ޢާންމު މަޢުލޫމާތު
ނަންބަރު: 291/REG/2022/01
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:16
މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ޅޮހި ބަނދަރު ބޭނުންކުރުމާބެހޭ އުސޫލު 2022

ނ.ޅޮހި ބަނދަރު ބޭނުންކުރުމާ ބެހޭ އުޞޫލު 2022

1. ތަޢާރަފު

1-      މިއީ، ނ.ޅޮހީ ކައުންސިލުން އެކުލަވާލައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރުކުރައްވާފައިވާ  ނަމްބަރު 2013/R-55 "ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދު" ގެ ދަށުން އެކުލަވާލާފައިވާ ޅޮހީ ބަނދަރު ބޭނުންކުރުމާ ބެހޭ ޢާންމު އުޞޫލެވެ.

2-      މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މި އުޞޫލު ނ. ޅޮހީ ކައުންސިލުން އާންމުކުރާ ތާރީޚުން ފެށިގެނެނެވެ.

3-      މިއުޞޫލަށް ޢަމަލުކުރަން ފަށާތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި މިލަދުންމަޑުލުދެކުނުބުރީ ޅޮހި ކައުންސިލް އިދާރާއިން ބަނދަރު ސަރަޙައްދާއި ބަނދަރާގުޅޭ ފަޅުގެ ސަރަޙައްދު ކަނޑައަޅާ ޢާންމުކޮށް އިޢުލާން ކުރަންވާނެއެވެ.

2. ބަނދަރު ބެލެހެއްޓުން

4-      މިލަދުންމަޑުލުދެކުނުބުރީ ޅޮހި ބަނދަރު ބެލެހެއްޓުމަކީ މިލަދުންމަޑުލުދެކުނުބުރީ ޅޮހި ކައުންސިލް އިދާރާގެ ޒިންމާއެކެވެ. އަދި ބަނދަރަށް ލަފާފުރާ އުޅަނދުތަކުން ބަނދަރު ބޭނުންކުރަންވާނީ މިއުޞޫލާ އެއްގޮތަށްށެވެ.

5-      ކައުންސިލްއިދާރާގެ ފަރާތުން ބަނދަރު ބެލެހެއްޓުމަށާއި މިއުޞޫލުގެ ދަށުން ނަގަންޖެހޭ ފީނެގުމުގައި ޒިންމާވާ ފަރާތަކީ، ކައުންސިލްއިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓެވެ.

6-      ބަނދަރުގައި މަސްދޯނިފަހަރު އެޅުމަށާއި މުދާ ބޭލުމަށާއި އެހެނިހެން އުޅަނދުތައް އެޅުމަށް ސަރަޙައްދުތައް ކަނޑައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

3. ބަނދަރުގައި މުދާ ބޭލުމާއި މުދާ ބަރުކުރުން

7-      ކަނޑުގައި ދުއްވާ އުޅަނދުފަހަރު ބަރުކުރުމަށާއި މުދާ ބޭލުމަށް ބަނދަރުގައި ތޮށިގަނޑުގެ ދިގަށް ތޮށިގަނޑާ ކައިރިކޮށްފައި ބާއްވަން ވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ. 

8-      މި މާއްދާގެ (7) ގެ ދަށުން ފީ ނުދައްކައި މުދާ ބޭލުމަށް އުޅަނދު ބޭއްވޭނީ ގިނަވެގެން 36 (ތިރީސް ހައެއް) ގަޑިއިރަށެވެ. އެއަށްވުރެ އިތުރުވާ ކޮންމެ 24 (ސައުވީސް) ގަޑި އިރަކަށް -/200 (ދުއިސައްތަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. 24 (ސައުވީސް) ގަޑި އިރުން ފުރިހަމަ ނުވެ ގަޑިތަކެއް ހުރިނަމަވެސް 24 (ސައުވީސް) ގަޑިއިރުގެ ފީ ދައްކަން ވާނެއެވެ.

9-      މުދާ އަރުވާ ބޭލުމަށް ރަށުގެ ބަނދަރުގައި 24 ގަޑިއިރަށްވުރެ އިތުރަށް ބާއްވާނަމަ، ކައުންސިލަށް އެކަން އަންގަންވާނެއެވެ.

