ޢާންމު މަޢުލޫމާތު
ނަންބަރު: (RUL)-A/342/2022/01
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 18:33
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިހަރުގެއާއި ބެހޭ އާންމު އުސޫލު 2022

އޮޑިހަރުގެއާއި ބެހޭ އާންމު އުސޫލު 2022

ތަޢާރަފާއި ނަން

1.

(ހ)

މިއީ ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 148 ވަނަ މާއްދާގެ (ޏ) ގެ ދަށުން "އޮޑިހަރުގެއާބެހޭ ގަވާއިދު" ނަންބަރު: 2013/R-1249 ދަށުން އެކުލަވާލެވިފައިވާ އާންމު އުސޫލެކެވެ.

 

 

(ށ)

މި އުސޫލަށް ކިޔަނީ "އޮޑިހަރުގެއާއި ބެހޭ އާންމު އުސޫލު 2022" އެވެ.

މަޤްޞަދު

2.

މި އުސޫލަކީ މި ރަށުގައި އޮޑިދޯނިފަހަރު ބަނުމާއި އެހެލައި މަރާމާތުކުރުމަށް ކައުންސިލުން
ކަނޑައަޅާފައިވާ އޮޑިހަރުގެއިން ބިން ދޫކުރުމާއި ބިންތައް ބެލެހެއްޓުމަށް ހެދިފައިވާ އުސޫލެކެވެ.

އޮޑިހަރުގެ

3.

އޮޑިހަރުގެ އޮންނާނީ މަތިވެރީ ސްކޫލުގެ އިރުން ޗާނދަނީމަގަށް ކުރިމަތިކޮށެވެ.

ޢަމަލުކުރަން ފަށާ ތާރީޚް

4.

މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ކައުންސިލުން ފާސްކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކުރީގައި ހިނގާފައިވާ ކަންކަމަށް މި އުސޫލު ހިންގުން

5.

(ހ)

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން ނުނިމިވާ މައްސަލަތަކަށްވެސް މި އުސޫލު ހިނގާނެއެވެ.

 

(ށ)

މި އުސޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އޮޑިހަރުގެއަށް އެހެލާފައިވާ އޮޑިދޯނިފަހަރާއި ބޭލުމަށްފަހު ބިމުކުލި ނުނިންމާ އޮޑިދޯނިފަހަރުގެ ބިމުކުލި، މި އުސޫލަށް ޢަމަލުކުރަން ފެށުމުން "މަހު ފަސްވަޅު" ރޭޓަށް ބަދަލުވާނެއެވެ.

 

 

(ނ)

މި އުސޫލާ ޚިލާފަށް އެހެލާފައިވާ އޮޑިދޯނިފަހަރު މި އުސޫލަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި އުސޫލުގެ ތެރެއިން ފޯމު ހުށަހަޅައި އޮޑިހަރުގޭގެ ދަފްތަރުގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މިގޮތަށް ހުށަނާޅައިފިނަމަ އެފަދަ އޮޑިދޯނިފަހަރު ނައްތާލުމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިގެންވެއެވެ.

 

 

(ރ)

މި އުސޫލުގެ ކުރިން އޮޑިހަރުގެއަށް ދައްކަންޖެހިފައިވާ ބިމުކުއްޔާއި ކަރަންޓާއި ފެނުގެ ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅައިފިނަމަ ދައްކަންޖެހިފައިވާ އަދަދަކީ 50،000.00 ރުފިޔާއަށް ވުރެ ކުޑަ އަދަދެއް ނަމަ ދެފަރާތް އެއްބަސްވާ އެއްބަސްވުމަކުން މަހަކު 1،500.00 ރުފިޔާއަށް ވުރެ ކުޑަނޫން އަދަދެއް ދައްކާ ގޮތަށް ބަހާލެވޭނެއެވެ. ދައްކަންޖެހޭ އަދަދު 50،000.00 ރުފިޔާއަށް ވުރެ ބޮޑު ނަމަ އެ އަދަދު ދެއްކުމަށް ބަހާލާނެގޮތް ނިންމާނީ ކައުންސިލްގެ އާންމު ބައްދަލުވުމަކުންނެވެ.

