ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)218-QAS/1/2022/5
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2022
ޕަބްލިޝްކުރި ގަޑި: 13:23
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.ކިއު.އޭ އިން މަރުކަޒަކަށް އެކްރެޑިޓްކޮށްދީފައިވާ ޕްރޮގްރާމެއް އެހެން މަރުކަޒަކުން ހިންގުމާ ބެހޭ

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ 17 ވަނަ މާއްދާއާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު" ގެ 5 ވަނަ މާއްދާގެ (ށ) ގެ ދަށުން ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ އެއްވެސް ޕްރޮގްރާމެއް ހިންގަންވާނީ މި އޮތޯރިޓީން އެކްރެޑިޓްކޮށްގެންނެވެ.

ނަމަވެސް، ބައެއް މަރުކަޒުތަކުން މިއާ ޚިލާފަށް، އެމް.ކިއު.އޭ އަށް ނާންގާ އެހެން މަރުކަޒަކަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތައް މި އޮތޯރިޓީގެ އެކްރެޑިޓޭޝަނާ ނުލާ ހިންގަމުންދާކަން ފާހަގަ ކުރެވިއްޖެއެވެ. އަދި ހަމައެއާއެކު، މި އޮތޯރިޓީން ވަކި މަރުކަޒަކަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތައް އެހެން މަރުކަޒުތަކަށް ހިންގުމަށް ޙަވާލުކުރަމުންދާ ކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު (ގަވާއިދު ނަންބަރު: 2022/R-77) ގެ 29 ވަނަ މާއްދާ (މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް އެކްރެޑިޓްނުކޮށް ހިންގުން) މި މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، "ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ، މަތީ ތަޢުލީމުގެ ޕްރޮގްރާމެއް ނުވަތަ ތަމްރީނުގެ ޕްރޮގްރާމެއް އޮތޯރިޓީން އެކްރެޑިޓްނުކޮށް ދިވެހިރާއްޖޭގައި ހިންގުމަކީ މަނާކަމެކެވެ. އަދި މިފަދަ ޕްރޮގްރާމްތައް އިސްތިހާރުކުރުމަކީ ވެސް މަނާކަމެކެވެ. އެކްރެޑިޓްނުކޮށް ހިންގާ ޕްރޮގްރާމެއްގައި ކިޔަވައި ދަރިވަރުންނަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލަންވާނީ އެފަދަ ޕްރޮގްރާމެއް ހިންގާ ފަރާތަކުންނެވެ." އަދި މި ގަވާއިދުގެ ދަށުން މިފަދަ ފަރާތްތަކާ މެދު ފިޔަވަޅުއެޅޭނެ ކަން ވެސް މި ގަވާއިދުގެ 30 ވަނަ މާއްދާގައި ވެއެވެ.

މި އޮތޯރިޓީން އެކްރެޑިޓްނުކޮށް މަތީގައި ބަޔާންކޮށްފައިވާ ގޮތަށް މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގުމަކީ ޤާނޫނާއި ގަވާއިދުތަކުގެ ދަށުން މަނާ ކަމެއްކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ. ވުމާއެކު، ގަވާއިދާ ޚިލާފަށް މަތީގައިވާ ގޮތަށް މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގާ މަރުކަޒުތަކާ މެދު މި ގަވާއިދު ގެ ދަށުން ފިޔަވަޅު އަޅާނެކަން އާއްމުކޮށް އެންގީމެވެ.

             

21 އޮގަސްޓު 2022

21 އޮގަސްޓް 2022