ޢާންމު މަޢުލޫމާތު
ނަންބަރު: މުބާރާތުގެ ޤަވާޢިދު
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 30 ސެޕްޓެންބަރު 2022 00:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ޤަވާޢިދު

. މުބާރާތުގެ މަޤުޞަދު

1.1 މުބާރާތް ބޭއްވުމުގެ މަޤުސަދަކީ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ބެޑްމިންޓަން ކުޅޭ ދަރިވަރުން / ކުޅުންތެރިންގެ، ކުޅުމުގެ ރޫޙުއާލާކޮށް ހިތްވަރު ދިނުމާއި ފެންވަރު މަތިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެހައި ކަންކޮޅެއްގައި ކުޅެމުންދާ ދަރިވަރުންނަށް ހަމަހަމަކަމާއެކު މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

                                           

2. ޤަވާއިދު

2.1 މި ޤަވާއިދުގެ ބޭނުމަކީ މުބާރާތް ހިންގާ އުސޫލުތަކެއް ކަނޑައެޅި، މުބާރާތް އެއްމިންގަނޑަކަށް ކުރިއަށް ގެންދިއުމުވެ.

 

3. މުބާރާތުގެ ތާރީޚް ކަނޑައަޅާ މުބާރާތް އިޢުލާން ކުރުން:

3.1 ކޮންމެ އަހަރަކު މި މުބާރާތް ބާއްވާނެ އުމުރުފުރާތަކާއި، އިވެންޓުތައް ބާއްވާނެ ތާރީޚެއް ކަނޑައަޅާނީ ސްކޫލްތަކާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފަޔާއެކު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.

 

4. މުބާރާތުގެ ޒޯންތައް ބެހިފައިވާ ގޮތް:

  1. ޒޯން 1 ނޯތް ޒޯން (ހއ، ހދ، ށ)
  2. ޒޯން 2 ނޯތް ސެންޓްރަލް ޒޯން (ނ، ރ، ބ، ޅ)
  3. ޒޯން 3 ގްރޭޓަރ މާލެ ޒޯން (މާލެ، ވިލިމާލެ، ހުޅުމާލެ)
  4. ޒޯން 4 ސެންޓްރަލް ޒޯން (ކ، އއ، އދ، ވ، މ، ފ)
  5. ޒޯން 5 ސައުތް ސެންޓްރަލް ޒޯން (ދ، ތ، ލ)
  6. ޒޯން 6 ސައުތް ޒޯން (ގއ، ގދ، ޏ، ސ)

 

4. މުބާރާތުގެ އުމުރު ފުރާތަކާއި އިވެންޓުތައް:

4.1 މުބާރާތުގެ އަމިއްލަ އިވެންޓުތައް ބަހާލެވިފައިވަނީ ތިރީގައި މިވާ އުމުރުފުރާތަކުގެ މައްޗަށެވެ.

(މުބާރާތުގެ އުމުރުފުރާ ބަލާނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ސާރކިއުލަރ ނަންބަރު 22-E/CIR/2022/11 ގައިވާ ގޮތުގެ މަތިންނެވެ.)

       ގްރޭޑް 5/6 (ސިންގަލްސް، ޑަބަލްސް)

       ގްރޭޑް 7/8 (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)

       ގްރޭޑް 9/10 (ސިންގަލްސް، ޑަބަލްސް، އަދި މިކްސް ޑަބަލްސް)

       ގްރޭޑް 11/12 (ސިންގަލްސް، ޑަބަލްސް، އަދި މިކްސް ޑަބަލްސް)

 

4.2 ދަރިވަރުން / ކުޅުންތެރިންނަށް މަތީ އުމުރުފުރާގެ ޓީމް އިވެންޓަކަށް ކުޅެވިދާނެއެވެ.

4.3 ދަރިވަރުން / ކުޅުންތެރިންނަށް އޯޕަންސް އިވެންޓްތަކުގައި ވާދަކުރެވޭނީ ބައިވެރިވާ ކޮންމެވެސް އެއް އުމުރުފުރާއެއްގައެވެ.

4.4 މުބާރާތުގެ އެއްވެސް އިވެންޓެއް ކުރިއަށް ގެންދެވޭނީ މަދުވެގެން 3 ޓީމް ނުވަތަ 3 ބައިވެރިން ބައިވެރިވެފައިވާނަމައެވެ.