10-  ދޯންޏަށް މުދާ ބަރުކުރުމަށްޓަކައި ގެނެސް ހުންނަ މުދާ ބަހައްޓަންވާނީ ތޮށިގަނޑުން ފެށިގެން 10 ފޫޓް ދުރުމިނުގައެވެ. އަދި މިގޮތަށް މުދާ ބެހެއްޓޭނީ ގިނަވެގެން 24 ގަޑި އިރަށެވެ. މިއަށް ވުރެ އިތުރުވާނަމަ އިތުރުވާ ކޮންމެ 24 ގަޑި އިރަކަށް 100ރ ގެ ރޭޓުން ފީއެއް ނެގޭނެއެވެ.

11-  ދޯނިން ބާލާ މުދާވެސް ބަހައްޓަންވާނީ ތޮށިގަނޑުން ފެށިގެން 15 ފޫޓް ދުރުމިނުގައެވެ. މިގޮތުން ބާލާފައި ހުންނަ މުދާ މި ސަރަހައްދުގައި ބެހެއްޓޭނީ ގިނަވެގެން 3 ދުވަހުއެވެ. އެއަށްވުރެ ގިނަދުވަހު ބަހައްޓާނަމަ ދުވާލަކަށް 100ރ ރޭޓުން ފީއެއް ނެގޭނެއެވެ.

12-  މުދާ އަރުވާ ބޭލުމުގައި އުފެދޭ ކުނި ނައްތާލާ ބަނދަރު ސަރަޙައްދު ސާފުކުރުމަކީ މުދާ އަރުވާ ބާލާފަރާތުގެ ޒިންމާއެކެވެ. އަދި މުދާ އަރުވާ ބޭލުމުގައި ހަލާކުވުމުގެ ސަބަބުން ނުވަތަ ބޭނުންނެތިގެން ނަމަވެސް ބަނދަރަށް ދޫކޮށްފައިދާ މުދާ، 24 ގަޑި އިރު ތެރޭ ބަނދަރުން ނަގާ ބަނދަރު ސާފުކުރަން ވާނެއެވެ. މިގޮތަށް ޢަމަލު ނުކޮށްފިނަމަ އެފަދަ މުދަލެއް ކައުންސިލުން ނައްތާލަންވާނެއެވެ. އަދި މިފަދަ މުދަލެއް ނައްތާލުމަށް ހޭދަވާ ޚަރަދުގެ ޒިންމާ ނަގަންވާނީ އެ މުދަލެއް އަރުވާ ބޭލުމުގައި ޝާމިލުވާ އުޅަނދުތަކުގެ ވެރިފަރާތް، ކެޕްޓަން ނުވަތަ މުދާ އަރުވާ ބޭލުމުގައި ރަށުން ޙަވާލުވެ ހުރިފަރާތަކުންނެވެ.

13-  މުދާއަރުވާ ބޭލުމުގައި ތޮށިގަނޑަށް ގެއްލުން ވާގޮތަށް، ބަރު އެއްޗެހި ތޮށިގަނޑުމަށްޗައް އެއްލުމާއި ވައްޓާލުން ފަދަ ކަންކަމަކީ މަނާކަމެކެވެ.

14-  ވާޓަރު މަތީ އެއްވެސްކަހަލަ މުދަލެއް ޖަހާފައި ބެހެއްޓުމަކީ ހުއްދަ ކަމެއްނޫނެވެ.

15-  މުދާ އަރުވާ ބޭލުމަށް ޙާއްޞަ ސަރަޙައްދެއް ކަނޑަ އަޅައި، އެސަރަހައްދު ނިޝާން ބޯޑް ޖަހައި ފާހަގަކުރަން ވާނެއެވެ.

4. ބަނދަރު ސާފުކުރުން

16-  ޢާއްމުކޮށް ބަނދަރާއި ބަނދަރު ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.

17-  މުދާއަރުވާ ބޭލުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހެދި އެއްގަމު ސަރަޙައްދަށް އެޅޭ ތެލާއި ކުނިފަދަތަކެތި އެމަސައްކަތް ނިމުމާއެކު އެމަސައްކަތްކުރި ނުވަތަ އެމަސައްކަތް ކުރުވި ފަރާތަކުން ސާފުކުރަންވާނެއެވެ.

18-  މުދާ ހިފައިގެން ނުވަތަ މުދާ އަރުވަން ރަށަށް އަންނަ ދޯނިތަކުން، މުދާ ބޭލުމަށްފަހު ރަށުން ފުރުމުގެ ކުރިން، މުދާ އަރުވާ ބޭލުމުގައި އުފެދޭ ކުނި "ޅޮހީ ކުނި ނައްތާލުމާ ބެހޭ އުޞޫލުގެ" ދަށުން ނައްތާލަންވާނެއެވެ.

