މަސައްކަތް
ނަންބަރު: (IUL)450-CA/450/2022/23
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2022
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 05 ޖޫން 2022 11:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމުގެ 'ސްޓޭންޑަރޑް އޮޕެރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ)' އެކުލަވާލުމުގެ ކޮންސަލްޓާންސީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމުގެ 'ސްޓޭންޑަރޑް އޮޕެރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ)' އެކުލަވާލުމުގެ ކޮންސަލްޓާންސީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ތައާރުފު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މި އޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދޭތޯ ކަށަވަރު ކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށް ބޭނުންވާ ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމެވެ. މިގޮތުން އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.

 

ގާނޫނު ނަމްބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު) ގައި މި އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި 'ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް އެހީތެރިވުމަށްޓަކައި ބައިތިއްބަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ ބިނާކުރުމާއި، އެފަދަ މަރުކަޒުތައް ހިންގާ އެހެން ފަރާތްތަކަށް އެހީތެރިވުމާއި، އެފަދަ މަރުކަޒުތަކުގެ މިންގަނޑުތަކާއި ހަމަތަކާއި އުސޫލުތަކާއި އަމާޒުތައް ކަނޑައަޅައި މޮނިޓަރކުރުން' ވަނީ ބަޔާންކޮށްފައެވެ.  ވުމާއެކު، އޮތޯރިޓީން ތައާރަފު ކުރަންޖެހޭ ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން މިފަދަ މަރުކަޒުތައް ހިންގުމުގެ 'ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' (އެސް.އޯ.ޕީ) އެކުލަވާލުމަށްޓަކައި ކޮންސަލްޓަންޓަކު ހޯދުމަށް އިއުލާންކުރަމެވެ.

1. ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު

މި ކޮންސަލްޓަންސީގެ މަގްސަދަކީ ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމުގެ އަސާސްތަކާއި، އުސޫލުތަކާއި، މިމަސައްކަތުގައި މަޝްއޫލުވާ ފަރާތްތަކުގެ ޒިންމާ އަދި ދައުރު، އަދި މި މަރުކަޒުތަކުން ހިދުމަތް ފޯރުކޮށްދެވޭނެ ގޮތުގެ 'ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' (އެސް.އޯ.ޕީ) އެކުލަވާލުމެވެ.  

 

މި އެސް.އޯ.ޕީ ކަނޑައެޅިގެންދާއިރު ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަރުކަޒު ހިންގާނެ ގޮތާއި އަދި އެފަރާތްތަކަށް މަރުކަޒުގެ ހިންގުން މޮނިޓަރކޮށް ސުޕަވައިޒް ކުރާނެ އުސޫލެއް ބަޔާންކުރަންވާނެއެވެ. މީގެތެރެއިން، އަނިޔާލިބުނު ފަރާތްތަކުގެ ރައްކާތެރިކަމާއި ސަލާމަތް ބެލެހެއްޓުމަށް އިސްކަންދޭންޖެހޭ ކަންކަން ދެނެގަނެވިފައި ހުންނަންވާނެއެވެ. އަދި އަނިޔާލިބޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުން ޖާގަ ދިނުމުގައި އަދި ވަކިކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި، އަދި އަނިޔާލިބޭ ފަރާތް މަރުކަޒުން ބޭރުވުމަށްފަހު މޮނިޓަރ ކުރެވޭނެ އުސޫލެއް އެސް.އޯ.ޕީ ގައި ލިޔެވިފައި އޮންނަންވާނެއެވެ. އެގޮތުން، މަރުކަޒަށް ވަނުމަށް ފުރާ އެޑްމިޝަން ފޯމު، ސޯޝަލް އެސެސްމަންޓް ފޯމް، އިންފޯމްޑް ކޮންސެންޓް ފޯމް، އަދި މަރުކަޒުގެ ހިޔާވެހިން ތަބާވާންޖެހޭ އިރުޝާދުތައް ފަދަ ފޯމުތައް އެސް.އޯ.ޕީއާ އެއްކަރުދާސް ކުރެވިފައި ހުންނަންވާނެއެވެ. މީގެއިތުރުން، އެސް.އޯ.ޕީ އާ ގުޅިގެން ނަގައިދޭންޖެހޭ ތަމްރީން ސެޝަންތަކަށް ބޭނުންވާ 'ކޮންޓެންޓް' ތައްޔާރުކުރުން އަދި އޮތޯރިޓީގެ ފަރާތުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ނަގައިދޭންޖެހޭ ތަމްރީން ޕްރޮގްރާމްތައް ވިލަރެސްކޮށްދިނުމަކީ މި ކޮންސަލްޓަންސީގެ ތެރެއިން ހިމެނޭ ކަމެކެވެ.

