ދިވެހިރާއްޖެ
ފ.މަގޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކާވެނި ކޮށްދޭ ތަނާއި ގަޑި ކަނޑައަޅާ އުޞޫލް
ތަޢާރަފާއި ނަން |
1. |
(ހ) މިއީ ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ 72 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އެކުލަވައިލައިފައިވާ ގަވާއިދު ނަންބަރު 2022/R-99 ޢާއިލާއާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) އާއި، 8 ވަނަ މާއްދާގެ (ނ) ގައި ކޯޓުން މިފަދަ އުޞޫލެއް އެކުލަވާލުން ލާޒިމުކޮށްފައިވާތީ އެކުލަވާލާފައިވާ "ފ.މަގޫދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅޭ ކާވެނި ކޮށްދޭ ތަނާއި ގަޑި ކަނޑައަޅާ އުޞޫލް" އެވެ. |
މަޤްޞަދު |
2. |
(ށ) މި އުޞޫލުއެކުލަވާލުމުގެ މަޤްޞަދަކީ ކޯޓުން ކުރާ ކާވެނިތަކުގެ ތެރެއިން ކޯޓުން ބޭރުގައި ކާވެނިކުރާތަނާއި އެތަންތަން ހުންނަންވާނެ މިންގަނޑު ކަނޑައެޅުމާއި، ކޯޓާއި ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ގަޑިތައް ކަނޑައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުޞޫލެކެވެ. |
ކާވެނިކޮށްދޭތަން |
3. |
(ހ) އާއްމުގޮތެއްގައި ކާވެނިކޮށްދޭނީ، ކޯޓުގައެވެ. (ށ) މިމާއްދާގެ (ހ) ގައި އެފަދައިން ބަޔާންވެފައި އޮތްނަމަވެސް ކާވެނިކޮށްދިނުމަށް އެދޭ ފަރާތްތަކުން ކޯޓުން ބޭރުގައި ކާވެނިކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ. (ނ) މިމާއްދާގެ (ށ) ގައި ބަޔާންވެފައިވާ ގޮތުގެމަތިން ކޯޓުންބޭރުގައި ކާވެނި ކޮށްދިނުމަށް އެދި ހުށަހަޅާ ތަނަކީ ތިރީގައި މިބަޔާންކުރާ ކަންކަން ފުރިހަމަ ވެފައިވާ ތަންތަން ކަމުގައި ވާންވާނެއެވެ. 1. ކާވެނިކުރަން އެދޭ ތަނަކީ އެކަމަށް ތައްޔާރުކުރެވިފައިވާ ތަނަކަށް ވުން. 2. ކާވެނިކުރަން އެދޭ ތަނަކީ، ހަމަހިމޭން މާޙާއުލެއްގައި ހުންނަ ތަނެއްކަމުގައި ވުން. 3. ކާވެނިކުރަން އެދޭ ތަނުގައި ކާވެނިކޮށްދޭ މައުޒޫނާއި ކޯޓުގެ އިތުރު ދެ މުވައްޒަފުންނާއި، ކާވެނިކުރަންއެދޭ ފިރިހެނާ އާއި އަންހެނާގެ އިތުރުން ވަލީވެރިޔާ އާއި ދެހެކިވެރިންނަށް އިށީދެވޭނެގޮތަށް ގޮޑި ހުރި ތަނަކަށްވުން. 4. ފޮތްފަދަ ތަކެތި ބެހެއްޓުމަށް މޭޒެއްފަދަ އެއްޗެއް ހުރި ތަނަކަށްވުން. 5. ކާވެނިކުރަން އެދޭތަނަކީ އެކަށީގެންވާ އަލިކަމެއްހުރި ތަނެއްކަމުގައިވުން. |
ރަސްމީގަޑިގައި ކާވެނިކޮށްދޭ ގަޑި |
4. |
(ހ) ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކާވެނިކޮށްދޭނީ، ހެނދުނު 9:00 އިން ފެށިގެން އެދުވަހުގެ ރަސްމީގަޑި ނިމެންދެނެވެ. ރަމަޟާންމަހުގައި ކޯޓުގައި ކާވެނި ކޮށްދޭނީ ކޯޓު ހުޅުވާގަޑީގެ 01 (އެކެއް) ގަޑީއިރުގެ ފަހުން ފެށިގެން ރަސްމީ ގަޑި ނިމެންދެނެވެ. |
ކޯޓުގައި ނުރަސްމީ ގަޑީގައި ކާވެނިކޮށްދޭ ގަޑި |
5. |
ނުރަސްމީ ގަޑީގައި ކޯޓުގައި ކާވެނިކޮށްދޭނީ ރަސްމީ ކޮންމެ ދުވަހެއްގެ 20:30 އިން ފެށިގެން 22:30 އަށެވެ. |
ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ގަޑި |
6. |
ކޯޓުން ބޭރުގައި ކާވެނިކޮށްދޭ ގަޑިއަކީ، ރަސްމީ ދުވަސްދުވަހުގަ އާއި ނުރަސްމީ ދުވަސްދުވަހުގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 22:30 އަށެވެ. |
03 އޮގަސްޓް 2022