢާއިލާ ( އަނބި/ފިރިމީހާއާއި ދަރިން) ދިރިއުޅެނީ މައިންބަފައިންގެ ވަޒަން ފިޔަވައި އެހެންމީހެއްގެ ހިޔާވައްސެއްގައި ކަމުގައިވާނަމަ އެބަޔަށް ޕޮއިންޓްލިބޭނީ މިވަގުތު ބ.މާޅޮހުގައި އެފަދަގޮތަކަށް ދިރިއުޅޭ މީހުންނަށެވެ. އަދި އެފަދަގޮތަކަށް ދިރިއުޅޭކަން އަންގައިދޭ، ގޭގެ ވެރިފަރާތުގެ ލިޔުމެއް ހުށަހަޅައިފައިވާނަމައެވެ.
(ނ) ގޯއްޗަށްއެދޭމީހާގެ ޢާއިލާ ( އަނބި/ފިރިމީހާއާއި ދަރިން) ދިރިއުޅެނީ އޭނާގެ ނުވަތަ އަނބި/ ފިރިމީހާގެ މައިންބަފައިންގެ ވަޒަނުގައި ނަމަވެސް ދެމަފިރިންނާއި ދަރިން ނިދަންޖެހިފައިވަނީ އެއްކޮޓަރިއެއްގައި ކަމަށްވާނަމަ، އެބަޔަށް ޕޮއިންޓްލިބޭނީ މިވަގުތު އެފަދަގޮތަކަށް ދިރިއުޅޭ މީހުންނަށެވެ. އަދި ދެމަފިރިންނާއި ދަރިން ނިދަންޖެހިފައިވަނީ އެއްކޮޓަރިއެއްގައި ކަމަށް ބަލާނީ ދެމަފިރިން ނިދާކޮޓަރި ފިޔަވައި ދަރިން ނިދާނެ އެހެން ކޮޓަރިއެއް އެގޭގައި ނެތްނަމައެވެ. ނަމަވެސް ދެމަފިރިންނާއި ދަރިން ނިދާ ކޮޓަރި، ޢާއިލީ ކޮޓަރިއެއްގެ ގޮތުގައި ކޮޓަރިތެރެއިން ބައެއް ވަކިކޮށް އެބައިގައި ދަރިންނަށް ނިދޭނެގޮތް ހަދާފައިވާނަމަ ދެމަފިރިންނާއި ދަރިން އެއްކޮޓަރީގައި ނިދަނީކަމަށް ނުބެލެވޭނެއެވެ. މިކަން ކަށަވަރުކުރާނީ އިވެލުއޭޓްކުރާނީ ގޯތި ކޮމިޓީން ގޭގެއަށް ޒިޔާރަތްކޮށްގެންނެވެ.
(ރ) ގޯއްޗަށްއެދޭމީހާގެ އަނބި/ފިރިމީހައަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއް/ފުލެޓެއް ލިބިފައިވާކަމަށް ބަލާނީ ގޯތިގެދޮރާއިބެހޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ.
(ބ) ގޯއްޗަށްއެދޭމީހާގެ އަނބި/ފިރިމީހައަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ބޮޑު ބިމެއް/ފުލެޓެއްލިބި، ބެހެނިވެރިންގެ ތެރެއިން ގޯތިނެތްމީހަކު ނޫން އެހެން މީހަކަށް އެބިން/ފުލެޓް ދޫކޮށްފައިވާކަން ނުވަތަ ނޫންކަން ބަލާނީ ގޯތިގެދޮރާއި ގުޅޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ.
(ޅ) ގޯއްޗަށްއެދޭމީހާއާއި އެމީހާގެ އަނބި/ފިރިމީހައަށް ރާއްޖޭގެ އެއްވެސް ރަށަކުން/ތަނަކުން 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބިމެއް/ފުލެޓެއް ލިބި، ބެހެނިވެރިންގެ ތެރެއިން ގޯތިނެތްމީހަކު ނޫން އެހެން މީހަކަށް އެބިން/ފުލެޓް ދޫކޮށްފައިވާކަން ނުވަތަ ނޫންކަން ބަލާނީ ގޯތިގެދޮރާއިބެހޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ.
(ކ) ގޯއްޗަށްއެދޭމީހާގެ މަންމަ/ބައްޕަގެ (މަންމަ / ބައްޕަނިޔާވެފައިވާނަމަ) ގޯތި/ފުލެޓް ބެހެނިވެރިންގެ މެދުގައި ބެހުމުން މީހަކަށްޖެހޭމިންވަރު 1200 (ބާރަސަތޭކަ) އަކަފޫޓަށްވުރެ ބޮޑުބިމެއް ލިބިފައި ނުވަތަ ލިބޭގޮތަށް ހަމަޖެހިފައިވާކަމަށް ބަލާނީ ގޯތިގެދޮރާއި ގުޅޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ.
(އ) ގޯއްޗަށްއެދޭމީހާގެ މަންމަ/ބައްޕަގެ (މަންމަ / ބައްޕަނިޔާވެފައިވާނަމަ) ގޯތި/ފުލެޓް ބެހެނިވެރިންގެ މެދުގައި ބެހުމުން މީހަކަށްޖެހޭމިންވަރު 1200 (ބާރަސަތޭކަ) އަކަފޫޓާއި 600 (ހަސަތޭކަ) އަކަފޫޓާއި ދެމެދުގެ ބިމެއް ލިބިފައި ނުވަތަ ލިބޭގޮތަށް ހަމަޖެހިފައިވާކަމަށް ބަލާނީ ގޯތިގެދޮރާއި ގުޅޭގޮތުން ކޮށްފައިވާ މުޢާމަލާތުގެ ރަސްމީ ލިޔުންތަކުންނެވެ.
(ވ) ގޯއްޗަށް އެދޭފަރާތަށް މީގެކުރިން މިރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ފުލެޓެއްލިބި، ނުވަތަ އޮވެ އެގޯތި ނުވަތަ ފުލެޓް ދޫކޮށްލާފައިވާކަން ކަށަވަރުކުރާނީ މި އިދާރާގައިހުރި މިކަމާއިގުޅޭ ލިޔެކިޔުންތަކުންނާއި އެހެނިހެން ރަށްރަށުގެ ކައުންސިލުން ނުވަތަ އެކަމާއިގުޅޭ ސަރުކާރުގެ ވުޒާރާއަކުން ހޯދާ މަޢުލޫމާތުތަކުންނެވެ.