 

ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކަކީ ހިޔާވަހިކަމުގެ އިތުރުން އެކި ހިދުމަތް ދެވޭފަދަ މަރުކަޒަތަކަށް ހެދުމަކީ އޮތޯރިޓީގެ އުންމީދެކެވެ. އެހެންކަމުން، މިފަދަ މަރުކަޒެއްގައި ދެވޭނެ ހިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، މި ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތް ('ސަރވިސް ޕްރޮވިޝަން ފްލޯ') އެސް.އޯ.ޕީ ގައި ބަޔާންކޮށްދޭންޖެހެއެވެ. އެގޮތުން ގެވެށި އަނިޔާ ލިބުމުން ދެވޭ އިޖާބަ، ޖިންސީ އަދި ދަރިމައިވުމުގެ ސިއްހަތަށް ދެވޭ ހިދުމަތްތަކާއި، އަނިޔާ ލިބޭ ފަރާތް ބާރުވެރިކުރުވުމަށް ދެވޭ ހިދުމަތްތަކާއި، ކުޑަކުދިން ގޮވައިގެން އަންނަ އަނިޔާލިބޭ ފަރާތްތަކަށް ހިދުމަތް ދެވޭނެ ގޮތްތައް ތަފުސީލުކޮށް ހިމެނުން ލާޒިމެވެ. މީގެއިތުރުން، މި ކޮންސަލްޓަންސީގެ ތެރެއިން ރައްކާތެރިކަމުގެ ވަގުތީ މަރުކަޒުގެ ތެރޭގައި އަދި އެހެން މުއައްސަސާތަކުން ބޭނުންވާ ހިދުމަތް ހޯދުމަށް ރިފާ ކުރާނެ އޮނިގަނޑެއް ފަރުމާކުރަން ޖެހޭނެއެވެ.

 

މަރުކަޒުން ދެވޭ ހިދުމަތުގެ ފެންވަރު މޮނިޓަރ ކޮށް ބެލުމަކީ އޮތޯރިޓީގެ ދައުރެއް ކަމަށް ވުމުން، މޮނިޓަރިންގ އަދި އިވެލުއޭޝަން އިންޑިކޭޓަރތައް ފަރުމާކުރުމަކީ މި ކޮންސަލްޓަންސީގެ ތެރެއިން ހިމެނޭ ކަމަކެވެ. 

 

މި މަސައްކަތުގެ ތެރޭގައި  ބައިނަލްއަގްވާމީ ފެންވަރުގައި މިހާތަނަށް ހެދިފައިވާ މިފަދަ އެސް.އޯ.ޕީތައް ދިރާސާކޮށް، ދިވެހިރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވުމަށް އިޖާބަދޭ މުއައްސަސާތަކާއެކު 'ކީ-އިންފޯމަންޓް އިންޓަވިއު' ކުރިޔަށް ގެންދިއުން ހިމެނެއެވެ. އަދި، ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ އެސް.އޯ.ޕީ ކަނޑައެޅުމުގައި ކަމާގުޅުންހުރި ބައިނަލްއަގްވާމީ މުއާހަދާތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ރިއާޔަތްކުރަންވާނެއެވެ.

 

މިމަސައްކަތުގެ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ޖުމްލަ 120 ދުވަހެވެ.