19-  ބަނދަރުގައި ހުންނަ ދޯނިތަކުން އަދި އެނޫންވެސް ބަނދަރު ބޭނުންކުރާ އެއްވެސް ފަރާތަކުން ފަޅަށް ޕްލާސްޓިކް، ތެޔޮ، ފައިބަރ ފަދަ އެއްވެސް ނުރައްކާތެރި ބާވަތެއްގެ ކުނި އެޅުމަކީ މަނާކަމެކެވެ. އަދި މިނޫންވެސް އެއްވެސް ބާވަތެއްގެ ކުންޏެއް ފަޅަށާއި ، ބަނދަރަށް އެޅުމަކީ މަނާކަމެކެވެ.

20-  މަސްކަނޑާފަ ބާކީވާ ކަށިފަތި ފަދަ ތަކެއްޗާއި ކަރު ގޮހޮރު ކަހަލަ ކުނިވާޒާތު އެއްޗެހި އަޅަންވާނީ އެކަމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދަށެވެ. ބަނދަރުމަތީ މަސްކަނޑާ ފަރާތްތަކުން ބަނދަރުގެ ސާފުތާހިރުކަމަށް ސަމާލުކަން ދޭންވާނެއެވެ. މިގޮތުން މަހުގެ ލެއާއި ހުޅުނބުފަދަ އެއްޗެހި އެއްކޮށް ނައްތާލާ ރަނގަޅަށް ފެންޖަހާ ސާފުކުރަން ވާނެއެވެ.

5 ބަނދަރާއި ފަޅު ބޭނުން ކުރުން

21-  ބަނދަރު ބޭނުންކުރަންވާނީ ރާއްޖޭގައި ހެދިފައި ހުރި ގަވާޢިދުތަކާއި، ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި ހިލާފުނުވާނެގޮތަށް، އެންމެންގެ ރައްކާތެރިކަމާއި، ޙައްޤުތަކަށް ވިސްނައިގެންނެވެ.

22-  މުދާއަރުވާ ބޭލުމަށް ޙާއްޞަ ކުރެވިފައިވާ ސަރަޙައްދުގައި އެއްވެސް ދޯންޏެއް އަޅާފައި ބާއްވައިގެން ނުވާނެއެވެ.

23-  ބަނދަރުގައި ދޯނި އެޅުމާއި ވާއެއްސުން ފަދަކަންކަން ކުރަންވާނީ ފަޅުގެ ބޭނުންކުރާ ފަރާތްތައްކަށް އުނދަގޫނުވާނެ ގޮތަށް ބަލައިގެންނެވެ.

24-  ފަޅުތެރޭގައި އެއްވެސް އުޅަނދެއް މަރާމާތު ކުރަންވާނީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ. ނ.ޅޮހީ ފަޅަކީ ޖާގަ ދަތި ފަޅެއްކަމުން ރަށުގެ ފަޅުގައި އަޅާފައިބާއްވައިގެން މަރާމާތުކުރެވޭނީ ނ. ޅޮހީގައި ދުއްވާ ކަނޑު އުޅަނދުފަހަރު އެކަންޏެވެ.

25-  ފަޅުގައި ބާއްވައިގެން ދޯނީގައި ކުރާމަސައްކަތަކީ އޭގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވެދާނެ ކަމެއްކަމަށް ކައުންސިލަށް ޤަބޫލުކުރެވޭ ޙާލަތްތަކުގައި މިފަދަ ހުއްދައެއް ދީގެން ނުވާނެއެވެ.

26-  ފައިބަރު ކުނޑި އަކީ އިންސާނުން ނަށާއި މަސްމަހާމެއްސައްވެސް ވަރަށް ގެއްލުން ހުރި ނުރައްކާ ބާވަތުގެ ކުންޏެއްކަމުން، ފަޅު ތެރެއަށާއި ބަނދަރަށް ފައިބަރ ކުނޑި ބުރާގޮތަށް، ފަޅުތެރޭގައި ބާއްވައިގެން އެއްވެސް އުޅަނދެއް މަރާމާތުކުރުމަކީ މަނާކަމެކެވެ. މިފަދަ މަރާމާތެއް ކޮންމެހެން ކުރަންވެއްޖެނަމަ ކުރަންވާނީ ފަޅުތެރެއަށް ފައިބަރ ކުނޑި ނުދާނެހެން ވަށައިގެން ބަންދުކޮށްގެންނެވެ. އަދި ފައިބަރ ކުނޑި އާއި ލަކުޑި ކުނޑިވެސް ސާފުކުރަންވާނީ ބުރައިގެން ނުދާގޮތަށް ވެކިއުމް މެށިނަކުން ކުނޑިތަށް ނަގާ ސާފުކޮށް ގެންނެވެ.