 

 

(ބ)

މި އުސޫލަށް ޢަމަލުކުރަން ފެށުމަށްފަހު މި ރަށުގައި އޮޑިދޯނިފަހަރު ބަނުމާއި މަރާމާތު ކުރަންވާނީ މި އުސޫލުގެ 3 ވަނަ މާއްދާގައިވާ އޮޑިހަރުގޭގައެވެ.

އާންމު ތަންތަނުގައި އޮޑިދޯނި ފަހަރު އެހެލުމާއި މަރާމާތު ކުރުން

6.

(ހ)

 

ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ބިމެއްގައި ނުވަތަ އާންމު ތަންތަނުގައި އޮޑިދޯނިފަހަރު އެހެލާ މަރާމާތު ކުރުމަކީ މަނާކަމެކެވެ. އެފަދަ ޢަމަލެއް އެއްވެސް މީހަކު ކޮށްފިނަމަ އެ މީހަކު އެ ކުރިކަމެއް އިޞްލާހު ކުރުމަށް ނަސޭހަތްތެރި ވެވޭނެއެވެ. އަދި ދެ ވަނަ ފަހަރަށް އެފަދަކަމެއް ތަކުރާރުކޮށްފިނަމަ ކުޑަބޮޑުމިނަށް ބަލާ 500.00 ރުފިޔާއާއި 5،000.00 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

 

 

(ށ)

މި އުސޫލަށް ޢަމަލުކުރަން ފެށުމަށްފަހު މި ރަށުގެ އިޖުތިމާޢީ ސަރަހައްދު ތަކުގައި އޮޑިދޯނިފަހަރު އެހެލާފައި ބޭއްވުމަކީ މަނާކަމެކެވެ.

 

 

(ނ)

މި އުސޫލުގެ 5 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކޮށްފައިވާ ނަމަވެސް ކުރާ މަސައްކަތުގެ ބާވަތުން، ދިމާވާ ގުދުރަތީ ކަމަކާއި، މޫސުމީ ކަމަކާއި އަދި މި ނޫންވެސް ކުރިމަތިވާ ޚާއްޞަ ހާލަތެއްގައި ކައުންސިލުން ކަނޑައަޅާ މުއްދަތަކަށް، ކަނޑައަޅާ މަސައްކަތެއް ކުރުމަށް، ކަނޑައަޅާ ތަނަކަށް އޮޑިދޯނިފަހަރު އެހެލުމުގެ ހުއްދަ ދެވިދާނެއެވެ.

 

 

(ރ)

މި މާއްދާގެ (ނ) ގައިވާ ހާލަތްތަކާއި ގުޅިގެން ހުއްދަދޭ ބިމަށްވެސް މި އުސޫލު ހިނގާނެއެވެ.

އޮޑިހަރުގެއިން ބިން ދިނުމާއި ބެލެހެއްޓުން

7.

(ހ)

އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ހަރުގެ އަށް ނުވަތަ ފަސްވަޅަށް ނުވަތަ މި އުސޫލުގެ 10 ވަނަ މާއްދާގައިވާ ބޭނުންތަކަށް ބިންދޫކުރެވޭނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ "އޮޑިހަރުގެއަށް އެދޭ ފޯމު" ފުރުމަށްފަހު މިކައުންސިލަށް ހުށައެޅުމުންނެވެ.

 

 

(ށ)

ހަރުގެއަށް ނުވަތަ ފަސްވަޅަށް ނުވަތަ މި އުސޫލުގެ 10 ވަނަ މާއްދާގައިވާ ބޭނުންތަކަށް ބިން ދޫކުރެވޭނީ، މިއުސޫލުގެ 3 ވަނަ މާއްދާގައިވާ އޮޑިހަރުގޭގައި ހުސްބިން އޮތް ނިސްބަތަކުން އެކަމަށް އެދޭ މީހުންނަށެވެ. މިގޮތުން ހަރުގެއަށް ނުވަތަ ފަސްވަޅަށް ނުވަތަ މި އުސޫލުގެ 10 ވަނަ މާއްދާގައިވާ ބޭނުންތަކަށް ބިން ކަނޑައަޅާނީ ކައުންސިލުންނެވެ.

