ދިވެހިރާއްޖެ
އައްޑޫ ސިޓީގެ ޕާކް ތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އުޞޫލު
1. ތަޢާރަފް
(ހ) މިއީ، އައްޑޫ ސިޓީ ކައުންސިލްގެ ނިންމުން ނަންބަރު 426-B(4E)/2021/04 (18 އޯގަސްޓް 2021) އާއި ގުޅިގެން އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދައި އެފަދަ ފަރާތްތަކާއި ގުޅިގެން އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަން ކުރިޔައް ގެންދާނެގޮތުގެ އުޞޫލެވެ.
(ށ) މި އުޞޫލަށް ކިޔާނީ " އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އުޞޫލު" އެވެ.
2. ޢަމަލުކުރަންފަށާ ތާރީޚް
މި އުޞޫލަށް ޢަމަލުކުރަންފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް އާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެންނެވެ.
3. މުއްދަތު
މި އުޞޫލުގެ ދަށުން ޕާކް ތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޙަވާލުކުރެވޭނީ ގިނަވެގެން 10 އަހަރުގެ މުއްދަތަކަށެވެ.
4. މި އުޞޫލަށް ޢަމަލުކުރަންފަށާއިރު އަމިއްލަ ފަރާތްތަކުން ބަލަހައްޓަމުންދާ ތަންތަން
(ހ) މި އުޞޫލާ އެއްގޮތަށް ޢަމަލުކުރަން ފަށާއިރު އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެހެނިހެން ފަރާތްތަކާއި ކައުންސިލާއެކު ވެފައިވާ އެއްބަސްވުންތައް ބަލައި، 60 ދުވަސް ތެރޭގައި މި އުޞޫލަށް ފެތޭގޮތަށް އެއްބަސްވުންތަކަށް ބަދަލުގެންނަން ވާނެއެވެ. މިގޮތުން މި އުޞޫލުގައިވާ ކަންކަމަށް އެއްބަސްނުވާ ފަރާތްތަކުގެ އެއްބަސްވުންތައް ނިމުމަކަށް ގެންނަންވާނެއެވެ.
(ށ) މިއުޞޫލަށް ޢަމަލުކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އެހެނިހެން ފަރާތްތަކުން ކައުންސިލާއެކު އެއްބަސްވުމެއްގެ ދަށުން ވަކި ސަރަޙައްދެއް ނުވަތަ މައިޒާނެއް ބެލެހެއްޓުމަށް ޙަވާލުކޮށް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާކަމަށް ފެންނަނަމަ، އެއްބަސްވުމުގައި ވާގޮތުގެ މަތިން ނޯޓިސް ދިނުމަށްފަހު އެއްބަސްވުންތައް އުވާލަންވާނެއެވެ.
5. މަރާމާތުކޮށް ބަލަހައްޓާނެ ފަރާތްތައް ހޯދުން
(ހ) މި އުޞޫލުގެދަށުން އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދާނީ އެކަމަށް ޝައުގުވެރިވާފަރާތައް ހޯދުމަށް ޢާންމުކޮށް އިޢުލާންކޮށްގެންނެވެ.
(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުރެވޭ އިޢުލާނާއެކު މަޢުލޫމާތު ޝީޓެއް ހަދައި، އެމަޢުލޫމާތު ޝީޓްގައި ކުރިމަތިލާ ފަރާތްތަކަށް މާކްސްދޭނެ މިންގަނޑާއި އެހެނިހެން ތަފްސީލްތައް ހިމަނަންވާނެއެވެ.
(ނ) މި އުޞޫލުގެދަށުން އިޢުލާންކުރާ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތި ލެވޭނީ އައްޑޫ ސިޓީގެ ރައްޔިތުންނަށާއި، ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ރަޖިސްޓަރީކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.
(ރ) މިމާއްދާގެ (ނ) ގައި އެހެން އޮތްކަމުގައި ވީނަމަވެސް ސީ.އެސް.އާރު ގެ ދަށުން ޕާކުތަކާއި ބީޗްތަކާއި މައިޒާންތައް ބެލެހެއްޓުމަށް އެކި ފަރާތްތަކާއި ހަވާލުކުރުމަށް މި އުސޫލު ހުރަހެއް ނާޅައެވެ.
(ނ) މި އުޞޫލުގެ ދަށުން ހުށަހަޅާ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާއި އެފަރާތަކުން ބެލެހެއްޓުމަށް ހުށަހަޅާތަނެއް ޙަވާލުކުރާނީ ކައުންސިލުންނެވެ.
6. ބެލެހެއްޓުމަށް ހަވާލުކުރެވޭތަނުގައި މާލީ މަންފާ ހޯދުމަށް ކުރެވިދާނެ ކަންކަން
މި އުޞޫލުގެދަށުން އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ހުށަހަޅާއިރު އެތަން މަރާމާތުކޮށް ބެލެހެއްޓުމަށް ހުށަހަޅާގޮތް ސާފުކޮށް އެނގޭނެހެން ޕްރޮޕޯޒަލެއް ހުށަހަޅަންވާނެއެވެ. އެގޮތުން އެތަން ބޭނުން ކޮށްގެން މާލީ މަންފާއެއް ހޯދުމަށް ހުށަހެޅޭނީ އަންނަނިވި ކަންކަމަށެވެ.
