ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
182-Enf/CIR/2022/08:ނަންބަރު
އެލާރޓް
ބަރުދަން ލުއިކުރުމުގެ ކްލައިމްގައި ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ރާއްޖޭގައި ވިއްކަމުންގެންދާ Jamu Surut Ayu ގައި ޑޮކްޓަރީބޭސް، Lidocaine އަދި Sibutramine ހިމެނޭ ކަމަށް ދުނިޔޭގެ ގައުމުތަކުން ކޮށްފައިވާ ލެބޯޓްރީ ތަހުލީލުތަކުން ދައްކައެވެ. އަދި މިސަބަބާއި ހުރެ، މި ޕްރޮޑަކްޓް ވަނީ ދުނިޔޭގެ ގައުމުތަކުގައި މަނާކޮށްފައެވެ.
100% ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިޝްތިހާރުކޮށްފައިވާ އުފެއްދުމުގައި ހިމެނޭ Lidocaine އަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހަކަށްވާއިރު މި ބޭސް ކެއުމުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރުތައް އަދި މިހާތަނަށް އަންތާޒާ ކުރެވިފައިވެސް ނުވެއެވެ. މީގެ އިތުރުން Sibutramine އަކީ އޭގައި ހިމެނޭ ނުރައްކާތެރި ސައިޑް އިފެކްޓްތަކުގެ ސަބަބުން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެކެވެ. މިބޭހުގައި ހިމެނޭ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ފުރަމޭ ހަލާކުވުން، ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުން ހިމެނެއެވެ.
ވީމާ މިޕްރޮޑަކްޓް (Jamu Surut Ayu) ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، އަދި ބޭނުން ކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓަނެޓް އަދި އެނޫންވެސް ގޮތްގޮތުން މިފަދަ އުފެއްދުންތައް ބައްލަވައިގަންނަވާއިރު، ފުރިހަމަ މައުލޫމާތު ހޯދުމަށާއި މިފަދަ "ހެލްތް ފްރޯޑް" ތަކަށް އާއްމު ރައްޔިތުން ސަމާލުވުމަށްވެސް ދަންނަވަމެވެ.
އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 ފޯނަށް ގުޅުއްވުން އެދެމެވެ. މިއެލާޓުގައި ފާހަގަކޮށްފައިވާ ޕްރޮޑަކްޓްގެ ފޮޓޯ ހީރަސް ކުރެވިފައިވާނެއެވެ.