 

 

(ނ)

އޮޑިހަރުގެ އިން ބިން ދިނުމުގައި އިސްކަންދޭންވާނީ އެދޭ ފަރާތްތަކުގެ ތަރުތީބުންނެވެ. މިގޮތުން އޮޑިހަރުގޭގެ ދަފްތަރު ކައުންސިލުން ބަލަހައްޓަންވާނެއެވެ.

 

 

(ރ)

މި ކައުންސިލަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮތް ފަރާތަކަށް ބިން ދޫކުރެވޭނީ ނުދައްކާ އޮތް ފައިސާ ދެއްކުމުންނެވެ. ނަމަވެސް 5 ވަނަ މާއްދާގެ (ރ) ގައިވާ ގޮތަށް ފައިސާ ދައްކަމުންދާ ފަރާތްތައް މި މާއްދާއިން އިސްތިސްނާ ވާނެއެވެ.

 

 

(ބ)

ދޫކުރެވިފައިވާ ބިމުގައި، ބަލިމަޑުކަމެއް ފެތުރިދާނެ ނުވަތަ ފެތުރުމަށް މަގުފަހިވާ ތަކެތި ނުވަތަ މަދިރި އުފެދޭގޮތަށް ހުންނަ ތަކެތި ނައްތާލާ އެ ބިން ސާފުކޮށް ބެލެހެއްޓުމަކީ ބިމާ ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

 

(ޅ)

އެހެލުން ނޫންގޮތަކަށް އޮޑިހަރުގެ ސަރަހައްދުގެ މޫދުގައި ނުވަތަ ގޮނޑުދޮށަށް ކައިރިކޮށްގެން ކުރާ ކުދި މަސައްކަތްތަކަށް ހުއްދައަށް އެދޭކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަދަ ކަމެއް ކުރާކަން ކައުންސިލުގެ ކަމާ ގުޅުން ހުރި އިދާރީ މުވައްޒަފަކަށް ނުވަތަ ވެރިއަކަށް އަންގަން ވާނެއެވެ.

 

 

(ކ)

ކުއްޔަށް ނަގާ ބިން ދޫކޮށްލާއިރު ބިން ސާފުކޮށް، ބިމު ކުއްޔާއި ކަރަންޓާއި ފެނުގެ ފައިސާ ޚަލާސްކޮށްފައި ވާނަމަ އެބިމަކަށް ދެއްކި ޑިޕޮޒިޓު ފައިސާ އަނބުރާ ލިބޭނެއެވެ. އެހެންނޫން ނަމަ އެކަންކަމަށް އެ ފައިސާ ޚަރަދު ކުރެވޭނެއެވެ.

 

 

 

(އ)

މި އުސޫލުގެ 8 ވަނަ މާއްދާގެ (ދ) އަދި 9 ވަނަ މާއްދާގެ (ތ) ގައި ބަޔާންކޮށްފައިވާ ތަކެތީގެ ފުރިހަމަ ޒިންމާ ނަގަންވާނީ އެ ބިމެއް ކުއްޔަށް ނަގާ ފަރާތަކުންނެވެ.

ހަރުގެ

8.

(ހ)

ހަރުގެ އަށް ބިން ދޫކުރާނީ އޮޑިދޯނިފަހަރު ބަނުމަށެވެ.

