ދިވެހިރާއްޖެ
މިކައުންސިލުގެ ނަންބަރ: (IUL)272-ESMS/272/2022/106 އިޢުލާނުންވާނީ، ޤާނޫން ނަންބަރ 98/21 އާއި އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓްރީ ނުކުރެވިވާ އަމިއްލަ ފަރާތްތަކުގެ އެންމެހާ ރުއްގަސް ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޭގޭގެ ނަންބަރުގެ ދަށުން ދަފްތަރުކުރުމަށް މުއްދަތުދެވިފައެވެ. އެހެންނަމަވެސް ހުށަހެޅުނު ބައެއްޝަކުވާތަކާއި ގުޅިގެން މިކައުންސިލުގެ ނަންބަރު: 66 ބައްދަލުވުމުން ނިންމާފައިވަނީ 1998 ވަނަ އަހަރު އެކުލަވާލަންފަށާފައިވާ ބަންޑާރަ ރުއްގަސް އިންދުމުގެ ދަފްތަރާ ގުޅުވައިގެން، އަމިއްލަ ފަރުދުންގެ ނަމުގައި ރުއްގަސް އިންދުމަށް ރަޖިސްޓްރީ ނަންބަރު ދޫކޮށް ދަފުތަރު އެކުލަވާލުމަށެވެ. އެހެންކަމުން މިދަފްތަރުގެ ދަށުން މިހާތަނަށް ރަޖިސްޓްރީ ނުކުރެވިވާ ފަރާތްތަކުން 3 މަސް (15 މެއި 2023 ގެ ނިޔަލަށް) ދުވަހުގެ ތެރޭގައި އެފަރާތްތަކުގެ ނަން ރަޖިސްޓްރީކޮށް ލިބޭ ނަންބަރު ރުއްގަހުގައި ޖެހުމަށް ފަހު ރުއްގަސް ދަފްތަރުކުރުމަށް ހުށަހެޅުމަށް ދަންނަވަމެވެ. އަދި ކުރިން ރަޖިސްޓްރީކޮށް ރުއްގަސް ދަފްތަރުކޮށްފައިވާ ފަރާތްތަކުންވެސް، ރުއްގަހުގެ ލިސްޓަށް އައިސްފައިވާ އުނިއިތުރު ލިއުމުން ހުށަހެޅުމަށް ދަންނަވަމެވެ.
އަދި ދަފްތަރުގައި ޖެއްސުމަށް ލިއުމުން ހުށަހަޅަންވާނީ، އެފަރާތަކަށް ނިސްބަތްވާ އެންމެހައި ރުއްގަހުގައި އެފަރާތަކަށް ދޫކުރެވޭ ނަންބަރު، ގިނަދުވަހަށް ފެންނަން ހުންނާނޭހެން ޖެހުމަށް ފަހުގައެވެ. އަދި މިގޮތައް ހުށަހަޅާސިޓީގައި ރުއްގަސް ހުރީ ރަށުގެ ކޮންސަރަހައްދެއްގައިކަން އެނގެން އޮންނަންވާނެއެވެ. ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ޤާނޫން ނަންބަރ 98/21 އާއި އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓްރީ ނުކުރެވިވާ އެންމެހައި ރުއްގަހަކީ އެޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ބަންޑާރަތަކެތީގެ ގޮތުގައި ކަނޑައެޅޭނެއެވެ.
އަދި މިއަދުންފެށިގެން، ބަންޑާރަ އެއްވެސް ބިމެއްގައި ރުކެއް ނުވަތަ ގަހެއް އިންދަންވާނީ ކައުންސިލަށް އެންގުމަށްފަހު ކައުންސިލުން ދައްކާ ސަރަހައްދެއްގައިކަމުގައި ދަންނަވަމެވެ. އަދި މިގޮތައް އިންދާ ރުއް ނުވަތަ ގަސް ދަފްތަރު ކުރެވޭކަން ކަށަވަރުކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ވީމާ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.