ދެންނެވުން
ނަންބަރު: 220-TSP/CIR/2014/9
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 17:05
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ބެޑް ޓެކްސް ނެގުން ނިމުމަކަށް އައުން

ސަރކިއުލަރ

ނަންބަރު:  TSP-220/CIR/2014/9                          

ތާރީޚު:   21 އޮކްޓޫބަރު 2014

ލިބެންވީ:  ހުރިހާ ޓޫރިސްޓް އެސްޓެބްލިޝްމަންޓްތައް

މައުޟޫޢު: "ބެޑް ޓެކްސް" ނެގުން ނިމުމަކަށް އައުން

މި އޮތޯރިޓީގެ ނަންބަރު TSP-220/CIR/2014/2 (6 ފެބުރުވަރީ 2014) ގެ ސަރކިއުލަރ އާ ހަވާލާދީ ދަންނަވަމެވެ.

ޤާނޫނު ނަންބަރު 5/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގައި ވާ ގޮތުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ނަގަމުން އަންނަ "ބެޑް ޓެކްސް" ނެގުން 1 ޑިސެންބަރު 2014 އިން ފެށިގެން ނިމުމަކަށް އަންނާނެއެވެ.

ވީމާ، ހުރިހާ ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

  1. 1 ޑިސެންބަރު 2014 ވަނަ ދުވަހުގެ 00:00 ގެ ކުރިން ޗެކްއިން ވުމަށްފަހު 1 ޑިސެންބަރު 2014 ވަނަ ދުވަހުގެ 00:00 ނުވަތަ އޭގެ ފަހުން ޗެކްއައުޓް ކުރާ ގެސްޓުންގެ ބެޑް ޓެކްސް ހިސާބުކުރުމުގެ ބޭނުމަށް، އެ ފަދަ ގެސްޓުން ޗެކްއައުޓް ކުރި ވަގުތު ކަމަށް ބަލާނީ 1 ޑިސެންބަރު 2014 ވަނަ ދުވަހުގެ 00:00 އެވެ.
  2. ނޮވެންބަރު 2014 ގެ "ބެޑް ޓެކްސް ޝީޓް" 8 ޑިސެންބަރު 2014 ގެ ނިޔަލަށް މީރާއަށް ހުށަހަޅައި، 15 ޑިސެންބަރު 2014 ގެ ނިޔަލަށް ފައިސާ ދައްކަންވާނެއެވެ.
  3. ބެޑް ޓެކްސް ނެގުން ނިމުމަކަށް އައިކަމުގައި ވީނަމަވެސް، ބެޑް ޓެކްސް އާ ގުޅުން ހުރި އެންމެހައި ރިކޯޑުތައް މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެއެވެ.

މި ކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 1415 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމޭލްކުރެއްވުން އެދެމެވެ.

21 އޮކްޓޫބަރު 2014