5. މުބާރާތުގައި ބައިވެރިވުން:

5.1 ދިވެހިރާއްޖޭގެ ކޮންމެ ސްކޫލް/މަދަރުސާއަކަށް މިމުބާރާތުގައި ބައިވެރިވެވިދާނެއެވެ.

5.2 މުބާރާތުގެ ޓީމް އިވެންޓް އަދި އޯޕަންސް އިވެންޓުތަކުގައި ބައިވެރިވެވޭނީ މުބާރާތް އިޢުލާން ކުރުމަށްފަހު އެސޯސިއޭޝަނުން ދޫކުރާ ފޯމް ފުރުއްވާ ސްކޫލުގެ ތައްގަނޑު ޖައްސެވުމަށްފަހު އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން ހުށައަޅުއްވައިގެންނެވެ.

5.3 މުބާރާތުގެ އޯޕަންސް އިވެންޓުގައި ކޮންމެ ސްކޫލަކުންވެސް ބައިވެރި ކުރެވޭނީ؛

5.3.1 ސިންގަލްސް އިވެންޓުގައި ކޮންމެ ކެޓަގަރީއަކުން ގިނަވެގެން 6 އަންހެން ކުޅުންތެރިންނާއި 6 ފިރިހެން ކުޅުންތެރިންނެއެވެ.

5.3.2 ޑަބަލްސް އިވެންޓުތަކުގައި ކޮންމެ ކެޓަގަރީއަކުން އަންހެން އަދި ފިރެހެން ވަކިން، ގިނަވެގެން 4 ޕެއަރ އެވެ.

5.3.3 މިކްސް ޑަބަލްސް އިވެންޓުތަކުގައި ކޮންމެ ކެޓަގަރީއަކުން އަންހެން އަދި ފިރެހެން ވަކިން، ގިނަވެގެން 3 ޕެއަރ އެވެ.

5.4 މި މުބާރާތުގެ އޯޕަންސް އިވެންޓު ތަކުގައި އާއި އަދި ޓީމް އިވެންޓްގައި ބައިވެރިވެވޭނީ އެ ކުޅުންތެރިޔަކު އިޚްތިޔާރުކުރާ ކޮންމެވެސް އެއް ގްރޭޑް ކެޓަގަރީ އެއްގައެވެ.

5.5 މި މުބާރާތުގެ އޯޕަންސް އިވެންޓުތަކުގައި ކުޅުންތެރިންނަށް ހުރިހާ ޒޯނެއްގައިވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ.

5.6 މި މުބާރާތުގެ އޯޕަންސް ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތަކުގައި ދެ ސްކޫލެއްގެ ކުދިންނަށް އެކުގައި ޕެއަރ ކުރެވިދާނެއެވެ.

 

6. މުބާރާތް ހިންގުން:

6.1 މުބާރާތުގެ ރެފްރީން ކަނޑައަޅާނީ ބީ.އޭ.އެމް އިންނެވެ.

6.2 މިމުބާރާތް ރާވާ ހިންގާނީ ބީ.އޭ.އެމްގެ އެހީތެރިކަމާއިއެކު މުބާރާތް ރާވާހިންގާ ކޮމެޓީއިންނެވެ. މިކޮމިޓީގައި މުބާރާތަށް ކަނޑައެޅޭ ރެފްރީން ހިމެނިގެންވާނެއެވެ. މިކޮމިޓީގެ ޒިންމާއަކީ މިމުބާރާތް ރާވާ ހިންގުމާބެހޭ ހުރިހައި އިންތިޒާމްތައް ހަމަޖައްސާ މުބާރާތް ހިންގުމެވެ.

6.3 މިމުބާރާތް ކުޅުމުގެ އާންމު ޤަވާއިދަކަށް ބަލާނީ 'ބެޑްމިންޓަން ވޯލްޑް ކޮންފެޑެރޭޝަން' ގެ އެންމެ ފަހުގެ ބެޑްމިންޓަން ޤަަވާޢިދު 'ލޯސް އޮފް ބެޑްމިންޓަން' އަދި 'ޖެނެރަލް ކޮމްޕެޓިޝަން ރެގިއުލޭޝަން (ޖީ.ސީ.އާރ)' އެވެ.