27-  ނ.ޅޮހީގައި ދުއްވާ އުޅަންދުތައް ފިޔަވައި އެހެނިހެން އުޅަންދުތައް ދިގުމުއްދަތަށް ފަޅުގައި އަޅާފައިބޭއްވޭނީ ކައުންސިލުގެ ހުއްދައެއް ނަގައިގެންނެވެ. ދިގުމުއްދަތުގެ ގޮތުގައި ބެލޭވޭނީ 3 ދުވަހަށް ވުރެގިނަ ދުވަސްވުމެވެ.

28-  ނ. ޅޮހީގައި ދުއްވާ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ފަޅުގައި 3 ދުވަހަށްވުރެ ގިނަ ދުވަހު އަޅާފައިބާއްވާނަމަ ބޭއްވޭނީ ދުވާލަކަށް 50ރ ފީއެއް ދައްކައިގެންނެވެ.

29-  ނ. ޅޮހީ ފަޅުގައި އަޅާފައި ބާއްވައިގެން ކަނޑު އުޅަނދުގެ މަރާމާތު މަސައްކަތް ކުރަންވާނީ ޅޮހީ ކައުންސިލުން ހުއްދަ ނަގައިގެންނެވެ.

30-  ނ. ޅޮހީ ފަޅަކީ ޖާގަ ދަތި ފަޅެއްކަމުން، ދިގުމުއްދަތުގައި ފަޅުގައި އަޅާފައި ބާއްވައިގެން މަރާމާތުކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެންކަމުން ނ. ޅޮހީގައި ދުއްވާ އުޅަނދުފަހަރުވެސް ފީ ނުދައްކާ މަރާމާތުކުރުމަށްޓަކައި ފަޅުގައި އަޅާފައި ބެއްވޭނީ ގިނަވެގެން 10 ދުވަހުއެވެ. މީގެ އިތުރަށް ހިނގާ ދުވަސްތަކަށް 50 ރ ގެ ރޭޓުން ފީ އެއް ނަގަންވާނެއެވެ.

6 އޮޑި އެހެލާ ސަރަހައްދު ބޭނުން ކުރުން

31-  ނ. ޅޮހީ ފަޅުގެ އިރުމަތިކޮޅުގެ ރާޅުފެންފަށުން ފެށިގެން ފަޅުގެ ފުޅާމިނުގައި 100 ފޫޓްގެ ދިގުމިނުގައިވާ ސަރަހައްދަކީ ނ. ޅޮހީގައި ދުއްވާ ކަނޑު އުޅަނދު އެހެލާ ބޭލުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދެކެވެ. މިސަރަޙައްދަށް ކިޔާ ނަމަކީ "އޮޑި އެހެލާ ސަރަޙަދު" އެވެ.

32-  31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އޮޑި އެހެލާ ސަރަޙައްދު"ގައި ވިޔަފާރި އުސޫލުން އޮޑި ދޯނިފަހަރު ބަނދެ މަރާމާތުކުރުމަކީ މަނާކަމެކެވެ.

33-  31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "އޮޑި އެހެލާ ސަރަޙައްދު" ބޭނުންން ކުރަންވާނީ ތިރީގައިވާ ބޭނުންތަކަށް އެކަންޏެވެ.

 ހ. ކަނޑުގަ ދުއްވާ އުޅަނދުފަހަރުގެ ފެހިކަހާ، ސާފުކުރުން ފަދަ ކަންކަން ކުރުމަށް

 ށ. ކަނޑުގަ ދުއްވާ އުޅަނދުފަހަރުގެ އިންޖީނު މަރާމާތުކުރުން ފަދަ ބޭނުންތަކަށް

 ނ. އަލަށް ބަނދެގެން ހަރުގެ ތަކުން ނެރޭ ޑިންގީލޯންޗް ފަދަ އުޅަންދުގެ އިންޖީނު އެޅުމަށް

