ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)486-SEC/1/2022/5
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:25
ސުންގަޑި: 15 ފެބުރުވަރީ 2022 00:00
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ޕަބްލިކް ހިއަރިންގ އިޢުލާންކުރުމާއި ބަޔާންދިނުމަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލުން

1962 ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ މި އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން، ގަވާއިދު ނަންބަރު: 2021/R-53 (އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އިޖުރާޢަތުގެ ގަވާއިދު)ގެ 43 ވަނަ މާއްދާގެ (ހ) ގެ ދަށުން އާންމުކޮށް ހުޅުވާލައިގެން އަދި އާންމުކޮށް ހުޅުވާނުލައި ޕަބްލިކް ހިއަރިންގތަކެއް ބޭއްވުމަށް ނިންމާފައިވާކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިސްވެދެންނެވުނު މައްސަލަތަކުގެ އަޑުއެހުންތައް މި އަހަރުގެ މާރިޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ނިންމައިފައެވެ. އަދި އެއަށްފަހު މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މި އަހަރުގެ މާރިޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރެއްވުމަށް 01 ފެބުރުވަރީ 2022 އިން ފެށިގެން 15 ފެބުރުވަރީ 2022 އާ ދެމެދު ތިރީގައިވާ މަޢުލޫމާތުތައް މި އޮފީހާ ޙިއްސާކޮށްދެއްވުން އެދެމެވެ.

  1. ފުރިހަމަ ނަން
  2. އައިޑީ ކާޑު ނަންބަރު
  3. ގުޅޭނެ ނަންބަރު
  4. ދާއިމީ އެޑްރެސް
  5. މިހާރު ދިރިއުޅޭ އެޑްރެސް
  6. މި ހާދިސާއާ ގުޅޭގޮތް ނުވަތަ މަޢުލޫމާތު އެނގޭ ގޮތް
  7. ބަޔާންދޭން ބޭނުންވަނީ ލިޔުމުންތޯ ނުވަތަ ހާޒިރުވެގެންތޯ
  8. ބަޔާންދޭން ބޭނުންވަނީ ގދ. ތިނަދޫގައިތޯ ނުވަތަ މާލޭ ސިޓީގައިތޯ

މިގޮތުން މި އޮފީހުގެ ނަންބަރ 7223473 އަށް ފޯނުން ގުޅައި، ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އަދި[email protected]  އަށް އީމެއިލް ކުރައްވައިގެންވެސް މި މަޢުލޫމާތުތައް ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. ޕަބްލިކް ހިއަރިންގައި ބައިވެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާއި، ބަޔާންދޭން ނަންނޯޓުކުރާ ފަރާތްތަކުގެ ތެރެއިން ފުރުޞަތު ދެވޭނެ ފަރާތްތައް ކަނޑައަޅާނެ ގޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ހިމަނާފައިވާނެއެވެ.

29 ޖުމާދުލްއާޚިރާ 1443

01 ފެބުރުވަރީ 2022