6.4 މުބާރާތުގައި ބޭނުންކުރާނީ ޔޮނެކްސް މާވިސް 600 ޝަޓްލް(ސްޕީޑް ސްލޯ) އެވެ.

 

7. މުބާރާތުގެ މެޗްތައް ކުރިއަށް ގެންދެވޭގޮތާއި މެޗްތަކުގެ (ޑްރޯ އާއި ތާވަލް)

7.1 މެޗްތަކުގެ ތާވަލް ލަސްވެގެން މުބާރާތް ފެށުމުގެ 1 ދުވަސް ކުރިން މުބާރާތް ރާވާ ހިންގާ ކޮމިޓީގެ ފަރާތުން އިޢުލާން ކުރަންވާނެއެވެ.

7.2 މުބާރާތުގައި ބައިވެރިވި ކުޅުންތެރިންގެ އަދަދަށް ބަލާ މުބާރާތް ކުޅޭ ގަޑިތައް ކަނޑަޅާނީ މުބާރާތުގެ ކޮމިޓީއިންނެވެ.

7.3 މުބާރާތުގައި ބައިވެރިވާ ދަރިވަރުން / ކުޅުންތެރިންނަށް މުބާރާތުގެ ޑްރޯ އަދި މެޗްތައް ތާވަލުކުރެވިފައިވާ ގަޑިތައް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދިނުމަކީ އެސްކޫލެއްގެ ޒިންމާއެކެވެ.

 

8. ޓީމު މެނޭޖަރސް މީޓިންގް.

8.1   މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ މެނޭޖަރުން މެނޭޖަރސް މީޓިންގްގައި ބައިވެރިވާން ވާނެއެވެ.

8.2  މެނޭޖަރސް މީޓިންގްއަށް ހާޒިރުނުވާ ޓީމުތަކުން ޖޫރިމަނާއެއްގެ ގޮތުގައި -/1000ރ އެސޯސިއޭޝަނަށް ދައްކަންޖެހޭނެއެވެ.

 

9. މުބާރާތުގައި ބައިވެރިވާ އޮފިޝަލުންނާއި ކުޅުންތެރިންގެ ޒިންމާ:

9.1 މުބާރާތުގައި ބައިވެރިވާ އެންމެހާ ދަރިވަރުން / ކުޅުންތެރިންނާއި އޮފިޝަލުން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށާއި ނިންމުމުގެ ރަސްމިއްޔާތަށް ސްކޫލް ރަމްޒުވާފަދަ ކުޅޭ ހެދުމެއްގައި ހާޒިރު ވާންވާނެއެވެ. އެދެވިގެންވަނީ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯރމެވެ.

9.2 މެޗްތައް ކުޅެންޖެހޭ ތާވަލްގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ގަޑީގެ 30 މިނިޓް ކުރިން މެޗަށް ގޮވިދާނެއެވެ.

9.3 މެޗަށް ގޮވާތާ 5 މިނިޓް ބެލުމަށްފަހު ކުޅެންޖެހޭ ދަރިވަރުން / ކުޅުންތެރިން ޙާޟިރު ނުވަނީނަމަ އެ މެޗް ވޯކްއޯވަރ ނުވަތަ ކެންސަލް ކުރުމުގެ އިޚްތިޔާރު މުބާރާތުގެ ރެފްރީއަށް ލިބިގެންވެއެވެ.

9.4 މުބާރާތުގައި ބައިވެރިވާ ކޮންމެ ސްކޫލަކުން މަދުވެގެން 1 އޮފިޝަލް، ބެޑްމިންޓަން އެސޯސިއޭޝން އިން ކަނޑައަޅާ ތާރީޚްގައި ބޭއްވޭ މެނޭޖަރސް މީޓިންގ ގައި ބައިވެރިވާން ވާނެއެވެ.

9.5 މެނޭޖަރސް މީޓިންގ އަށް ޙާޒިރުނުވާ ސްކޫލަކުން މުބާރާތާއި ބެހޭ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެކަމުގެ ޒިންމާ ބެޑްމިންޓަން އެސޯސިއެޝަން އިން އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ނުނަގާނެއެވެ.

