ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2023/70
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:02
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕެޓް ސިސްޓަމްއިން ދެވޭ ޙިދުމަތްތަކާ ގުޅޭ

އިޢުލާން

އެކްސްޕެޓް ސިސްޓަމްއިން ދެވޭ ޙިދުމަތްތަކާ ގުޅޭ

 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި، އެ ބިދޭސީންގެ ކަންކަން ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ ނިޒާމެއް އެކުލަވާލައި، ޙިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް މި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދޫކުރެވޭ ކޯޓާ ބޭނުންކުރުމުގެ އިންތިޒާމަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޕްލިމެންޓްކުރުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމްއިން ދެމުންގެންދިޔަ ބައެއް ހިދުމަތްތައް 26 ފެބްރުއަރީ 2023 އިން 11 މާރިޗު  2023 ގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު، 2023 މާރިޗް 12 ވަނަ ދުވަހު ސިސްޓަމް އަލުން ހުޅުވާލެވޭނެއެވެ. ސިސްޓަމް ހުޅުވާލެވޭއިރު، ދިވެހިރާއްޖެއަށް ވަޒީފާއަދާ ކުރުމަށް ގެންނަ ބިދޭސީންނަށް ދައްކަންޖެހޭ ކަމަށް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކޯޓާ ފީ، ވަޒީފާދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެއްކޭނެ ނިޒާމު ހަމަޖެހިފައިވާނެއެވެ.  ކޯޓާ ފީ  އަކީ، ވަޒީފާ ދޭ ފަރާތުން "ޔުޓިލައިޒް" ކުރާ ކޮންމެ ކޯޓާ އަކަށް 12 (ބާރަ) މަސްދުވަހުގެ މުއްދަތަށް 2000 (ދެހާސް) ރުފިޔާއެވެ.

ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތެއްގެ މަތިން ކޯޓާ ފީ ދެއްކުމުގެ ކަންތައްތައް ހަމަޖައްސައި ދިނުމަށްޓަކައި، ކޯޓާ ފީ 12 (ބާރަ) މަސްދުވަހަށް ބަހާލައިގެން ޝެޑިއުލް ޕޭމަންޓެއްގެ ގޮތުގައި ދެއްކުމުގެ އިޚްތިޔާރު ސިސްޓަމް ތެރެއިން ވަޒީފާ ދޭ ފަރާތަށް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދެވިފައިވާނެ ވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

ދަންނަވަމެވެ. އެކްސްޕެޓް ސިސްޓަމަށް ގެނެވޭ ބަދަލުތަކުގެ އަޕްޑޭޓްތަކުގެ ތަފްސީލް ޔޫސަރ ގައިޑް ވަޒީފާދޭ ފަރާތްތަކަށާއި، ސިސްޓަމް ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ސިސްޓަމްގެ ހޯމްޕޭޖް xpat.egov.mv އިން ލިބިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ.  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ހޮޓްލައިން 1500 ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 މާރިޗު 2023