 

 

(ށ)

6 މަހަށްވުރެ ކުރު މުއްދަތަކަށް ހަރުގެއަށް އެދޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ހަރުގެ އިން ބިން ދޫކުރެވޭނީ ދެފަރާތުގެ ދެމެދުގައިވެވޭ އެއްބަސްވުމަކުންނެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައިވާ 6 މަހަށްވުރެ ކުރު މުއްދަތަކަށް ހަރުގެ އަށް އެދޭ ފަރާތްތަކަށް ބިން ދޫކުރެވޭނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ "އޮޑިހަރުގެ ދޫކުރިކަމުގެ ޗިޓު" އިންނެވެ.

 

 

(ރ)

ހަރުގެ އިން ބިން ދޫކުރެވޭނީ ގިނަވެގެން 24 މަސްދުވަހުގެ މުއްދަތަކަށެވެ. މިމުއްދަތު ކަޑައަޅާނީ މަސައްކަތުގެ ކުޑަބޮޑުމިނަށް ބަލައި ކައުންސިލުންނެވެ.

 

 

(ބ)

މި މާއްދާގެ (ރ) ބުނެފައިވާ މުއްދަތު ހަމަވާއިރު މަސައްކަތް ނުނިމޭނަމަ މަސައްކަތް ނުނިމޭ ސަބަބު ބަޔާންކޮށް މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ކައުންސިލަށް ލިޔުމުން އަންގަންވާނެއެވެ. އެހެން ނަމަވެސް ހަރުގެ އަށް ބިން ދޫކުރެވިފައިވާ ފަރާތަށް ދެވަނަ ފަހަރަށް އެބިން ދޫކުރެވޭނީ ކުރަމުންދާ މަސައްކަތަށް ބަލައި ކައުންސިލުން ނިންމައި ގޮތެއްގެ މަތިންނެވެ. މިގޮތުން އިތުރު ފަރާތަކުން ހަރުގެ އިން ބިމަށް އެދިފައިވާނަމަ އެފަރާތަކަށް ދޭނެ ބިން އޮޑިހަރުގޭގައި އޮތްތޯވެސް ބެލޭނެއެވެ.

 

 

(ޅ)

އޮޑިދޯނިފަހަރު ބަނުމަށް ހަރުގެ ލިބޭ ފަރާތުން ޑިޕޮޒިޓުގެ ގޮތުގައި 1،500.00 ރުފިޔާ މިކައުންސިލަށް ދައްކަން ވާނެއެވެ. ނަމަވެސް މި މާއްދާގެ (ނ) ގައިވާ ގޮތަށް ހަރުގެ ލިބޭ ފަރާތްތަކުން ޑިޕޮޒިޓުގެ ގޮތުގައި ދައްކާނީ 500.00 ރުފިޔާ އެވެ.

 

 

(ކ)

ވިޔަފާރި އުސޫލުން އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރާނީ ކުއްޔަށް ދިނުމަށް އިޢުލާނުކުރުމުން ހުށަހެޅޭ އެންމެ ރަނގަޅު ހުށަހެޅުމަށް އިސްކަން ދީގެން ވިޔަފާރި އުސޫލުންނެވެ. މިކަމާބެހޭ މަޢުލޫމާތު ބިޑު ޑޮކިޔުމަންޓުގައި ހިމަނަންވާނެއެވެ.

 

 

(އ)

ވިޔަފާރި އުސޫލުން އޮޑިދޯނިފަހަރު ބަނުން ފިޔަވާ އެހެން ބޭނުންތަކަށް އޮޑިދޯނިފަހަރު ބަނުމަށް ހަރުގެ ލިބޭ ފަރާތުން ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 70 ލާރި މިކައުންސިލަށް ދައްކަންވާނެއެވެ.

 

 

(ވ)

ބިމު ކުލި ދެއްކުމުގައި ހަރުގެ މުއްދަތު ބަލާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެއްބަސްވުން ފެށޭ ތާރީޚާއި ނިމޭ ތާރީޚަށެވެ. މިގޮތުން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ ބިމުކުއްޔާއި ކަރަންޓާއި ފެނުގެ ފައިސާ ކައުންސިލަށް ދައްކަންވާނެއެވެ.