 

10. މުބާރާތުގެ ޖާޒީ:

10.1 މުބާރާތުގެ މެޗުތަކަށް ދަރިވަރުން / ކުޅުންތެރިން ޙާޟިރުވާންވާނީ ސްކޫލް ރަމްޒުވާފަދަ ކުޅޭ ހެދުމެއްގައެވެ. ޖާޒީއެއްނަމަ ސްކޫލުގެ ނަން އެޖާޒީގައި ޖެހިފައިހުންނަންވާނެއެވެ. ޖާޒީގައި ކުއްޖާގެނަން ޖެހުމަކީ އިޚްތިޔާރީ ކަމެކެވެ.

10.2 ޖާޒީ ފަދަ ތަކެތީގައި ސްޕޮންސަރެއްގެ އިޝްތިހާރު ޖެހިދާނެއެވެ. މިއިޝްތިހާރުވާންވާނީ އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނު ހުއްދަކުރާ އިޝްތިހާރަކަށެވެ.

 

 11. މުބާރާތުގެ ޓީމު އިވެންޓް މެޗްތައް ކުޅެވޭނެ ގޮތް:

11.1 މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ޢަދަދަށް ބަލާ މުބާރާތް ކުޅޭނެ ގްރޫޕުގެ އަދަދާއި ގަޑިތައް ކަނޑަޅާނީ މުބާރާތުގެ ރެފްރީއެވެ.

11.2 މުބާރާތުގައި 5 ޓީމް ނުވަތަ 5 ޓީމަށް ވުރެން މަދުން ބައިވެރިވެއްޖެނަމަ މުބާރާތް ކުޅެވޭނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމް ފައިނަލްގައި ވާދަކުރާ އުސޫލުންނެވެ، އަދި މުބާރާތުގައި 6 ޓީމް ނުވަތަ 6 ޓީމަށް ވުރެން ގިނައިން ބައިވެރިވެއްޖެނަމަ މުބާރާތް ކުޅޭނީ ގްރޫޕް ބަހައިގެންނެވެ.

11.3 މި މުބާރާތުގެ ޑްރޯ ނަގާނީ މެނޭޖަރސް މީޓިންގްގައެވެ. މި މީޓިންގް އޮންނަ ދުވަހާއި ވަގުތު މުބާރާތް ހިންގާ  ކޮމިޓީން އާންމުކުރާނެއެވެ.

11.4 ޓީމު އިވެންޓުގެ ޓައި މެޗްތައް ކުޅެވޭނީ ތިރީގައި މިވާ ތަރުތީބުންނެވެ.

                  1. ފުރަތަމަ ޑަބަލްސް

                  2. ފުރަތަމަ ސިންގަލްސް

                  3. ދެވަނަ ޑަބަލްސް

                  4. ދެވަނަ ސިންގަލްސް

                  5. ތިންވަނަ ޑަބަލްސް

11.5  ޓައިއެއްގައި ކޮންމެ ދަރިވަރަކަށް / ކުޅުންތެރިއަކަށް ކުޅެވޭނީ 1 މެޗެވެ.

 

12. މުބާރާތުގެ މެޗްތައް ކުޅެވޭނެ ގޮތް:

12.1 މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ 15 ޕޮއިންޓްގެ 3 ސެޓެވެ. (14 – 14 އެއްވަރުވުމުން ފުރަތަމަ 15 ހޯދާ ޓީމަކުން އެ ސެޓު މޮޅުވާނެއެވެ.

12.2 15 ޕޮއިންޓަށް ކުޅޭ ކޮންމެ ސެޓެއްގައިވެސް ފުރަތަމަ 8 ޕޮއިންޓް ކުޅުންތެރިއަކަށް ލިބުމުން 60 ސިކުންތުގެ ހުސްވަގުތުކޮޅެއް ލިބޭނެ އެވެ. އަދި ދެ ސެޓު ދޭތެރޭގައި 120 ސިކުންތުގެ ހުސްވަގުތުކޮޅެއް ލިބޭނެއެވެ.

 

13. މުބާރާތުގެ ޓީމު އިވެންޓް މެޗްތަކުގައި ޕޮއިންޓް ދެވޭނެ ގޮތް:

13.1 މުބާރާތުގައި ކުޅެގެން މޮޅުވާ ކޮންމެ ޓައިއަކަށް 5 ޕޮއިންޓް، އަދި ކުޅެގެން ބަލިވާ ކޮންމެ ޓައިއަކަށް 1 ޕޮއިންޓް ދެވޭނެއެވެ.

13.2 ޓައިގައި ކުޅެގެން މޮޅުވާ މެޗަކަށް 1 ޕޮއިންޓް ދެވޭނެއެވެ.

