ނޫސްބަޔާން
ނަންބަރު: (PR)220-LA/PRIV/2013/23
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2013
ޕަބްލިޝްކުރި ގަޑި: 18:53
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން މީރާއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދަޢުވާއާ ގުޅޭ

 

ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-758/2008) ގެ ފަރާތުން މި އޮތޯރިޓީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކާ ގުޅިގެން ސިވިލް ކޯޓުން ނިންމެވި ޤަޟިއްޔާ ނަންބަރު 6/Cv-C/2013 އަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޓެކުހުގެ ނިޒާމުގެ އިތުބާރު ގެއްލޭގޮތަށް، ޓްރެޜަރ ބިޒް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ("ޓްރެޜަރ ބިޒް") އިން 19 މެއި 2013 ގައި ނަލަހިޔާ ހޮޓަލުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި ޙަޤީޤަތާ ޚިލާފު ވާހަކަތައް އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް، ކަމުގެ ޙަޤީޤަތް އޮޅުންފިލުވައިދިނުމުގެ ގޮތުން ދަންނަވަމެވެ.

1.  ބިޒް އަކީ ޤާނޫނު ނަންބަރު  2011 /10 ( މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރުން ލާޒިމު ކުންފުންޏެއް ކަމުގައިވީނަމަވެސް، ޓްރައިބިއުނަލްގެ އަމުރަކާއެކު މީރާއިން އެ ކުންފުނީގެ އޮފީހަށް ވަނުމާ ހަމައަށް، ޤާނޫނުގައިވާ ގޮތުގެ މަތިން އެ ކުންފުނި މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ ކުންފުނީގެ އޯޑިޓެއް ފެށުމަށް "އޯޑިޓް ނޯޓިސް" ޙަވާލުކުރުމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (އަލްފާޟިލް ފުއާދު ޒާހިރު، މަރިޔަމްމާގެ، ގއ. ކޮލަމާފުށި) އަށް ފޯނުން ގުޅުމުން، ޤާނޫނީ ގޮތުން މީރާއަށް އޯޑިޓް ކުރެވޭނެކަމަށް ޤަބޫލު ނުކުރާ ކަމަށާއި، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އޯޑިޓް ކުރުމުގެ ބާރު މީރާއަށް ލިބިދޭ މާއްދާތަކަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ތަޢާރުޒުވާ މާއްދާތަކެއް ކަމަށް އެ ފަރާތުން ގަބޫލުކުރާތީ އޯޑިޓް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުދޭނެކަމަށާއި، އެ ކުންފުނީގެ އެއްވެސް ލިޔެކިޔުމެއް މީރާއަށް ފޯރުވައި ނުދޭނެކަމަށާއި، ލިޔެކިޔުންތައް ބެލުމަށް އެ ކުންފުނީގެ އޮފީހަށާއި ވިޔަފާރި ހިންގާ ތަންތަނަށް ވަނުމުގެ ހުއްދަ ނުދޭނެކަމަށް ބުނެފައިވެއެވެ. 

2.  ޓެކުހާ ގުޅޭ ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ޓްރެޜަރ ބިޒް އިން ކުރަމުންދާކަމަށް މި އޮތޯރިޓީއަށް ފާހަގަކުރެވުމާއެކު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބިދޭ ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމުގެ ބާރުގެ ބޭނުންކުރުމަށް ނިންމުނެވެ. އެ މާއްދާގެ (ހ) ގައި ވަނީ، "ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކުކުރެވޭނަމަ ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ޝައްކުކުރެވޭނަމަ، އަދި އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ، އަދި ޓެކްސްއާގުޅޭ މަޢުލޫމާތުގައި ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލުކުރެވޭނަމަ، އެ ކުށް ކުރަމުންދާ ތަނަކަށް ވަނުމުގެ އަމުރެއް ނެރެދިނުމަށްއެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ނުވަތަ އެވަގުތަކު ރައީސްގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރެއްގެ ކިބައިން މީރާއަށް އެދެވިދާނެއެވެ." މި ފަދައިންނެވެ. އަދި އެ ފަދަ އަމުރު ދެމި އޮންނާނީ 36 ގަޑިއިރު ވަންދެން ކަމަށާއި، އަމުރުގެ މުއްދަތު އިތުރުކުރަން މި އޮތޯރިޓީން ބޭނުންނަމަ 14 ދުވަހަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން އެ އަމުރުގެ މުއްދަތު ޓެކްސް އެޕީލް ޓްރައިބިއުނަލް ("ޓްރައިބިއުނަލް") އަށް އިތުރުކުރެވިދާނެ ކަމަށް އެ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވެއެވެ.

