ނޫސްބަޔާން
ނަންބަރު: (PR)203-LAW/1/2023/3
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 29 ޖަނަވަރީ 2023 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އދ. ހުރުއެޅި ބަނދަރުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމާ ގުޅިގެން ކުރެވޭ ޖޫރިމަނާ

ނޫސްބަޔާން

އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އދ. ހުރުއެޅި ބަނދަރުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމާ ގުޅިގެން ކުރެވޭ ޖޫރިމަނާ

ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އިން އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ބައެއް މަސައްކަތްތައް އީ.އައި.އޭ މަރުޙަލާ ފުރިހަމަ ނުކޮށް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަވުމާއި ގުޅިގެން މި އެޖެންސީން އެ މައްސަލަ ބަލާފައިވެއެވެ.

އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ރިޕޯޓެއް މި އެޖެންސީއަށް ޙިއްސާކޮށްދެއްވުމަށް އެދިފައިވުމާއި ގުޅިގެން 28 ނޮވެމްބަރ 2022 ގައި އެ ފަރާތުން ފޮނުވާފައިވާ އިންސިޑެންޓް ރިޕޯޓުގައި އދ. ހުރުއެޅި ބަނދަރު ތަރައްޤީކުރުމުގެ ތެރޭގައި 1055 އަކަމީޓަރުގެ ގެ ސަރަޙައްދެއްކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ޤާއިމްކޮށްފައިވާކަމާއި، މި މަސައްކަތުގައި ނެގުނު ވެލިތައް އަލަށް ޤާއިމްކުރެވުނު ބަނދަރާއި އިންވެގެން ބަނދަރުގެ "ކީ ވޯލްގެ" ފަހަތަށް އަޅާފައިވާކަމަށް ބަޔާންކޮށް، އދ. ހުރުއެޅި ބަނދަރުގެ މަސައްކަތްތައް 15 ޖުލައި 2022 ގައި ފަށައި، 30 ސެޕްޓެމްބަރ 2022 ގައި ނިންމާފައިވާކަމަށް އިޢުތިރާފްވެފައިވެއެވެ.

ވުމާއެކު، އދ. ހުރުއެޅި (ރެޑިސަން ބްލޫ މޯލްޑިވްސް) ގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އދ. ހުރުއެޅި ބަނދަރުގެ މަސައްކަތް އީ.އައި.އޭ މަރުޙަލާ ފުރިހަމަނުކޮށް ކުރިޔަށް ގެންދިޔުމާ ގުޅިގެން ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު: 2012/R-27(ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ ދަށުން 20,000 (ވިހި ހާސް) ރުފިޔާ އިން ޖޫރިމަނާކޮށް އަދި، ގަވާއިދު ނަންބަރު 2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން 28,469,525.00 (އަށާވީސް މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ނުވަހާސް ފައްސަތޭކަ ފަންސަވީސް) ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ ޖޫރިމަނާކުރެވިފައެވެ.

މިހެންކަމުން، މި ޖޫރިމަނާގެ ޖުމްލަ ފައިސާގެ ޢަދަދު ކަމުގައިވާ 28,489,525.00 (އަށާވީސް މިލިއަން ހަތަރުލައްކަ އަށްޑިހަ ނުވަހާސް ފައްސަތޭކަ ފަންސަވީސް) ރުފިޔާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް 19 ޖެނުއަރީ 2023 ގައި ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފައެވެ.   

29   جُمَادَى الْآخِرَة      1444

22 ޖަނަވަރީ 2023