ޢާންމު މަޢުލޫމާތު
ނަންބަރު: MPAO/I/2014/32
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 11:41
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ރިިޓަޔަރމަންޓް ޕެންޝަން ސްކީމުން ނަގަމުން އައި އެޑްމިނިސްޓްރޭޓިވް ފީ ކުޑަކުރުން

ޤާނޫނު ނަންބަރު 2009 /8 ( ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫން) ގެ ދަށުން ގާއިމު ކޮށްފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް ( އެމް.އާރް.ޕީ.އެސް ) އަކީ މި ސްކީމުގެ ބައިވެރިންގެ އަތުން މެނޭޖްމަންޓް ފީއެއް ނަގައިގެން ހިންގާ ގޮތަށް ހަމަޖެހިފައިވާ ސްކީމެކެވެ. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިގެން އެމް.އާރް.ޕީ.އެސް ހިންގުމަށްޓަކައި ސްކީމުގެ ބައިވެރިންގެ އަތުން އެޑްމިނިސްޓްރޭޓިވް ފީ އެއްގެ ގޮތުގައި ނަގަމުންއައީ ކޮންމެ އަހަރަކު އެބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ޖުމުލަ ޢަދަދުގެ %1 އެވެ. މިގޮތުން، އެމް.އާރް.ޕީ.އެސްގެ ބައިވެރިންގެ އަތުން ފީއެއްގެގޮތުގައި މިހާތަނަށް ނަގަމުންއައި %1،  %0.9 އަށް ކުޑަކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން މިހާރުވަނީ ނިންމާފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އެމް.އާރް.ޕީ.އެސް. ގެ ބައިވެރިންގެ އަތުން ނެގޭ މިފީއަކީ ޕެންޝަންއޮފީސް ހިންގުމަށާއި، ކަސްޓޯޑިއަންގެ ފީއަށާއި، އަދި މި ސްކީމް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްޤީ ގެނައުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށްް ނެގޭ ފީއެކެވެ. ރިޓަޔަރމަންޓް ޕެންޝަން ސްކީމް ފެށުނީއްސުރެ ދަންނަވަމުން އައީ ޕެންޝަން ފަންޑުގެ ކުރިއެރުމަށާއި، މި ސްކީމް ހިންގުމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގާމިންވަރު މުރާޖަޢާ ކުރަމުންދާނެ ކަމަށެވެ. މިގޮތުން މިފީއަކީ މިހާރުވެސް އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަމުން އަންނަ ފީއަކަށް ވުމާއެކު، ކުރިއަށްއޮތް ތަނުގައިވެސް މިފީއަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ބަދަލު ގެނެވޭނެ ކަމުގައި ދެންނެވީމެވެ.

ޕެންޝަން ފަންޑު ބާރުމިނެއްގައި ބޮޑުވަމުން ދިއުމަކީ މިފަންޑުގެ ބައިވެރިންނަށް މިކަމުގެ ފައިދާ ކުރާނޭ ކަމަކަށް ވުމުން، ވީހާވެސް އަވަހަކަށް މިފަންޑުގެ ބައިވެރިންނަށް މިކަމުގެެފައިދާ ހިއްސާ ކުރުމުގެ ގޮތުން މިބަދަލު 1 ޖަނަވަރީ 2015 ގައި ގެންނާނޭ ވާހަކަ ވަރަށް އުފަލާއެކު ދަންނަވަމެވެ.          

                 16 ޝައްވާލް 1435      

12 އޮގަސްޓް 2014