13.3 ޓައިގައި ޙާޒިރުވެ ނުކުޅޭ މެޗަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.

13.4 ޓައިގައި އެއް ޓީމު ޙާޒިރު ނުވެގެން, ޓައި ނުކުޅެވޭ ޙާލަތުގައި، ޙާޒިރުވި ޓީމަށް މޮޅުވާ ޓައިއަކުން ލިބޭ 5 ޕޮއިންޓު     އަދި ޓައިގައި ކުޅެންޖެހޭ 5 މެޗު ކާމިޔާބުކުރުމުން ލިބޭ 5 ޕޮއިންޓު ލިބޭނެއެވެ. އަދި ޙާޒިރު ނުވާ ޓީމަށް ޕޮއިންޓެއް ނުލިބޭނެއެވެ.

13.5  ޕޮއިންޓު ޓޭބްލުގައި އެއްވަރުވުމުން ޓީމުތައް ތަރުތީބު ކުރުމުގައި ކަންކުރާނެގޮތް

13.5.1      ތަރުތީބު ކުރުމުގައި ފުރަތަމަ ބަލާނީ މޮޅުވި ޓައިގެ އަދަދަށެވެ.

13.5.2 މޮޅުވި ޓައިގެ އަދަދު އެއްވަރު ދެޓީމެއް ނަމަ ތަރުތީބު ކުރުމުގައި ބަލާނީ އެ ދެ ޓީމު ދެމެދުގައި ކުޅެވުނު ޓައިގެ ނަތީޖާއަށެވެ.

13.5.3     މޮޅުވި ޓައިގެ އަދަދު އެއްވަރު ތިން ޓީމު ނުވަތަ އެއަށްވުރެ ގިނަޓީމުތަކެއް އެއްވަރުވެއްޖެނަމަ ތަރުތީބު ކުރުމުގައި ބަލާނީ;

13.5.3.1 މޮޅުވި އަދި ބަލިވި މެޗުގެ ތަފާތަށް ބަލައިގެންނެވެ

13.5.3.2       މި ގޮތުންވެސް ދެ ޓީމު އެއްވަރުވާނަމަ އެ ދެ ޓީމު ދެމެދުގައި ކުޅެވުނު ޓައިގެ ނަތީޖާއަށެވެ

13.6 މުބާރާތުގައި އެއްވެސް ޓީމަކުން ކުޅެންޖެހޭ ހުރިހާ ޓައިތައް ފުރިހަމަ ނުކުރެވޭ ޙާލަތުގައި، އެ ޓީމު ކުޅެފައިވާ ހުރިހާ ޓައިތަކުގެ ނަތީޖާތައް އުނިކުރެވޭނެއެވެ.

 

14. އިނާމް:

14.1 އޯޕަން އިވެންޓުގެ 1 ވަނަ އަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) ޓްރޮފީ، މެޑަލް އަދި ހަނދާނީ ލިޔުން.

14.2 އޯޕަން އިވެންޓުގެ 2 ވަނަ އަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) މެޑަލް އަދި ހަނދާނީ ލިޔުން.

14.3 އޯޕަން އިވެންޓުގެ 3 ވަނަ އަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) މެޑަލް އަދި ހަނދާނީ ލިޔުން.

14.4 ޓީމް އިވެންޓް 1 ވަނަ އަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) ތަށި، މެޑަލް އަދި ހަނދާނީ ލިޔުން.

14.5 ޓީމް އިވެންޓް 2 ވަނަ އަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) މެޑަލް އަދި ހަނދާނީ ލިޔުން.

14.6 ޓީމް އިވެންޓް 3 ވަނަ އަށް (ކޮންމެ ގްރޭޑް ކެޓަގަރީއަކުން) މެޑަލް އަދި ހަނދާނީ ލިޔުން.

 

15. މުބާރާތުގެ ޤަވާއިދުގައި ނުހިމެނޭ ކަމެއް ދިމާވުން

15.1 މި ޤަވާޢިދުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމެއް ނިންމާނީ ބެޑްމިންޓަން  ވޯލްޑް ފެޑެރޭޝަންގެ ޤަވާއިދުތަކަށް ބަލާ މުބާރާތުގެ ރެފްރީންނެވެ. 

22 އޮގަސްޓް 2022