1.1. މަސައްކަތުގެ ތެރެއިން ހާސިލް ކުރުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް

  • ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ހިންގުމުގައި އަދި ހިދުމަތް ފޯރުކޮށްދިނުމުގެ 'ބެސްޓް ޕްރެކްޓިސް' ތަކާއި ބައިނަލްއަގުވާމީ ހަމަތައް ދިރާސާކުރުމަށްފަހު، އަދި އަނިޔާލިބޭ ފަރާތްތަކާއެކު މަސައްކަތްކުރާ ދާއިރާގެ ތަޖުރިބާކާރުން އަދި ކަމާގުޅުންހުރި އެހެނިހެން މަސްއޫލުވެރިންނާއި މަޝްވަރާ ބައްދަލުވުން ބާއްވައި އެކަންކަމުގެ މައްޗަށް ބިނާކޮށް ޑެސްކް ރިވިއުއެއް ތައްޔާރުކުރުން.
  • ޑެސްކް ރިވިއު އަދި ދާއިރާގެ ތަޖުރިބާކާރުން އަދި އެހެނިހެން މަސްއޫލުވެރިންނާއި މަޝްވަރާ ބައްދަލުވުންތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތައް ހިންގާނެ 'ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' (އެސް.އޯ.ޕީ) ތައްޔާރުކުރުން.
  • ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުތަކުގެ ހިންގުން މޮނިޓަރކުރުމަށް މޮނިޓަރިންގ އަދި އިވޭލުއަޝަން އިނޑިކޭޓަރތައް ތައްޔާރުކުރުން.
  • 'ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' (އެސް.އޯ.ޕީ) ކަނޑައަޅައި ފައިނަލް ކުރުމަށްޓަކައި ކަމާއިގުޅުން ހުރި މުއައްސަސާތަކާއި އެކު ވެލިޑޭޝަން ވާކްޝޮޕެއް ބޭއްވުން.
  • އޮތޯރިޓީގެ ކޮމެންޓުތަކުގެ އަލީގައި، އަދި ވެލިޑޭޝަން ވާކްޝޮޕްގެ ހުށަހެޅުންތަކުގެ އަލީގައި 'ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' (އެސް.އޯ.ޕީ) ކަނޑައަޅައި ފައިނަލް ރިޕޯޓު އެކުލަވާލައި، އޮތޯރިޓީއާ ހިއްސާކުރުން.
  • 'ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' (އެސް.އޯ.ޕީ) އާ ގުޅިގެން ނަގައިދޭންޖެހޭ ތަމްރީން ސެޝަންތަކަށް ބޭނުންވާ 'ކޮންޓެންޓް' ތައްޔާރުކުރުން އަދި އޮތޯރިޓީގެ ފަރާތުން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ނަގައިދޭންޖެހޭ ތަމްރީން ޕްރޮގްރާމްތައް ވިލަރެސްކޮށްދިނުން

2. އިތުރު މައުލޫމާތު

މި މަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ. އަދި މިމަސައްކަތް ކުރުމަށް ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.

3. ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން

ތަޖުރިބާ: މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް ނުވަތަ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3-5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވުން. އަދި މިފަދަ 'ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' (އެސް.އޯ.ޕީ) ކަނޑައެޅުމުގައި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މި ގޮތުން ކުރިމަތިލާ ފަރާތުގެ މަސައްކަތު ތަޖުރިބާގެ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ޓީމަކުން ހުށަހަޅާނަމަ، ޓީމްގެ މެންބަރުންގެ މެދުގައި މިފަދަ ތަޖުރިބާތައް ހުރި މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ

25%

ތައުލީމު: މިފަދަ މަސައްކަތެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ. މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ވިމެންސް ސްޓަޑީޒް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް ނުވަތަ ގުޅުންހުރި ދާއިރާތަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް (މާސްޓާސް ޑިގްރީ) ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މި  ކޮންސަލްޓަންސީގެ ފުރުސަތަށް ކުރިމަތިލެވޭނީ އިސްވެދެންނެވުނު ދާއިރާތަކުގެ ތެރެއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލުކުރައްވާފައިވާ ފަރާތްތަކަށެވެ. މި ގޮތުން ކުރިމަތިލާ ފަރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.

ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމު އެނގޭނެހެން ހުށަހަޅަންވާނެއެވެ.

20%

ޓެކްނިކަލް ޕްރޮޕޯސަލް. ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މިގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯސަލްގައި ހުށަހަޅާ މެތަޑޮލޮޖީގެ މައްޗަށެވެ.

35%

ފައިނޭންޝަލް ޕްރޮޕޯސަލް: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ.

20%

ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ.