 

 

(މ)

މި މާއްދާގެ (އ) ގައިވާ ގޮތަށް ބިމުކުލި ދައްކަމުން ނުދާނަމަ މި އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

 

(ފ)

ވިޔަފާރި އުސޫލުން ފިޔަވައި އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ހަރުގެ އިން ބިން ލިބޭފަރާތަށް ހަރުގެ އެޅުމަށް ކުލި ނުހިނގާގޮތަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

 

 

(ދ)

ހަރުގެ އިން ބިން ލިބޭ ފަރާތުން، ލިބިފައިވާ ބިމުން ބޭރުގައި އެއްވެސް ތަކެއްޗެއް ބަހައްޓައިގެން ނުވާނެއެވެ. އަދި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

 

 

(ތ)

މިރަށުގައި އުފެދޭ ކުނިބުނި ބެލެހެއްޓުމާއި ނައްތާލުމުގެ ޚިދުމަތް ދިނުމަށް މިކައުންސިލުން ތަންފީޒު ކުރަމުންދާ "ކުނި އުކުމާއި ކުނި ނައްތާލުމުގެ އުސޫލު" ގައިވާ ގޮތަށް މި ކައުންސިލުން ގާއިމުކޮށްފައިވާ ކުނި އުކާލުމުގެ ނިޒާމުގައި ހަރުގެ އަށް ބިން ލިބޭ ފަރާތުން ބައިވެރިވެ އެ އުސޫލާ އެއްގޮތަށް އަމަލުކޮށް ދައްކަންޖެހޭ ފީ ދައްކަންވާނެއެވެ.

ފަސްވަޅު

9.

(ހ)

ފަސްވަޅަށް ބިން ދޫކުރާނީ އޮޑިދޯނިފަހަރު ބަނުން ފިޔަވައި އެހެލައިގެން ކުރާ މަރާމާތުތަކަށެވެ.

 

 

(ށ)

ފަސްވަޅަށް ބިން ދޫކުރެވޭނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ "އޮޑިހަރުގެ ދޫކުރިކަމުގެ ޗިޓު" އިންނެވެ.

 

 

(ނ)

ފަސްވަޅަށް ބިން ދޫކުރެވޭނީ 30 ދުވަހަށް ވުރެ ކުރު މުއްދަތަކަށް އެހެލާ ނަމަ "ދުވަހު ފަސްވަޅު" ގޮތުގައެވެ. އަދި އެހެލާ މުއްދަތު 30 ދުވަހަށް ވުރެ ދިގު ނަމަ "މަހު ފަސްވަޅު" ގޮތުގައެވެ. ދުވަހު ފަސްވަޅު ދޫކޮށްފައި އޮތްނަމަވެސް އެހެލި މުއްދަތު 30 ދުވަހަށްވުރެ ދިގު ނަމަ މަހު ފަސްވަޅު އަށް ބަދަލު ވާނެއެވެ.

 

 

(ރ)

އޮޑިދޯނިފަހަރު އެހެލައި މަރާމާތު ކުރުމަށް ފަސްވަޅު ލިބޭ ފަރާތުން ޑިޕޮޒިޓުގެ ގޮތުގައި 500.00 ރުފިޔާ މިކައުންސިލަށް ދައްކަންވާނެއެވެ.

 

 

(ބ)

މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް ދިގުމިނުގައި 30 ފޫޓު ހަމަ ނުވާ އޮޑިދޯނިފަހަރާއި އެހެލާތާ ސައުވީސް ގަޑިއިރު ތެރޭ ބާލާ އޮޑިދޯނިފަހަރު ޑިޕޮޒިޓުގެ ގޮތުގައި 100.00 ރުފިޔާ މި ކައުންސިލަށް ދައްކަންވާނެއެވެ.

 

 

(ޅ)

ފަސްވަޅު ބިމަށް އެދޭ ފަރާތްތަކުން އޮޑިދޯނި އެހެލުމުގެ 2 ދުވަސް ކުރިން ފޯމު ހުށަހަޅާ ޑިޕޮޒިޓު ދައްކަން ވާނެއެވެ.