 ރ. ކަނޑުގަ ދުއްވާ އުޅަންދު ފަހަރުގެ ކުދި މަރާމާތުތައް ކުރުމަށް

34-  33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ކުދި މަރާމާތުގެ ގޮތުގައި ބެލެވޭނީ ގިނަ ވެގެން 5 ދުވަހުގެ ތެރޭގައި ނިންމޭ ވަރުގެ މަސައްކަތްތަކެވެ. މިފަދަ މާރާމާތުކުރުމަށްވެސް މި ސަރަޙައްދަށް އެހިލަން ވާނީ ނ. ޅޮހީގައި ދުއްވާ ކަނޑު އުޅަނދު އެކަންޏެވެ. މިފަދަ މަރާމާތުގެ ގޮތުގައި ފައިބަރ މަސައްކަތް ހިމެނޭނަމަ އެ މަސައްކަތެއް ކުރަންވާނީ "ދޯނި މަރާމާތު ކުރާ ސަރަޙައްދަށް" އުޅަނދު ބަދަލުކުރުމަށް ފަހުއެވެ.

35-  34 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޑިންގީ ލޯންޗުފަދަ އުޅަންދުތަކުގެ ތެރެއިން ނ. ޅޮއްސަށް ނިސްބަތް ނުވާ އުޅަނދުފަހަރު އޮޑި އެހެލާ ސަރަޙައްދުގައި ފީ ނުނަގައި ގިނަވެގެން ބެހެއްޓޭނީ 5 ދުވަހުއެވެ. އަދި މިއައް ވުރެ އިތުރަށް ހިނގާ ދުވަސްތަކަށް ބިމު ކުލީގެ ގޮތުގައި ދުވާލަކު 25ރ ދައްކަންވާނެއެވެ.

36-  ނ.ޅޮހީގައި ދުއްވާ ކަނޑުއުޅަނދެއް ނުވަތަ އުޅަނދުގެ އިންޖީނެއް ހަލާކުވުމުގެ ސަބަބުން ގިނަދުވަސްތަކަކަށް އެހިލާފައި ބާއްވަން ޖެހިއްޖެނަމަ އެކަން ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާ ފަރާތަކަށް އަންގަންވާނެއެވެ. އަދި މިފަދަ އުޅަނދުތައް ބަހައްޓަންވާނީ އާންމުކޮން ކަނޑު އުޅަނދު އެހިލާ ބާލާ ސަރަޙައްދާ ދުރުގައި، އޮޑިއެހެލާ ސަރަޙައްދުގެ އެއްފަޅިއެއް ގައެވެ.

37-  38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެގެން އޮޑިއެހިލާ ސަރަޙައްދުގައި އުޅަނދެއް އެހިލާފައި ބޭއްވޭނީ އެކަމުގެ ސަބަބުން އޮޑިވެރިންނަށް  އޮޑިއެހެލާ ބޭލުމުގައި ޖާގަ ދަތިނުވާނެ ގޮތަށް ބަލައިގެންނެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެގެން އެހިލާފައިވާ އުޅަނދުގެ އަދަދު އޮޑިއެހެލާ ސަރައްޙައްދުގެ ޖާގައަށް ދަތިވާ މިންވަރަށް އިތުރުވަމުންދާނަމަ މިފަދަ އުޅަންދުތައް އެހެންތަނަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެން ވެއެވެ.

38-  އޮޑި ހަރުގެ ތަކުން ބަނދެ ނިންމާފައިވާ އުޅަނދުތަކުގައި އިންޖީނު އެޅުމަށްޓަކައި އޮޑިއެހިލާ ސަރަހައްދުގައި 5 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ބެހެއްޓިދާނެއެވެ. މިފަދައިން އުޅަނދުތައް ބަހައްޓަން ވާނީ އާންމުކޮން އޮޑިއެހެލާ ބޭލުމަށް ދަތި ނުވާ ގޮތަށެވެ.

7 އުޅަނދު މަރާމާތުކުރާ ސަރަހައްދު ބޭނުން ކުރުން

39-  ނ. ޅޮހީ ފަޅުގެ އިރުމަތިކޮޅުގެ ރާޅުފެންފަށުން ފެށިގެން 70 ފޫޓު ދުރުން ކަނޑު އުޅަންދު މަރާމާތުކުރުމަށް ސަރަޙައްދެއް ކަނޑަ އަޅަންވާނެއެވެ. މި ސަރަޙައްދަށް ކިޔާ ނަމަކީ "ދޯނި މަރާމާތުކުރާ ސަރަޙައްދު" އެވެ. 

