ނޫސްބަޔާން
ނަންބަރު: (IUL)30-J/30/2014/39
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 12:09
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިންނާއި މަސްވެރިންގެ ފުރާނައަށް އަދި ހަށިގަނޑަށް ލިބޭ ގެއްލުމަށް، މާލީ އެހީ ލިބޭ އިންޝުއަރަންސް ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ދަނޑުވެރިންނާއި މަސްވެރިން މަސައްކަތުގައި އުޅުމުގެ ތެރޭގައި ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެ ލިބުނު ގެއްލުމަކަށް އެހީވުމުގެ ގޮތުން އެލައިޑާ ގުޅިގެން އިންޝުއަރަންސް ސްކީމެއް ޤާއިމުކޮށް، މިއަދު މި އިންޝުއަރަންސް ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މަސްވެރިންނަށާއި ދަނޑުވެރިންނަށް ހުޅުވާލައިފިއެވެ.

މި އިންޝުއަރަންސް ސްކީމްގެ ދަށުން މަސްވެރިންނާއި ދަނޑުވެރިންނަށް، މަސައްކަތުގެ މާޙައުލުގައި ކުރިމަތިވާ އެކްސިޑެންޓެއްގެ ސަބަބުން ނިޔާވެއްޖެނަމަ ނުވަތަ ކުރިމަތިވާ އެކްސިޑެންޓެއްގެ ސަބަބުން އެއްކޮށް ނުކުޅެދޭ ހާލަތަކަށް ހިނގައްޖެނަމަ ނުވަތަ މަސްވެރިޔާ ނުވަތަ ދަނޑުވެރިޔާގެ ލޮލަށް ނުވަތަ ދެލޮލަށް ނުފެންނަ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސްކީމްގެ ދަށުން ބަދަލު ލިބިގެންދާނެއެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގައި ނުވަތަ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން ދިޔަ ދަނޑުވެރިޔާއަށް ނުވަތަ މަސްވެރިޔާގެ ގުނަވަނެއް އެކްސިޑެންޓެއްގެ ސަބަބުން ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ނުވަތަ ބުރިވި ނަމަވެސް ސްކީމްގެ ދަށުން މާލީ އެހީ ބަދަލުގެ ގޮތުގައި ދެވޭނެއެވެ.

މި ސްކީމްގައި ބައިވެރިވުމުގެ ފީއަކީ އަހަރަކު -/200 ރުފިޔާ އެވެ. އަދި ސްކީމްގެ ބަދަލެއްގެ ގޮތުގައި މީހަކަށް އެއްލައްކަ ރުފިޔާ ލިބިގެންދާނެއެވެ.

މި އިންޝުއަރަންސް ސްކީމްގައި ބައިވެރިވުމަށް އެދޭ ފޯމު އަދި ބައިވެރިވުމުގެ އުސޫލު މިނިސްޓްރީގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mvއަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ލިބެން ހުންނާނެއެވެ.

15 ޝައްވާލް  1435

11 އޮގަސްޓް 2014