ދިވެހިރާއްޖެ
އެލައިޑް ހެލްތު ކައުންސިލްގައި ލައިސަންސްޑް ސައިކޮލޮޖިސްޓުން އަދި ކައުންސެލަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްދެނީ މިކައުންސިލުން އާއްމުކޮށްފައިވާ ސައިކޮލޮޖީ އެންޑް ކައުންސެލިންގ ރަޖިސްޓްރޭޝަން ޕާތްވޭގައި ބަޔާންކޮށްފައިވާ ކްލިނިކަލް ތަޖުރިބާ ލައިސަންސްޑް ސައިކޮލޮޖިސްޓެއްގެ ނުވަތަ ލައިސަންސްޑް ކައުންސެލަރ / ސައިކޯތެރަޕިސްޓެއްގެ ބެލުމުގެ ދަށުން ހޯދުމުންނެވެ.
ދެންނެވިފައިވާ ކްލިނިކަލް ތަޖުރިބާގެ ގަޑިތައް ސުޕަރވައިޒްކުރުމުގެ ޝަރުތުހަމަވާ ލައިސަންސްޑް ސައިކޮލޮޖިސްޓުން، ސައިކޮތެރަޕިސްޓުން، ކައުންސެލަރުން ރާއްޖެއިން ލިބުމުގައި ދަތިތަކެއް ހުރުމާއިއެކު ކައުންސިލުން ގަބޫލުކުރާ ރާއްޖެއިން ބޭރުގެ ލައިސަންސްޑް ސައިކޮލޮޖިސްޓުންގެ ނުވަތަ ސައިކޮތެރަޕިސްޓުން ނުވަތަ ކައުންސެލަރުންގެ ބެލުމުގެ ދަށުން ކްލިނިކަލް ތަޖުރިބާގެ ގަޑިތައް ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ނިންމިވާހަކަ އިއުލާންކުރީމެވެ. އެހެންކަމުން ޕްރޮވިޝަލް ލައިސަންސް ލިބިފައިވާ ބިހޭވިއަރަލް ހެލްތްގެ ދާއިރާގެ ފަރާތްތަކުން ބޭރު ގައުމެއްގައި ކްލިނިކަލް ގަޑި ހަމަކުރުމަށް ބޭނުންވާނަމަ ކްލިނިކަލް ގަޑި ފުރަން ފެށުމުގެ ކުރިން މިކައުންސިލްގެ ހުއްދަ ހޯދުމަށްޓަކައި އެކަމަށް އެދި އީމެއިލް [email protected] މެދުވެރިކޮށް އެދެންވާނެއެވެ. އަދި އީމެއިލްއާއި އެކު ސުޕަރވައިޒަރުގެ ވަނަވަރާއި އޭނާ މަސައްކަތްކުރާ ގައުމުގެ ރެގުލޭޓަރީ ބޮޑީއެއްގައި ރަޖިސްޓްރީވެފައިވާ ކަމުގެ ލިޔުމާއި ސުޕަރވައިޒް ކޮށްދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން އަދި ސުޕަވިޝަން ޕްލޭނެއް ހުށަހަޅަން ވާނެއެވެ.
ކައުންސިލަށް ހުށަހަޅާ މަޢުލޫމާތައް ބެލުމަށްފަހު ޕްލޭސްމަންޓް ކުރިއަށް ގެންދަންވާނީ ކައުންސިލުގެ ހުއްދަ ލިބުމަށްފަހުގައެވެ. އޮންލައިންކޮށް ސުޕަވައިޒްކުރާ ޕްލޭސްމަންޓް މިކައުންސިލުން ގަބޫލުނުކުރާނެވާހަކަވެސް މިފުރުސަތުގައި ދަންނަވެމެވެ.