(ހ) އެތަނާއި ގުޅޭ ޚާއްޞަ ޚިދުމަތްތަކެއް ގާޢިމްކޮށް އެ ޚިދުމަތް ހޯދުމަށް އަގުނެގުން. އެފަދަ ޚިދުމަތެއް ޤާއިމްކުރުމުގެކުރިން ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ.
(ށ) އެތަނުގެ ތެރޭގައި ޕާކްކުރާ ސަރަޙައްދެއް ގާއިމްކޮށްފައިވާނަމަ އެތަނުގައި ޕާކުކުރާ ފަރާތްތަކުގެ އަތުން ފީ ނެގުން.
(ނ) އެކިއެކި ޕާޓީ ފަދަ ޙަފްލާތައް ބޭއްވުމަށް އެތަން ކުއްޔައް ދިނުން.
(ރ) ފަންޑް ރައިޒިން އިވެންޓްތައް ބާއްވައިގެން ފައިސާ ހޯދުން.
(ބ) ގޭޓް ފާސް ވިއްކައިގެން ފައިސާ ހޯދުން.
7. ބެލެހެއްޓުމަށް ޙަވާލުކުރެވޭތަން ބެލެހެއްޓުން އަދި އެތަނުގައި ގައި ކޮންމެހެން ގާއިމްކުރަންޖެހޭ ޚިދުމަތްތައް
މި އުޞޫލުގެދަށުން އައްޑޫ ސިޓީގެ ޕާކްތަކާއި ބީޗްތަކާއި ޢާންމު މައިދާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ޙަވާލުވާފަރާތަކުން އެތަނާއި ގުޅޭ ތަފާތު ޚިދުމަތްތައް ޤާއިމްކުރެވިދާނެއެވެ. މިގޮތުން ޤާއިމްކުރެވޭ ޚިދުމަތްތަކުގެ ތަފްސީލް ކައުންސިލާ ހިއްސާކޮށް ހުއްދަ ހޯދަންވާނެއެވެ.
8. އެހެނިހެން ކަންކަން
(ހ) އެތަނުގައި ހަދާ ތަންތަން ގަވާއިދުން މަރާމާތުކޮށް ބަލަހައްޓަންވާނެއެވެ.
(ށ) ބެލެހެއްޓުމަށް ޙަވާލުކުރެވޭ ސަރަޙައްދާއި އެސަރަޙައްދާއި އިންވެގެން އޮންނަ މަގުތަކުގަ ކުނިކަހައި ވިނަކޮށައި ސާފުކޮށް ބަލަހައްޓަންވާނެއެވެ.
(ނ) ޕާކުތަކާއި މައިޒާންތަކުގައި ހުންނަ ރުއްގަސް ބަލަހައްޓައި، އެ ސަރަޙައްދާއި އިންވެގެން އޮންނަ މަގުމައްޗަށް ވާގޮތަށް ހުންނަ ގަސް ކޮށައި މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫނުވާނެހެން ބަލަހައްޓަންވާނެއެވެ.
(ރ) ޕާކު އޮންނަންވާނީ އުމުރުން ދުވަސްވީ މީހުންނާއި ޚައްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.
(ބ) ޑަސްބިން ބަހައްޓައި ސަރުކާރުން އެވަގުތެއްގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކާއި ޙަވާލުކޮށް، ގަވާއިދުން ޑަސްބިންތައް ހުސްކުރަންވާނެއެވެ. އަދި ކުނި ނަގައި ސާފުކުރުމަކީ އެތަނާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
(ޅ) ކައުންސިލުން އެފަދަ ތަނެއްގައި ހަރަކާތެއް ބާއްވަން ބޭނުންވެއްޖެނަމަ އަގަކާނުލައި ކައުންސިލަށް އެތަން ލިބޭނެގޮތް ހަމަޖެހިފައި އޮންނަން ވާނެއެވެ.
(ކ) ޕާކްތަކާއި ބީޗްތަކާއި މައިޒާންތައް ބަލަހައްޓަން ހަވާލުވާ ފަރާތުން ކޮންމެ 3 މަހުން އެއްމަހު އެތަން ބެލެހެއްޓިގޮތާއި އެތަނުން ލިބުނު ފައިސާގެ ތަފްސީލާއި ކައުންސިލުން ހޯދުމަށް އެދޭ އެހެނިހެން މަޢުލޫމާތުތައް ހިމެނޭ ރިޕޯޓެއް ކައުންސިލަށް ހުށަހަޅަންވާނެއެވެ.
9. މި އުޞޫލުގައި ނެތް ކަމެއް މެދުވެރިވުން
މި އުސޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ ކައުންސިލަށް ހުށަހަޅައި، ކައުންސިލް މެންބަރުންގެ އަޢްލަބިއްޔަތުން ނިންމާ ގޮތެއްގެ މަތިންނެވެ.
10. މާނަކުރުން
"ކައުންސިލް" ކަމަށް ބުނެފައި އެވަނީ އައްޑޫ ސިޓީ ކައުންސިލަށެވެ.
02 މާރިޗް 2022
ނޯޓު: މި އުޞޫލަކީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 426-B(4)/2022/049(02 މާރިޗް 2022) ކައުންސިލްގެ ނިންމުން އިން ފާސްކޮށްފައިވާ އުސޫލެކެވެ.