ޢާންމު މަޢުލޫމާތު
ނަންބަރު: 480/PR/2022/2
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 19:46
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ބާ އިމްތިޙާނު ބާއްވާ ތާރީޚާއި އިމްތިޙާނުގެ ފީ ކަނޑައެޅުމާ ގުޅޭ

މި އަހަރުގެ ޖޫން މަހު ބާ ކައުންސިލުން ބޭއްވުމަށް އިންތިޒާމު ކުރަމުންދާ ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނު އޮންނާނީ 25 ޖޫން 2022 ވާ ހޮނިހިރު ދުވަހުއެވެ. އަދި ބާ އިމްތިޙާނުގެ ފީ ގެ ގޮތުގައި ކެންޑިޑޭޓުން ދައްކަންޖެހޭނީ -/10،000 (ދިހަ ހާސް) ދިވެހި ރުފިޔާއެވެ.  

ބާ އިމްތިޙާނަކީ ޕްރޮފެޝަނަލް އިމްތިޙާނަކަށްވެފައި، މި އިމްތިޙާނަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ 'ލައިސަންސިންގ އެގްޒޭމް' އަކަށް ހެދުމަށްޓަކައި ބާ ކައުންސިލުން ވަނީ ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. މި ޚަރަދުތަކުގެ ތެރޭގައި ބައިނަލްއަޤްވާމީ މާހިރުންގެ އެހީތެރިކަން ހޯދުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ ބޭފުޅުން ކޮށްދެއްވާފައިވާ މަސައްކަތާއި، އިމްތިޙާނު ބޭއްވުމަށް ހިނގާނެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުތައްވަނީ ހިމެނިފައެވެ.

އިމްތިޙާނުގެ ފީ ކަނޑައެޅުމުގައި ބާ ކައުންސިލުންވަނީ ގިނަ ކަންތައްތަކަކަށް ރިޢާޔަތްކޮށްފައެވެ. އެގޮތުން، ބާ ކައުންސިލަކީ ގްރާންޓް ފަންޑުން ހިންގާ ތަނަކަށްވާތީ އާއި މި އަހަރުން ފެށިގެން ކުރިއަށް އޮތް ކޮންމެ އަހަރަކުވެސް ބާ އިމްތިޙާނެއް އިންތިޒާމުކުރަން ޖެހޭނެތީ، މިފަދަ އިމްތިޙާނެއް ދެމެހެއްޓެނިވި ގޮތަކަށް ބޭއްވުމަށްޓަކައި އިމްތިޙާނުގެ ޚަރަދު އަނބުރާ ހޯދުމަކީ ފީ ކަނޑައެޅުމުގެ އެންމެ އަސާސީ އެއް މަޤްޞަދެވެ. އަދި އިމްތިޙާނުގެ ޚަރަދު އަނބުރާ ހޯދުމަކީ ދުނިޔޭގެ އެހެން ބާ ތަކުގައިވެސް އެކަން ކުރާ ގޮތަށްވުމުގެ އިތުރުން، ބާ އިމްތިޙާނު ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަށް މަސައްކަތް ނުކުރާކަމުގައިވާނަމަ ބާ ކައުންސިލަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ތިބި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމުގައި އެހީތެރިކަން ލިބުމުގެ ދަތިކަން ބާ ކައުންސިލަށް ކުރިމަތިވާނެ ކަމުގެ މައްޗަށް ފީ ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވެއެވެ.

ބާ އިމްތިޙާނުގެ ކުރިމަގަށް ބަލައި އިމްތިޙާނު ބާއްވަންޖެހޭނީ އެކަމަށް ހިނގާ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި ބާ ކައުންސިލަށް އަނބުރާ ހޯދޭނެ އުސޫލަކުންކަމަށް ވީނަމަވެސް، މި އަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނަކީ ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނަށްވެފައި، އިމްތިޙާނުގެ ބައިވެރިންނަށް އިމްތިޙާނަށް ތައްޔާރުވުމަށް ލިބިފައިވާ ވަގުތަކީ މިފަދަ ކަމަކަށް މާލީގޮތުން ތައްޔާރުވުމަށް އެންމެ އެކަށީގެންވާ މުއްދަތެއްކަމަށް ނުވުމުގެ ފުރުސަތު އޮތަތީ، އިމްތިޙާނުގެ ބައިވެރިންނަށް ދެވޭ ލުޔެއްގެ ގޮތުން މިއަހަރު އިމްތިޙާނު ބޭއްވުމަށް ހިނގާ ޚަރަދުގެ %50 ޒިންމާ އުފުލާނީ ބާ ކައުންސިލުން ކަމުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއިން ވަނީ ނިންމަވާފައެވެ. އަދި އިމްތިޙާނުގެ ބައިވެރިންގެ އަތުން އިމްތިޙާނުގެ ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އިމްތިޙާނަށް ކޮށްފައިވާ ޚަރަދުގެ %50 (އިމްތިޙާނުގެ ކޮންމެ ބައިވެރިއަކަށް އެވްރެޖްކޮށް ދިހަ ހާސް ރުފިޔާ) އެވެ.

24 މާރިޗު 2022