 

 

(ކ)

މި މާއްދާގެ (ޅ) ގައިވާ ގޮތަށް ފޯމާއި ޑިޕޮޒިޓު ފައިސާ ދެއްކި ކަމުގައި ވީނަމަވެސް ފަސްވަޅު ބޭނުން ކުރަން ފަށަންވާނީ މި މާއްދާގެ (ށ) ގައިވާ ޗިޓު ލިބުމުންނެވެ.

 

 

(އ)

މިރަށު ރަޖިސްޓްރީގައިވާ އޮޑިދޯނިފަހަރާއި، މަތިވެރީގެ ރައްޔިތަކު އެހެން ރަށެއްގެ އުޅަނދެއް މިލްކު ކުރުމަށްޓަކާ ފައިސާ ދައްކަމުންދާ އޮޑިދޯނިފަހަރު އެހެލުމަށްފަހު، 15 ދުވަހަށްވުރެ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ދުވަހު ފަސްވަޅު ލިބޭ ފަރާތުން ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް ދުވާލަކު 10 ލާރި މިކައުންސިލަށް ދައްކަވަންވާނެއެވެ.

 

 

(ވ)

މިމާއްދާގެ (އ) ގައިވާ އޮޑިދޯނިފަހަރު ފިޔަވައި އެހެނިހެން އޮޑިދޯނިފަހަރު އެހެލައި މަރާމާތު ކުރުމަށް ދުވަހު ފަސްވަޅު ލިބޭ ފަރާތުން ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް ދުވާލަކު 10 ލާރި މި ކައުންސިލަށް ދައްކަންވާނެއެވެ.

 

 

(މ)

މަހު ފަސްވަޅު ލިބޭ ފަރާތުން ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 70 ލާރި މި ކައުންސިލަށް ދައްކަންވާނެއެވެ. މަހު ކުލި ދައްކާނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހުގެ ކުރިންނެވެ.

 

 

(ފ)

އެހެލާ އޮޑިދޯނި 24 ގަޑި އިރު ނުވަނީސް ބާލައިފިނަމަ ބިމު ކުލި ދައްކާކަށް ނުޖެހޭނެއެވެ.

 

 

(ދ)

ބިމު ކުލި ދެއްކުމުގައި ފަސްވަޅުގެ މުއްދަތު ބަލާނީ އޮޑި އެއްގަމަށް އަރުވާ ދުވަސް ނޫން ޖެހިގެން އަންނަ ދުވަހުން ފެށިގެން އޮޑި މޫދަށް ބާލައި ދުވަސް ހިމަނައިގެންނެވެ.

 

 

(ތ)

ފަސްވަޅު ކުއްޔަށް ނަގާ ފަރާތުން މަސައްކަތަށް ގެންނަތަކެތި އޮޑިހަރުގޭގައި ރައްކާކޮށް ބަލަހައްޓަންވާނީ އޮޑިހަރުގެ ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިނުވާނޭގޮތަށެވެ. އަދި ކުރާ މަސައްކަތްވެސް ކުރާންވާނީ އެހެން ފަރާތްތަކަށް ދަތިނުވާނޭގޮތަށެވެ.

އޮޑިހަރުގެއިން ބިން ކުއްޔަށް ދޫކުރުން

10.

(ހ)

އޮޑިހަރުގެއިން ބިން ކުއްޔަށް ދޫކުރެވޭނީ އޮޑިހަރުގޭގައި އޮޑިދޯނިފަހަރު ބަނުމާއި އެހެލާ މަރާމާތު ކުރުންފަދަ މަސައްކަތްތަކާ ގުޅޭ ބޭނުންތައް ކަމަށްވާ: ވަޑާމާއި؛ އިންޖީނު މަރާމާތު ކުރުމާއި؛ އޮޑިދޯނިފަހަރު އެހެލައި ބޭލުމާއި؛ މަރާމާތަށް ބޭނުންވާ ތަކެތި ރައްކާކޮށް ގެންގުޅުން ފަދަ ބޭނުންތަކަށް ވަޑާންގެ އާއި ވޯކްޝޮޕާއި ގުދަން ހަދައި ހިންގުމަށެވެ.