3.  ޓްރެޜަރ ބިޒް ހިންގާ އޮފީހަށް މީރާގެ އޮފިސަރުން ވަދެ، ޓްރެޜަރ ބިޒް ޖީ.އެސް.ޓީ އަށް ރަޖިސްޓަރީކުރުން ލާޒިމުވި ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2012 ގެ ނިޔަލަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު ހިސާބުކުރުމަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތު ބަލައި ފާސްކުރުމަށް ޓްރައިބިއުނަލުން ނެރުނު އަމުރުގެ މުއްދަތަކީ 25 ޑިސެމްބަރ 2012 ވީ އަންގާރަ ދުވަހުގެ ހެދުނު 10:00 އިން ފެށިގެން 26 ޑިސެމްބަރ 2012 ވީ ބުދަ ދުވަހުގެ ރޭގަނޑު 10:00 ގެ ނިޔަލަށެވެ.

4.  ޓްރެޜަރ ބިޒް ގެ އޮފީސް ބަލައި ފާސްކުރުމަށްފަހު މީރާގެ ބެލުމުގެ ދަށަށް ގެނެވުނު އެ ކުންފުނީގެ ތަކެތި ވަނީ 14 ޖެނުއަރީ 2013 ވަނަ ދުވަހުގެ 14:34 ގައި އެ ކުންފުންޏަށް އަނބުރައި ރައްދުކުރެވިފައެވެ. އެހެންކަމުން މީރާގެ ބެލުމުގެ ދަށަށް ގެނެވުނު ޓްރެޜަރ ބިޒް އަށް ނިސްބަތްވާ އެއްވެސް އެއްޗެއް އެ ތާރީޚުގެ ފަހުން މީރާގައި ބެހެއްޓިފައެއް ނުހުންނާނެއެވެ. މީރާގެ ބެލުމުގެ ދަށަށް ގެނެވުނު ތަކެތި އެހާތަނަށް މީރާގައި ބެހެއްޓިފައިވަނީ، އެ ތަކެއްޗަކީ ތަޙުޤީޤީ މަރުޙަލާގައި ބޭނުންކުރަންޖެހޭ ތަކެތި ކަމަށް ވެފައި، މީރާގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ވަކި މުއްދަތެއްގެ ތެރޭގައި އޭގެ ވެރި ފަރާތަށް އަނބުރައި ރައްދުކުރަންޖެހޭ ކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގައި ބަޔާންކޮށްފައި ނުވާތީއެވެ.

5.  ޓްރެޜަރ ބިޒް ގެ ފަރާތުން މި އޮތޯރިޓީއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދަޢުވާގެ ޤަޟިއްޔާގެ ޙުކުމްގައި ޤާޟީ ނިންމަވާފައިވަނީ އަންނަނިވި ގޮތަށެވެ.

  • ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އަދި ގަވާއިދު ނަންބަރު25-އާރ/ 2012  (ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު) ގެ ދަށުން ބަލައި ފާސްކުރެވޭ ތަނަކުން ތަޙުޤީޤުގެ ބޭނުމަށްޓަކައި ތަކެތި ގެންދެވުނު ކަމުގައިވިޔަސް، ޓްރައިބިއުނަލުން ނެރޭ ބަލައި ފާސްކުރުމުގެ އަމުރު ދެމިއޮންނަ މުއްދަތެއް ހަމަވުމަށްފަހުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ ދަށުން އެ އަމުރުގެ މުއްދަތު އިތުރުކުރުމަކާ ނުލައި، 36 ގަޑިއިރަށްވުރެ އިތުރަށް އެ ތަކެތި ހިފެހެއްޓިދާނެ ކަމުގައި ބަޔާންކޮށްފައި ނުވާ ކަމާއި، ބަލައި ފާސްކުރެވޭ ތަނަކުން ތަޙުޤީޤުގެ ބޭނުމަށްޓަކައި ތަކެތި ގެންދިޔުމާއި އެ ތަކެތި ވަކި މުއްދަތެއް ފަހަނައަޅައި ދިއުމަށްފަހުވެސް އަނބުރައި ޙަވާލު ނުކޮށް ބެހެއްޓުމަކީ ދެކަމެއް ކަމާއި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ ދަށުން މީރާއަށް އެ ތަކެތި ހިފެހެއްޓުމުގެ ބާރާއި އިޚުތިޔާރު ލިބިގެންވާ ކަމުގައި މާނަކުރެވޭނެ އެއްވެސް ޤާނޫނީ ބިނާއެއް ވާކަމުގައި ޝަރީޢަތުން ނުދެކޭކަމުން، ޤާނޫނީ އިމުން ބޭރުން، ނުވަތަ ލިބިފައިވާ ބާރާއި އިޚުތިޔާރުގެ ޙުދޫދުން ބޭރުން މީރާއަށް ޓްރެޜަރ ބިޒް ގެ މުދާ ހިފެހެއްޓުމުގެ ޙައްޤު ލިބިގެން ނުވާކަން.
  • މީރާގެ ކިބައިގައި ހުރި ޓްރެޜަރ ބިޒް ގެ ތަކެތި، 19 މެއި 2013 އިން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ރައްދުކުރުމަށް. (މީރާގެ ބެލުމުގެ ދަށުގައި ޓްރެޜަރ ބިޒް ގެ އެއްވެސް އެއްޗެއް ނެތްކަމަށް މީރާއިން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރިނަމަވެސް، ޙުކުމް ކުރެއްވުމުގައި ޝަރީޢަތުން އެ ނުކުތާއަށް ރިޢާޔަތް ކުރައްވާފައެއް ނުވެއެވެ.)

6.  ސިވިލް ކޯޓުގެ މި ޙުކުމާ ގުޅިގެން ޓްރެޜަރ ބިޒް އިން ބޭއްވި ނިއުސް ކޮންފަރެންސްގައި، "މުޅި މުޢާމަލާތް" މީރާއިން ހިންގާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ކަމަށާއި، އެ ކުންފުނީގެ ތަކެތި މީރާއިން ގެންދިޔައީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ޙުކުމް ކުރެއްވި ކަމަށް ބުނެ ކަމުގެ ޙަޤީޤަތާ ޚިލާފަށް ދެއްކި ވާހަކަތައް، އެ ޙުކުމްގެ އަލީގައި ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ.

