ދިވެހިރާއްޖެ
އިޢުލާން
"ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ޑިޒައިން ކުރުމުގެ މުބާރާތް
ދިވެހި ރާއްޖޭގެ އުފެއްދުންތައް ކުރިއަރުވާ، ޕްރޮމޯޓްކޮށް އަދި ރާއްޖޭގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެގޮތް ފަހިކުރުމުގެ ބޭނުމުގައި، ރާއްޖޭގެ އުފެއްދުމެއްކަން އަންގައިދޭ ނިޝާން، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ލޯގޯ ރާއްޖޭގެ އުފެއްދުންތަކުގައި ޖަހައިދެވޭނެ އުސޫލެއް ނުވަތަ ސެޓިފިކޭޝަން ސްކީމެއް ތަޢާރަފުކުރުމަށް މިމިނިސްޓްރީން ކުރަމުން ދާ މަސައްކަތުގައި، މި ސްކީމްގައި ބޭނުންކުރެވޭނެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތަށް ލޯގޯ ޑިޒައިން ހުށަހެޅުމުގެ ފުރުސަތު 30 ސެޕްޓެންބަރު 2014ގެ ނަންބަރު (IUL)101-AF/1/2014/134 އިޢުލާން އަދި 09 ނޮވެންބަރު 2014ގެ ނަންބަރު (IUL)101-FT/1/2014/156 އިޢުލާނުން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.
ނަމަވެސް، މި 2 އިޢުލާނާ ގުޅިގެން އެކަށީގެންވާ ލޯގޯ ޑިޒައިން ލިބިފައި ނުވާތީ، މި މުބާރާތަށް ލޯގޯ ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ. "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ލޯގޯ ފަރުމާކުރުމުގެ މުބާރާތަށް ލޯގޯ ޑިޒައިން ކުރުމުގެ މިނަގަނޑުތަކާއި، މުބާރާތާގުޅޭ އިތުރު މަޢުލޫމާތު ދިނުމުގެ ގޮތުން، 24 ޑިސެންބަރު 2014ވާ ބުދަ ދުވަހުގެ 14:00ގައި މި މިނިސްޓްރީގައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވޭނެއެވެ.
މި މުބާރާތަށް ލޯގޯ ހުށަހެޅުމުގެ އައު ސުންގަޑި އަކީ 20 ޖަނަވަރީ 2015ވަނަ ދުވަހުގެ މެންދުރު 14:00އެވެ.
މި މުބާރާތުން އެއްވަނައަށް ދާފަރާތަކަށް -/25,000 (ފަންސަވީސް ހާސް) ދިވެހި ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށް ދާފަރަތެއްގެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ސެޓިފިކޭޝަން ސްކީމްގެ ލޯގޯގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.
މި މުބާރާތުގެ ރޫލްސް އަދި ގައިޑްލައިންސް، އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިނިސްޓްރީގެ ނަންބަރު 3333199 / 3333154 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.