 

 

(ށ)

މި މާއްދާގެ (ހ) ގައިވާ ބޭނުންތަކަށް އޮޑިހަރުގެ އިން ބިން ދޫކުރެވޭނީ ގިނަވެގެން 60 މަސްދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތު ހަމަވުމުން އިތުރަށް މި ބިން ބޭނުންވާ ނަމަ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އަލުން އެދެން ވާނެއެވެ. ނަމަވެސް މި ބިން ދެވޭނީ އިތުރު ފަރާތަކުން އެދިފައި ނުވާނަމައެވެ.

 

 

(ނ)

މި ބޭނުންތަކަށް ބިން ލިބޭ ފަރާތުން ޑިޕޮޒިޓުގެ ގޮތުގައި 2،000.00 ރުފިޔާ މިކައުންސިލަށް ދައްކަން ވާނެއެވެ.

 

 

(ރ)

މި ބޭނުންތަކަށް ބިން ލިބޭ ފަރާތުން ބިމުކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު 1 ރުފިޔާ މިކައުންސިލަށް ދައްކަންވާނެއެވެ.

 

 

(ބ)

ބިމު ކުލި ދެއްކުމުގައި މި ބިންތަކުގެ މުއްދަތު ބަލާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެއްބަސްވުން ފެށޭ ތާރީޚާއި ނިމޭ ތާރީޚަށެވެ. މިގޮތުން ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ ބިމުކުއްޔާއި ފާއިތުވި މަހުގެ ކަރަންޓާއި ފެނުގެ ފައިސާ ކައުންސިލަށް ދައްކަންވާނެއެވެ.

 

 

(ޅ)

މި މާއްދާގެ (ރ) ގައިވާ ގޮތަށް ބިމުކުލި ދައްކަމުން ނުދާނަމަ މި އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

 

 

(ކ)

60 މަސްދުވަހަށް ބިން ލިބޭފަރާތަށް ވަޑާންގެ ނުވަތަ ވޯކްޝޮޕު ނުވަތަ ގުދަން އެޅުމަށް ކުލި ނުހިނގާގޮތަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

 

 

(އ)

މަރާމާތަށް އޮޑިދޯނިފަހަރު އެހެލާ ފަރާތްތަކަށް ވަގުތީ ބޭނުމަށް ކައުންސިލުން އަޅާފައިވާ ގުދަން ކުއްޔަށް ދޫކުރާނީ އޮޑިދޯނިފަހަރު އެހެލާ މުއްދަތަށެވެ. މިގޮތުން ގުދަނުގެ ދުވަހު ކުއްޔަކީ އަކަފޫޓަކަށް ދުވާލަކު 20 ލާރިއެވެ. މަހު ކުއްޔަކީ އަކަފޫޓަކަށް މަހަކު 3 ރުފިޔާއެވެ.

 

 

(ވ)

މި ބޭނުންތަކަށް ބިން ލިބޭ ފަރާތުން، ލިބިފައިވާ ބިމުން ބޭރުގައި އެއްވެސް ތަކެއްޗެއް ބަހައްޓައިގެން ނުވާނެއެވެ. އަދި އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްގެން ނުވާނެއެވެ.

 

 

(މ)

މިތަނުގައި އުފެދޭ ކުނި ނައްތާލަންވާނީ މިރަށުގައި އުފެދޭ ކުނިބުނި ބެލެހެއްޓުމާއި ނައްތާލުމުގެ ޚިދުމަތް ދިނުމަށް މިކައުންސިލުން ތަންފީޒު ކުރަމުންދާ "ކުނި އުކުމާއި ކުނި ނައްތާލުމުގެ އުސޫލު" ގައިވާ ގޮތަށެވެ.

މި އުސޫލުގައި ނެތް ކަމެއް ދިމާވުން

11.

މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމަކަށް ގޮތް ނިންމާނީ ކައުންސިލްގެ އާންމު ބައްދަލުވުމުންނެވެ.

ބިން ވަކިކުރުން

12.

(ހ)

އެއްވެސް ފަރާތަކުން "ހަރުގެ އެޅުމަށް ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން" އާއި ޚިލާފުވެއްޖެނަމަ، ނުވަތަ މި އުސޫލާ ޚިލާފުވެއްޖެނަމަ، ޚިލާފަށްކޮށްފައިވާ ކަމެއް ސާފުކޮށް ބަޔާންކޮށް އެކަން އިސްލާޙްކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިޔުމުން ދެވޭނެއެވެ. އަދި އެމުއްދަތުގައި އެކަމެއް އިސްލާޙު ކޮށްފައި ނުވާނަމަ، ނުވަތަ އެއްފަހަރަށްވުރެ ގިނަފަހަރު އެފަދަކަމެއް ތަކުރާރު ކޮށްފިނަމަ، އެ އެއްބަސްވުމާއި ނުވަތަ މިއުސޫލާއި ޚިލާފުވެފައިކަމާއި، ޚިލާފުވީ ސަބަބު ބަޔާންކޮށް ލިޔުމުން އެންގުމަށްފަހު، އެއްވެސް ބަދަލެއް ދިނުމަކާނުލާ އެފަރާތެއްގެ ކިބައިން ބިން ވަކިކުރެވޭނެއެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގެ ދަށުން އޮޑިދޯނިފަހަރު ބަނުމާއި މަރާމާތު ކުރުމަށް 'ހަރުގެ' އެޅުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިމެއް ވަކިކުރެވިއްޖެނަމަ، އެބިން ސާފުކުރުމަށް ހިނގާ ޚަރަދު އެބިމެއް ކުއްޔަށް ނަގާފައިވާ ފަރާތުން މިކައުންސިލަށް ދައްކަންވާނެއެވެ.

ޖޫރިމަނާ

13.

މިއުސޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާ މެދު، އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 500.00 ރުފިޔާއާއި 1،000.00 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާކުރުން؛ ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ 1،000.00 ރުފިޔާއާއި 3،000.00 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން؛ ހަތަރުވަނަ ފަހަރު ކުށް ތަކުރާކޮށްފިނަމަ 3،000.00 ރުފިޔާއާއި 3،000.00 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރުވަނަ ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު 5،000.00 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

މާނަ ކުރުން

14.

(ހ)

"ކައުންސިލް" މިޤަވާއިދުގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާނަމަ، ކައުންސިލްކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ ދަށުން އިންތިހާބުކޮށްފައިވާ އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލަށެވެ.

 

 

(ށ)

"އޮޑިހަރުގެ" ކަމަށް ބުނެފައި އެވަނީ؛ އޮޑިދޯނިފަހަރު ބަނުމާއި އެހެލައި މަރާމާތުކުރުމަށް ހަރުގެ އާއި ފަސްވަޅު ދޫކުރާ ސަރަޙައްދަށެވެ.

 

 

(ނ)

"ހަރުގެ" ކަމަށް ބުނެފައި އެވަނީ؛ އޮޑިދޯނިފަހަރު ބަނުމަށް ދޫކުރާ ބިމަށެވެ.

 

 

(ރ)

"ފަސްވަޅު" ކަމަށް ބުނެފައި އެވަނީ؛ އޮޑިދޯނިފަހަރު ބަނުން ފިޔަވައި އެހެލައިގެން ކުރާ މަރާމާތުތަކަށް ދޫކުރާ ބިމަށެވެ.

 

 

(ބ)

"އޮޑިދޯނި" ކަމަށް ބުނެފައި އެވަނީ؛ ކަނޑުގައި ދުއްވާ އިންޖީނުލީ އަދި އިންޖީނުނުލައި ކޮންމެ އުޅަނދަކަށެވެ.

 

06 ޖޫން 2022