40-  39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ދޯނި މަރާމާތުކުރާ ސަރަޙައްދު" ގައި ވިޔަފާރި އުސޫލުން އޮޑި ދޯނިފަހަރު  މަރާމާތު ކުރަންވާނީ ކައުންސިލުން ހުއްދަ ނަގައިގެންނެވެ. ވިޔަފާރި އުސޫލުން މަރާމާތުކުރުމަށް މި ސަރަޙައްދަށް އުޅަނދެއް އެހިލަން ވާނީ، "އުޅަނދު މަރާމާތު ކުރުމަށް އެދޭ ފޯރމް" ހުށަ އެޅުމަށް ފަހު ކައުންސިލުން ހުއްދަ ނަގައިގެންނެވެ. މި ފޯރމް ކައުންސިލުގެ ވެބްސައިޓު މެދުވެރިކޮށް ހުށަ އެޅޭނެއެވެ.

41-    31 ވަނަ މާއްދާގެ ރ ގައި ބަޔާން ކޮށްފައިވާ އުޅަނދުތައް ފިޔަވައި އެހެން ހުރިހާ ކަނޑު އުޅަނދުތަކެއް މަރާމާތު ކުރަންވާނީ "ދޯނި މަރާމާތު ކުރާ ސަރަޙައްދު" ގައެވެ.  މި ސަރަޙައްދުގައި މަރާމާތުކުރުމަށް ބަހައްޓާފައިވާ އުޅަދުތަކުން ތިރީގައިވާ ގޮތުގެ މަތިން ބިމު ކުލި ނަގަންވާނެއެވެ.

 

 

ފީ (ދުވާލަކަށް)

ކެޓަގަރީ

50

އާންމު ފަރުދުންނާއި ކުދި ވިޔަފާރިތަކުން ދުއްވާ އުޅަނދު

100

ސަރުކާރު އަދި ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުން ދުއްވާ އުޅަނދު

150

ރިސޯރޓް ތަކާއި މަތީ ފަންތީގެ ވިޔަފާރި ކުންފުނި ތަކުން ދުއްވާ އޮޑި ދޯނި ފަހަރާއި ޔޮޓް ފަދަ އުޅަނދުތައް

 

 

 

 

42-  މި އުސޫލަށް ޢަމަލުކުރަން ފަށާއިރު ފަޅުގައި އަޅާފައި ބާއްވައިގެން ކަނޑު އުޅަނދެއް މަރާމާތުކުރާނަމަ، މި އުޞޫލު އާއްމުކުރާތާ 3 ދުވަސް ތެރޭގައި، ކައުންސިލްގެ އިދާރާއަށް އަންގާ މާރާމާތުކުރުމުގެ ހުއްދަ ނަގަންވާނެއެވެ. އަދި މި އުސޫލުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފީދައްކަން ވާނެއެވެ.

43-  ނ. ޅޮހީ އޮޑިއެހެލާ ސަރަޙައްދަށް، ނ. ޅޮހީގައި ދުއްވާ ކަނޑު އުޅަނދުތައް ފިޔަވާ އެހެނިހެން އުޅަންދުތައް އެހެލާ ބާލަން ވާނީ، އެ އުޅަނދެއް އެހެލާ ބޭލުމުގައި ދިމާވާ ހުރިހާ ކަމެއްގެ ޒިންމާނެގުމަށް، އަދި އެ އުޅަނދަކަށް ދައްކަންޖެހޭ ފީތަށް ދެއްކުމަށް، ނ. ޅޮހީގެ ރައްޔިތަކު ޖާމިނުވާގޮތަށެވެ. އަދި މިފަދަ އުޅަންދުތައް އެހެލާ ބޭލުމުގެ ހުއްދައަށް އެދޭއިރު، އެ އުޅަނދަކާއި ނ.ޅޮހިން ޖާމިނުވާ ފަރާތް ނުވަތަ ފަރާތްތައް އަންގަންވާނެއެވެ. މިފަދަ އުޅަނދުތަކާއި ގުޅިގެން ދައްކަން ޖެހޭ ފީ އާއި ޖޫރި މަނާ ދެއްކުމުގެ ޒިންމާ ނ. ޅޮހީން އެ އުޅަނދެއް އެހެލާ ބޭލުމުގައި ޖާމިނުވާ ފަރާތުން ނަގަން ވާނެއެވެ.

