ނޫސްބަޔާން
ނަންބަރު: (IUL)133-AS/133/2023/1
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 19:43
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ކަނޑައެޅިފައިވާ މުއްދަތުގައި އުފަންވުން ރަޖިސްޓްރީނުކުރުމުން ކުރުމަށް ކަނޑައެޅިފައިވާ ޖޫރިމަނާއާއިގުޅޭ

ނޫސްބަޔާން

އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2022/23)

އުފަންވުން ރަޖިސްޓަރީނުކުރުން 38. ވަނަމާއްދާ މި ޤާނޫނުގައި ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރުމަށް ލާޒިމުކޮށްފައިވާ މުއްދަތުގެ ތެރޭގައި ނުވަތަ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ލާޒިމުކުރާ މުއްދަތުގެ ތެރޭގައި، ކުއްޖާގެ މައިންބަފައިން ނުވަތަ މައިންބަފައިން ނެތް ޙާލަތެއްގައި އެކަން ކުރުމަށް މި ޤާނޫނުން ލާޒިމުކުރާ އެހެން ފަރާތަކުން އެކަން ނުކޮށްފިނަމަ، އެކަން ނުކުރި ސަބަބަށް ރިޢާޔަތްކޮށް، 10,000 (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން އެ ފަރާތެއް ޖޫރިމަނާކުރެވޭނެއެވެ. މިގޮތަށް މިޤާނޫނުގައި އޮތުމުން ވަރަށް ގިނަ ޢާންމު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން މިޑިޕާޓްމަންޓަށް ފާހަގަކުރެވެމުންދާތީ ދަންނަވާލަމެވެ.

މިޤާނޫނުގެ 3 (ތިނެއް) ވަނަ މާއްދާގައިވާ "ދިވެހިރާއްޖޭގައި އުފަންވާ ކުދިންނާއި ދިވެހިރާއްޖޭން ބޭރުގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިންގެ އުފަންވުން ރަޖިސްޓްރީކުރުމަށް ލާޒިމުވުން"

މިޤާނޫނުގެ 4 (ހަތަރެއް) ވަނަ މާއްދާގެ (ހ) ދިވެހިރާއްޖޭގައިނަމަ، އުފަންވާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކުއްޖަކު އުފަންވި ރަށެއް ނުވަތަ ސިޓީގެ ކައުންސިލަށް ރަޖިސްޓްރީ ކުރަން ހުށަހެޅުން އަދި މި މާއްދާގެ (ށ) ގައި ކުއްޖާ އުފަންވީ މީހުން ދިރިއުޅޭ ރަށެއްގައި ނުވަތަ ސިޓީއެއްގައި ކަމުގައި ނުވާނަމަ، 4 (ހަތަރެއް) ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުގައި ކުއްޖާ އުފަންވުން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާނީ، އެ ކުއްޖާ އެންމެ ފުރަތަމަ ގެންދެވޭ މީހުން ދިރިއުޅޭ ރަށް ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ. (ނ) މި މާއްދާގެ (ހ) އާއި (ށ) ގެ ބޭނުމަށްޓަކައި، މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ދިވެހިރާއްޖޭގައި އުފަންވާ ކުއްޖެއްގެ ފޫޅުމާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން، އެ ކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރަން ހުށަހެޅުނީ ކަމުގައި ބެލެވޭނެއެވެ.

އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން: 15 ވަނަ މާއްދާގެ (ހ) ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު، ނުވަތަ ދިވެހިރާއްޖެއިން ބޭރުގައި ދިވެހިރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކު، އުފަންވާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، އެ ކުއްޖެއްގެ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅަންވާނެއެވެ.

 

ދިވެހިރާއްޖޭގައި އުފަންވުމާއި މަރުވުން ރަޖިސްޓްރީކޮށް ބެލެހެއްޓުމަށް ޕޯޓަލެއް ޤާއިމުކުރުމުގެ ކުރިން އަމަލު ކުރަމުން ދިޔަގޮތަކީ ކުއްޖަކު އުފަންވުމުން ޑީ.އެން.އާރ އިން ހޮސްޕިޓަލް / ސިއްޙީމަރުކަޒުތަކަށް ފޮނުވާފައިވާ ފޫޅުމާފޯމު ފުރުމަށްފަހު، ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއާ ފޫޅުމާ ފޯމުގެ ކޮޕީ (ހުދު ކުލައިގެ ކޮޕީ) ހަވާލުކުރުމުން އުފަންވުން ރަޖިސްޓްރީ ކުރުމަށްޓަކައި އެރަށެއްގެ ކައުންސިލަށް ހުށަހަޅަން ޖެހުމެވެ.

ޕޯޓަލެއް ޤާއިމުކުރުމަށްފަހު، މިހާރު މަސައްކަތް ކުރަމުންދާ ގޮތަކީ ކުއްޖަކު އުފަންވުމުން އެކުއްޖާ އުފަންވާތަނަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު އެންޓަކުރުމުން އެ ޕޯޓަލްއިން ފޫޅުމާފޯމު ޕްރިންޓްކޮށް ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާއަށް ހަވާލުކުރުމާއި އަދި އެފޫޅުމާފޯމު އެކުއްޖަކު އުފަންވީ ރަށެއްގެ ކައުންސިލަކަށް ވަގުތުން ސިސްޓަމް މެދުވެރިކޮށް ލިބިގެންދިއުމުން އުފަންވުން ރަޖިސްޓްރީ ކުރެވުނީއެވެ.

މި މާއްދާތަކަށް ރިޢާޔަތްކުރާއިރު އަދި މިހާރު އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު އުފަންވުން ރަޖިސްޓަރީ ކުރަން މި ޤާނޫނުން ލިބޭ މުއްދަތު ކުރުވެގެން އުފަންވުން ރަޖިސްޓަރީ ނުކޮށްގެން ޖޫރިމަނާ ވެދާނެކަމުގެ ބިރެއް އުފެދޭންޖެހޭ ސަބަބެއް ނެތްކަމަށް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދަންނަވާލީމެވެ. އަދި މިޤާނޫނާއި ގުޅޭ ގޮތުން ހަދަންޖެހޭ ޤަވާއިދުތައް (މިޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުންގެމަތިން) 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި ގެޒެޓުކޮށް ޢާއްމު ކުރެވޭނެއެވެ.

25 ޖަނަވަރީ 2023