  • މީރާއިން ޓްރެޜަރ ބިޒް ގެ އޮފީހަށް ވަދެފައި ވަނީ ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއް ނުވަތަ ގަވާއިދަކާ ޚިލާފަށް ކަމަށް ސިވިލް ކޯޓުގެ ޙުކުމްގައި ބަޔާންކުރައްވާފައެއް ނުވެއެވެ. އަދި ޓްރައިބިއުނަލްގެ އަމުރަކީ ޤާނޫނުއަސާސީއާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމުގައި، ނުވަތަ ބަލައި ފާސްކުރުމުގެ އަމުރު ޓްރައިބިއުނަލުން ނެރޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި އޮންނަ އޮތުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމުގައި، ނުވަތަ ޓްރެޜަރ ބިޒް ގެ އޮފީހަށް މީރާއިން ވަންނަން ޖެހޭނީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް އެ ޙުކުމްގައި ބަޔާންކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ޓްރެޜަރ ބިޒް ގެ އޮފީހަށް މީރާއިން ވަދެފައިވަނީ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމުގައި އެ ވަނީ ކަނޑައެޅިފައެވެ.
  • ޓްރެޜަރ ބިޒް ގެ އޮފީސް ބަލައި ފާސްކުރުމަށްފަހު މީރާގެ ބެލުމުގެ ދަށަށް އެ ކުންފުނީގެ ބައެއް ތަކެތި ގެންގޮސްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުގެ ޙުކުމްގައި ބަޔާންކުރައްވާފައެއް ނުވެއެވެ. ސިވިލް ކޯޓުގެ ޙުކުމްގައި މި ކަމުގައި ހިމެނޭ ތަފާތު 3 މަރުޙަލާއެއް ފާހަގަކުރައްވާފައި ވެއެވެ. އެއީ ބަލައި ފާސްކުރުން (search)، ތަކެތި ގެންދިއުން (seize) އަދި އަނބުރައި ޙަވާލު ނުކޮށް އެ ތަކެތި ބެހެއްޓުން (retain) މިއެވެ. މީގެ ތެރެއިން ބަލައި ފާސްކުރުމާއި ތަޙުޤީޤުގެ އަދި ޝަރީޢަތުގެ ބޭނުމަށް ތަކެތި ގެންދިއުމުގެ ބާރު މީރާއަށް ލިބިގެން ވާ ކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އެހެން ނަމަވެސް އެ ގޮތުން ގެންދެވޭ ތަކެތި ވަކި މުއްދަތެއް ނެތް ގޮތަށް މީރާގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނެތުމުގެ ސަބަބުން، ބަލައި ފާސްކުރުމުގެ އަމުރުގެ މުއްދަތު ހަމަވުމަށްފަހު އެ ތަކެތި އަނބުރައި ރައްދު ނުކޮށް މީރާގެ ބެލުމުގެ ދަށުގައި ނުބެހެއްޓޭނެކަމަށް އެ ޙުކުމްގައި ބަޔާންކުރައްވާފައި ވެއެވެ. އެހެންކަމުން ޓްރެޜަރ ބިޒްގެ އޮފީސް މީރާއިން ބަލައި ފާސްކޮށްފައި ވަނީ އަދި ތަކެތި ގެންގޮސްފައި ވަނީ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމުގައި އެ ވަނީ ކަނޑައެޅިފައެވެ.

7.  ސިވިލް ކޯޓުން ކުރެއްވި ޙުކުމުން އަންނަނިވި ކަންތައްތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ.

  • ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ކ) ގެ (2) ގައި ބަލައި ފާސްކުރެވޭ ތަނަކުން ފެންނަ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ހިނގާ ޝަރީޢަތަކާ ގުޅިގެން މީރާގެ އޮފިސަރުންނަށް ގެންދެވިދާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި، އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަލައި ފާސްކުރެވޭ ތަނަކުން ފެންނަ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ހިނގާ ތަޙުޤީޤެއް ނުވަތަ ޝަރީޢަތަކާ ގުޅިގެން މީރާގެ އޮފިސަރުންނަށް ގެންދެވިދާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށާއި، ބަލައި ފާސްކުރެވޭ ތަނަކުން ފެންނަ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ފަދަ ތަކެތި ގެންދެވޭނީ ހަމައެކަނި ހިނގާ ޝަރީޢަތެއްގެ ބޭނުމަކަށް ކަމުގައި ޓްރެޜަރ ބިޒް އިން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކުރުމުން، ތަޙުޤީޤުގެ ބޭނުމަށްޓަކައިވެސް އެ ތަކެތި ގެންދެވިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ޤާޟީ ބެއްލެވިއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާއަށް ޖުމުލަ ގޮތެއްގައި ބެލުމުން، އެ މާއްދާގެ ދަށުން އަމުރު ނެރެވެނީ ޓެކްސްއާ ގުޅިގެން ބޮޑު އޮޅުވައިލުމެއް އެކުލެވޭ ކުށެއް ކުރަމުންދާ ކަމަށް ނުވަތަ ކޮށްފާނެ ކަމަށް ޝައްކު ކުރެވޭނަމަ ނުވަތަ ކުރަމުންދާކަމުގެ ހެކި ހުރިނަމަ ކަމުގައި ވުމުން، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ އަލީގައި، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 36 ވަނަ މާއްދާގެ (ކ) ގެ (2) ގެ ދަށުން ތަޙުޤީޤުގެ ބޭނުމަށްވެސް ތަކެތި ގެންދެވިދާނެކަމަށް ބަލަން ޖެހޭކަން.
  • ޤާނޫނުގެ މަޤްޞަދަކީ ޓެކްސްއާ ގުޅިގެން ބޮޑެތި އޮޅުވާލުން އެކުލެވޭ ކުށް ކުރާ ފަރާތްތައް ތަޙުޤީޤުކޮށް އެ ފަރާތްތަކަށް އެކަމާ ގުޅޭ އަދަބުދިނުން ކަމުގައިވާއިރު، އަދި އެ ކަން އެ ގޮތުގައި ކުރުމަށްޓަކައި ހެކި ހޯދައި، އެ ހެކިތައް ރައްކާތެރި ގޮތެއްގައި ހިފަހައްޓައި ބެލެހެއްޓުމަކީ ކުރެވެންވާނެ ކަމެއް ކަމުގައި ޝަރީޢަތުން ދެކޭކަން.

8.  ސިވިލް ކޯޓުން ކުރެއްވި ޙުކުމް އެ ކޯޓުގެ ވެބްސައިޓުގެ މި ލިންކުން ފެނިވަޑައިގަންނަވާނެއެވެ. http://www.civilcourt.gov.mv/hukum_2013/6_Cv-C_2013.pdf

9.  ޓްރެޜަރ ބިޒް ބަލައި ފާސްކުރުމުގެ ތެރެއިން މީރާއަށް ލިބުނު މަޢުލޫމާތުން އެ ކުންފުނި އަދި އެ ކުންފުންޏާ ގުޅުންހުރި ބައެއް ފަރާތްތަކަކީ ކަނޑައެޅިގެން ޓެކުހަށް މަކަރު ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކެއް ކަމުގެ ހެކި މި އޮތޯރިޓީއަށް ވަނީ ލިބިފައެވެ. އަދި މި މައްސަލައިގެ ތަޙުޤީޤީ މަރުޙަލާ ނިމުމާއެކު، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމަށް މި އޮތޯރިޓީން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

      އިސްވެ ދެންނެވުނު ކަންކަން އެ ގޮތަށް ހުރުމާއެކު، ޝަރުޢީ ކޯޓަކުން ކުރެއްވި ޙުކުމެއް ކަމުގައި ބުނެ، ކަމުގެ ޙަޤީޤަތާ ޚިލާފަށް ޓްރެޜަރ ބިޒް އިން ދެއްކި ޣައިރުޒިންމާދާރު ވާހަކަތަކާމެދު މި އޮތޯރިޓީން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި ދިވެހިރާއްޖެއަށް ތަޢާރަފުކުރެވުނު ޒަމާނީ ޓެކުހުގެ ނިޒާމުގެ ޅަފަތުގައި، އެ ނިޒާމުގެ އިތުބާރު ނަގާލައި ޓެކްސް ދެއްކުމުން ރެކުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި، ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ހިންގަމުން ގެންދާ މި ފަދަ ޢަމަލުތައް މި އޮތޯރިޓީން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

  

21 މޭ 2013