44-  "ދޯނި މަރާމާތުކުރާ ސަރަޙައްދު" ގައި އުޅަނދު ބަހައްޓަން ވާނީ ސިނާޢީ ސަރަޙައްދު ގައި ހަދާފައިވާ ހަރުގެ ތަކަށް އުނދަގޫ ނުވާނެ ގޮތަކަށެވެ. މިގޮތުން ހިނގާ ބިނގާވެ އުޅުމަށާއި، ތަކެތި ވައްދާ ނެރުމަށް އެކަށީގެންވާ މިންވަރުގެ ޖާގައެއް، މިހާރު ދޫކޮށްފައިވާ ހަރުގެވަޅު ތަކުގެ ކުރިމަތީގައި ބާއްވަން ވާނެއެވެ.

45-  އެދުވަހެއްގެ މަސައްކަތް ނިމުމުން އެދުވަހަކު އުފެދޭ ފައިބަރ އަދި ރެސިން އެކުލެވޭ ނުރައްކާތެރި ހުރިހާ ކުންޏެއް ކުނި މެނޭޖްކުރުމުގެ އުޞޫލާ އެއްގޮތަށް ބަހަށްޓަން ނުވަތަ ނައްތާލަންވާނެއެވެ.

8 ބަނދަރު ސަރަޙައްދުގައި ވިޔަފާރިކުރުން

  1. ނ. ޅޮހީ ބަނދަރު ސަރަޙައްދުގައި، މުދާ ގުދަން ކުރުމާއި، ގާޑިޔާ، ފްރިޖް ނުވަތަ މިނޫންވެސް އެއްޗެއް ދާއިމަށް ބަހައްޓައިގެން ވިޔަފާރިކުރުމަކީ ޅޮހީ ކައުންސިލުގެ ހުއްދަހޯދައިގެން މެނުވީ މަނާކަމެކެވެ.
  2. ބަނދަރު ސަރަޙައްދުގައި، މުދާ ގުދަންކުރަން ބޭނުންވާ ފަރާތްތަކުން ނުވަތަ ވިޔަފާރި އުޞޫލުން ކަމެއްކުރަން ބޭނުންވާނަމަ، އެކަމަށް އެދި ޅޮހީ ކައުންސިލް އިދާރާއަށް އެދި ހުށައެޅުމުން ރަށުގެ ބިނާވެށި ޕްލޭން އާ އެއްގޮތަށް ބިންދޫކުރެވިދާނެއެވެ.
  3. ބަނދަރު ސަރަޙައްދުގައި ވިޔަފާރި އުސޫލުން، ކަނޑު މަހާއި، ފަރުމަސް އަދި މިނޫންވެސް ކަނޑުގެ ދިރުންތައް، ގަނެ ރައްކާކުރުމަށް އެދި ޅޮހީ ކައުންސިލްގެ އިދާރާއަށް ހުށައެޅުމުން ރަށުގެ ބިނާވެށި ޕްލޭން އާ އެއްގޮތަށް މިފަދަ ވިޔާފާރިތައް ކުރުމަށް ބިން ދޫކުރެވިދާނެއެވެ.
  4. ޅޮހީ ބަނދަރު ސަރަޙައްދުގައި ވަގުތީ ގޮތުން ގަނެވިއްކުމުގެ ބާޒާރުތައް ހަދަންވާނީ  ޅޮހީ ކައުންސިލުގެ ހުއްދަ ހޯދައިގެންނެވެ.
  5. ޅޮހި ފަޅުގައި އަޅައިގެން ގަނެވިއްކުމުގެ ބާޒާރުތައް (ވިޔަފާރި ބޯޓް) ބޭއްވޭނީ ޅޮހި ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. މިފަދަ ވިޔަފާރިތަކަށް ތިރީގައިވާ ގޮތުގެ މަތިން ކުލި ނެގޭނެއެވެ.

ފީ (ދުވާލަކަށް)

ކެޓަގަރީ

500

ވަގުތީ ގޮތުންހަދާ ގަނެވިއްކުމުގެ ބާޒާރުތަކަށް 24 ގަޑިއިރަކަށް

500

ފަޅުގައި އަޅައިގެން ކުރާވިޔަފާރިތަކަށް 24 ގަޑިއިރަކަށް

 

 

 

 

