ޢާންމު މަޢުލޫމާތު
ނަންބަރު: 218-QAS/CIR/2022/12
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:17
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
"ގައިޑްލައިންސް ފޯރ އީ-ލަރނިންގ" އާ ގުޅޭ

މި އޮތޯރިޓީ ގެ “Guidelines for E-learning” (ގައިޑްލައިން ނަންބަރު: 2022/G-29) 24 އޮގަސްޓް 2022 (ބުދަ) ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އެއަށް ޢަމަލުކުރަން ފަށާފައި ވުމާއެކު، މި އޮތޯރިޓީން ކުރިން އެޕްރޫވަލް ލިބިގެން ނުވަތަ އެކްރެޑިޓް ކޮށްގެން ހިންގާ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދަން ވާނީ މި ގައިޑްލައިނަށް ފެތޭ ގޮތަށެވެ. މިގޮތުން ބަލާއިރު، ޙަވާލާދީފައިވާ ގައިޑްލައިން ގައި ވާ ފަދައިން، ޤާނޫނީ ބާރު ލިބިފައިވާ ކައުންސިލްތަކާއި، ކަމާބެހޭ ރެގިއުލޭޓަރީ އިދާރާތަކުން "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ކިޔަވައިދިނުމަށް ވަކިގޮތަކަށް ހުއްދަ ނުދޭހާ ހިނދަކު، "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ (ތިރީގައި ބަޔާންކޮށްފައިވާ) 8 ދާއިރާއެއް ކަނޑައަޅާފައިވާކަން ފާހަގަކޮށްލަމެވެ.

 

1.

Medicine and Dentistry

2.

Practical disciplines of health sciences that require licensing for practice

3.

Nursing

4.

Qur’anic and related fields

5.

Technical and vocational education

6.

Engineering

7.

Architecture

8.

Teaching

މިއިން އެއްވެސް ދާއިރާއެއް ގެ ޤާނޫނީ ބާރު ލިބިފައިވާ ކައުންސިލަކުން ނުވަތަ ކަމާބެހޭ ރެގިއުލޭޓަރީ އިދާރާއަކުން "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީ މެދުވެރިކޮށް ކިޔަވައިދިނުމާ މެދު ވަކިގޮތަކަށް އަދި މި އޮތޯރިޓީއަށް އަންގާފައެއް ނުވެއެވެ. މި މަޢުލޫމާތު ލިބުމުން އެކަން އާންމުކޮށް އަންގާނެ ވާހަކަ ދެންނެވީމެވެ.

މި ގައިޑްލައިން ގެޒެޓް ކުރެވިފައިވާ ތާރީޚު ކަމުގައިވާ 24 އޮގަސްޓް 2022 ވަނަ ދުވަހުގެ ކުރިން ކިޔެވުން ފަށައިގެން ކުރިއަށް ގެންދާ މި އޮތޯރިޓީން ކުރިން "އީ-ލަރނިން" ޑެލިވަރީ މޮޑަލިޓީ ގައި ކިޔަވައިދިނުމަށް ވަކިން އެ ޕްރޮގްރާމަކަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތަކުގެ ބެޗްތަކުގެ މަޢުލޫމާތު މި އޮތޯރިޓީން އަންގާ ތާރީޚެއްގެ ކުރިން މި އޮތޯރިޓީއަށް ހުށަހަޅާ ބެޗްތައް މި ގައިޑްލައިނަށް ސީދާ ނުފެތުނަސް ކިޔަވަމުން އަންނަ ޕްރޮގްރާމް ނިމެންދެން "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީ ގެ ދަށުން ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމަށް މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް އެންގުމަށް މި އޮތޯރިޓީ ގެ އެޑްވައިޒަރީ ބޯޑު ގެ މިއަހަރު ގެ 21 ވަނަ ބައްދަލުވުމުގައި ލަފާދެއްވާފައި ވުމާއެކު، އެ ފުރުޞަތު ދިނުމަށް މި އޮތޯރިޓީން ވަނީ ނިންމާފައެވެ.  މިގޮތަށް މިހާރު މި ގައިޑްލައިންގައި "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނީ 20 އޮކްޓޯބަރ 2022 ގެ ކުރިން މިހާރު ފައްޓާފައިވާ ކަމަށް މި އޮތޯރިޓީއަށް މަޢުލޫމާތު ހުށަހަޅާ ޕްރޮގްރާމްތައް އެކަންޏެވެ. މި މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު މި އޮތޯރިޓީން މިހާރު ވަނީ ހުރިހާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށް ދީފައެވެ.

މި ގައިޑްލައިން ގެ ނުކުތާ 14.2 (Entry into Force of this guideline) ގެ (c) ގައި ބުނެފައިވާ ގޮތުގެ މަތީން "އީ-ލަރނިންގ" ޑެލިވަރީ މޮޑަލިޓީ އާއި "ބްލެންޑެޑް ލަރނިންގ" ޑެލިވަރީ މޮޑަލިޓީ ގެ ދަށުން ކުރިން އެޕްރޫވް ކޮށްފައިވާ ޕްރޮގްރާމްތައް، މި ގައިޑްލައިން ގެޒެޓް ކުރެވިފައިވާ ތާރީޚު ކަމުގައިވާ 24 އޮގަސްޓް 2022 ވަނަ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި މި ގައިޑްލައިނާ އެއްގޮތަށް ފަރުމާކޮށް މި އޮތޯރިޓީ އަށް ހުށަހަޅަން ވާނެއެވެ. މި 18 މަސް ދުވަހަކީ މި ގައިޑްލައިނަށް ފެއްތުމަށް ދެވޭ މުއްދަތެކެވެ. ގައިޑްލައިނާ ޚިލާފަށް ޕްރޮގްރާމްތައް ހިންގުމަށް ދެވޭ މުއްދަތެއް ނޫނެވެ.

24 އޮގަސްޓް 2022 (ބުދަ) ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ގައިޑްލައިން ޝާއިޢުކޮށް އަމަލުކުރަން ފެށުމާ ގުޅިގެން، މި ގައިޑްލައިން ގެ 11 ވަނަ މާއްދާ ގައި އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައި ނުދެވޭނެ 8 ދާއިރާއެއް ކަނޑައަޅާފައިވާއިރު، މި 8 ދާއިރާ ގެ ކޯސްތަކަށް ކުރިން އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީ ގެ ދަށުން ހުއްދަ ލިބިފައިވީ ނަމަވެސް، މަތީގައި ދަންނަވާފައިވާ ގޮތަށް މަޢުލޫމާތު ދޭ ބެޗްތައް ފިޔަވައި އިތުރު އާ ބެޗެއް ނުނެގޭނެ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 ސެޕްޓެންބަރު 2022