ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކުގެ މައްސަލަތަކާ ގުޅޭ ކްލޯޒްޑް ހިއަރިންގ ބާއްވާ ތާރީޚުތައް އިޢުލާންކުރުން
މި އޮފީހުގެ ނަންބަރު (IUL)486-MPR/1/2022/46 (15 ނޮވެންބަރު 2022) އަދި ނަންބަރު (IUL)489-MPR/1/2022/48 (08 ޑިސެންބަރު 2022) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ. 01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާ ކަމަށް ބުނެ ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތަކުގެ ތެރެއިން، މިހާރު ޖަލުތަކުގައި ތިބި ގައިދީންގެ ބަޔާންތައް ނެގުމަށް 26 ފެބުރުވަރީ 2023 އިން 03 މާރިޗު 2023ގެ ނިޔަލަށް އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިކަމާ ގުޅޭ އިތުރު އަޑުއެހުންތަކެއް މާލޭ ސިޓީގައިވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި، މާލޭ ސިޓީގެ އަޑުއެހުންތައް ބާއްވާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެ ވާހަކަވެސް ދަންނަވަމެވެ.
މި އަޑުއެހުންތަކާ ގުޅޭ މަޢުލޫމާތު މި އޮފީހުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް މެދުވެރިކޮށް ޢާންމުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
08 ރަޖަބު 1444
30 ޖަނަވަރީ 2023