9 އުސޫލަށް ޢަމަލުކުރަން ފެށުން

  1. މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު ނ. ޅޮހީ ކައުންސިލްގެ އިދާރާއިން ރަސްމީކޮށް އިޢުލާން ކުރުމުންނެވެ.
  2. މި އުސޫލަށް ޢަމަލުކުރަން ފަށާއިރު އޮޑިއެހެލާ ސަރަޙައްދުގައި މަރާމާތުކުރުމަށް އެހެލާފައިވާ ނ. ޅޮއްސައް ނިސްބަތް ނުވާ ކަނޑުއުޅަނދުތައް މަރާމާތުކުރުމަށްޓަކައި ބަނދަރު ސަރަޙައްދުގައި ބެހެއްޓުމުގެ ހުއްދަ، މި އުސޫލު އިޢުލާން ކުރާތާ 3 ދުވަހުގެ ތެރޭގައި، ނ. ޅޮހީ ކައުންސިލުން ދޫކުރާ "އުޅަނދު މަރާމާތުކުރުމަށް އެދޭ ފޯރމް"  މެދުވެރިކޮށް ނަގަންވާނެއެވެ. އަދި މި އުސޫލުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ބިމު ކުލި ނަގަންވާނެއެވެ.
  3. މި އުސޫލަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ޅޮހީ ބަނދަރު ސަރަޙައްދުގައި މި އުސޫލާ ޚިލާފަށް ބަހައްޓާފައިވާ އެންމެހާ ކަނޑުގަ ދުއްވާ އުޅަނދާއި، އޮޑި ދޯނިފަހަރުގައި ބޭނުންކުރާ އެކިކަހަލަ ސާމާނާއި، އަދި މިނޫންވެސް އެންމެހާ ތަކެތި ނަގަން ވާނެއެވެ.
  4. މި އުސޫލަށް ޢަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ބަނދަރާއި، ބަނދަރު މަގާއި، އަދި ބަނދަރު ސަރަޙައްދުގައިވާ ކައުންސިލުގެ އިޙްތިޞާސްގެ ތެރޭގައި ހިމޭނޭ އެއްވެސް ސަރަޙައްދެއް ގައި، ކައުންސިލުގެ ހުއްދަނެތި ހަދާފައި ހުރި ތަންތަނާއި،  ވިޔަފާރީގެ ބޭނުމަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި ނަގާ އެ ސަރަޙައްދު ސާފުކުރަންވާނެއެވެ.
  5. މި އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ނުނަގައި، ނުވަތަ މިއުސޫލާ ޚިލާފަށް ބަނދަރު ބޭނުންކުރަމުން ދާނަމަ ތިރީގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަންވާނެއެވެ.

ހ.  ފުރަތަމަ ފިޔަވަޅު: ބަނދަރުގައި ޤަވާޢިދާއި އުޞޫލުތަކާއި ޚިލާފަށް ކުރަމުންދާ މަސައްކަތާއި ބަހައްޓާފައިވާ ތަކެއްޗާއި، ހަދާފައިވާ ތަންތަން ނަގާ ބިން ސާފުކުރުމަށް ނުވަތަ އުސޫލާ އެއްގޮތަށް ކަންކަން ބަދަލުކުރުމަށް ނަސޭހަތް ތެރިވުން

ށ. ދެވަނަ ފިޔަޅު: ނަސޭހަތް ދީގެން މައްސަލަ ހައްލު ނުކުރެވިއްޖެނަމަ 500 ރުފިޔާއާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން

ށ. ތިންވަނަ ފިޔަވަޅު: ކަމާގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށައަޅައިގެން ބަނދަރުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެއްޗާއި، ބަނދަރުގައި ހަދާފައިވާ ތަންތަން ނަގާ ބިން ސާފުކުރުން، ނުވަތަ ކުރަމުންދާ މަސައްކަތްތައް އުސޫލުގެ ތެރެއަށް ފެއްތުން

  1. މި އުސޫލުގައިނުވާ ކަމެއް ދިމާވެއްޖަނަމަ އެކަމަކާއި ގުޅޭގޮތުން ގޮތެއް ކަނޑައަޅާނީ ނ. ޅޮހީ ކައުންސިލުންނެވެ.

 

 

ބަނދާރާއި ފަޅު ބޭނުން ކުރާނެ ގޮތުގެ ކުރެހުން

އުޅަނދު މަރާމާތު ކުރާ

 ސަރަހައްދު

އޮޑި އެހެލާ ސަރަހައްދު

ހަރުގެ ތައް

މުދާ އަރުވާ ބޭލުމަށް ޙާއްސަ

އައިސް އެޅުމަށް / މުދަލާއި ފަސިންޖަރުން އަރުވާ ބޭލުން

ހަރުގެ ކުރިމަތީ މަގު

ދޯނި އެހެލާ ބޭލުމަށް ޙާއްސަ

 

 

 

 

 

 

 

 

 

 

 

24 އޮކްޓޫބަރު 2022