4. މެތޮޑޮލޮޖީ

  • ޓެކްނިކަލް ޕްރޮޕޯޒަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީއަކީ އެކަށީގެންވާފަދަ މެތޮޑޮލޮޖީއެއްކަން (ޖަސްޓިފިކޭޝަން) ދައްކައިދޭންވާނެއެވެ.
  • ހުށަހަޅާ މެތޮޑޮލޮޖީ ތައްޔާރުކުރެވިފައިވަނީ މި ކޮންސަލްޓަންސީ މެދުވެރިކޮށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނެފަދަ ގޮތަކަށްތޯ ބެލެވޭނެއެވެ.
  • ހުށަހަޅާ މެތޮޑޮލޮޖީ ކަނޑައެޅިފައިވާ މުއްދަތުތެރޭގައި މަސައްކަތް ނިންމޭނެފަދަ ގޮތަކަށްތޯ ތައްޔާރު ކުރެވިފައިވާ މެތޮޑޮލޮޖީއެއްތޯ ބެލެވޭނެއެވެ.

5. ވާރކް ޕްލޭން

  • ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ނިންމޭނެފަދަ ގޮތަކަށް ހަރަކާތްތައް ރޭވިފައިވާންވާނެއެވެ.
  • އޮތޯރިޓީއިން ހާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލްވާފަދަގޮތަކަށް ތައްޔާރުކުރެވިފައިވާ ވާރކް ޕްލޭނަކަށް ވާންވާނެއެވެ.

6. މަސައްކަތުގެ މުއްދަތު

  • މިމަސައްކަތުގެ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ޖުމްލަ 120 ދުވަހެވެ.

7. ހުށަހަޅަން ޖެހޭ ތަކެތި

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް/ފާމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

  • ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު
    • އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
    • ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެކޮޕީ
    • ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްނަމަ ޓެކްސް ކްލިއަރެންސް ފޯމް.
    • މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. މިބައިގައި ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް ނުވަތަ ގުޅުންހުރި ދާއިރާއަކުން 3-5 އަހަރާ ދެމެދުގެ ތަޖުރިބާ ލިބިފައިވޭތޯ އަދި މިފަދަ މިފަދަ 'ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ' (އެސް.އޯ.ޕީ) ކަނޑައެޅުމުގައި އަމަލީ ތަޖުރިބާ ހުރިތޯ ބެލެވޭނެއެވެ.
    • މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ސޯޝަލް ސައިންސްގެ ދާއިރާ، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް، ވިމެންސް ސްޓަޑީޒް، ހިއުމަން ރައިޓްސް، ޕަބްލިކް ހެލްތް ނުވަތަ ގުޅުންހުރި ދާއިރާތަކުން މާސްޓަރޒް ޑިގްރީގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މި  ކޮންސަލްޓަންސީގެ ފުރުސަތަށް ކުރިމަތިލެވޭނީ އިސްވެދެންނެވުނު ދާއިރާތަކުގެ ތެރެއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލުކުރައްވާފައިވާ ފަރާތްތަކަށެވެ.
    • ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
    • ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ،
  • ޓެކްނިކަލް ޕްރޮޕޯސަލް
    • މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
    • މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވޯކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށް ދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
  • ފައިނޭންޝަލް ޕްރޮޕޯސަލް
    • ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަގު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

ނަންބަރު

ހަރަކާތް

ތަފުސީލު

އަދަދު

ޔުނިޓު އަގު

ޖުމުލަ އަގު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

8. ފައިސާ ދޫކުރުން

  • މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.

9. ކޮންފްލިކްޓް އޮފް އިންޓްރެސްޓް

  • ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި އޮތޯރިޓީގެ މުވައްޒަފަކާ ނުވަތަ އޮތޯރިޓީގެ ބޯޑު މެމްބަރަކާ ގުޅުމެއް (ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02 ގެ (ހ) ގައި ބަޔާންކުރާ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް) އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.

10. އިތުރު މައުލޫމާތު

  • އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް 01 ޖޫން 2022 ގެ 13:00 ގެ ކުރިން ލިޔުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

11. ޕްރޮޕޯސަލް ހުށަހެޅުން 

  • ޕްރޮޕޯސަލް ހުށަހެޅުން: 05 ޖޫން 2022 ވަނަ ދުވަހުގެ 11:00 އަށް.
  • ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ.މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • ނޯޓް: ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް މި ބިޑުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
23 މޭ 2022