ދިވެހިރާއްޖެ
ނަންބަރު: (IUL)345/345/2021/190
އިޢުލާން
މި އިދާރާގެ މިލްކުވެރިކަމުގައިހިމެނޭ އއ. މާޅޮހު ޖަމްޢިއްޔަތުލް ފަލާޙް އާއި ހަވާލުކުރެވިފައިވާ " ފަލާޙް ވެހި " ގޯތީގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް ބަދަލު އައުމާ ގުޅޭ: |
މި އިދާރާގެ މިލްކުގައި ހިމެނޭ އއ. މާޅޮހު ޖަމްޢިއްޔަތުލް ފަލާޙް އާއި ހަވާލުކޮށްފައިވާ އއ. މާޅޮހު " ފަލާޙް ވެހި " ގޯތީގެ ބިމުގެ ރަޖިސްޓްރީއަށް ބަދަލު ގެނައުމާއި، ގޯތި ކުޑަކުރުމާގުޅޭގޮތުން ހުށަހެޅުނު މިއިދާރާގެ ނަންބަރ (QRR)/U-8/2020/440-3 ޤަރާރު، 15 އޭޕްރީލް 2020ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 03ވަނަ ދައުރުގެ 146ވަނަ އާންމު ޖަލްސާގައި ބައިވެރިވި މިކައުންސިލްގެ 03 މެންބަރުންގެ އިއްތިފާޤުން ފާސްކޮށް، މި މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާކަމުގައިވާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީއަށް ހުށަހަޅައި، އެ އިދާރާއިން މައްސަލަ ދިރާސާކުރުމަށްފަހު ދައުލަތުގެ ބަންޑާރަނައިބުގެ ލަފާފުޅާއެކު މި އިދާރާއަށް ޖަވާބު ދެއްވާފައިވާތީ، 16 ޑިސެމްބަރ 2021ވަނަ ދުވަހު ބޭއްވުނު މި ކައުންސިލްގެ 04ވަނަ ދައުރުގެ 31ވަނަ އާންމު ޖަލްސާއިން މި މައްސަލައާއިގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- "މިހާރު "ފަލާޙް ވެހި" ނަމުގައި ހައްދަވައިދެއްވާފައިވާ ނަންބަރ U-8/2010/15 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި މިހާރުހުރި މިންތައްކަމުގައިވާ އުތުރު "04.'196، އިރުވައި '114، ދެކުނު "04.'196، ހުޅަނގު "09.'105 (21572.125 އަކަފޫޓު) ގެ ބަދަލުގައި ގޯތީގައި މިހާރުވެސް އެކޮށީގައި އޮތް ފުޅާމިން ބޭއްވުމަށްފަހު އއ. މާޅޮހު ފަރިމާގޭގެ އިމުން ފެށިގެން އިރަށް '40 (ސާޅީސް ފޫޓު) އތުރުން ދެކުނަށް ދަމާލެވޭ ތެދު ރޯނަކުން ބައިކޮށް އެބައި އެއީ "ފަލާޙް ވެހި" ގޯތީގެ މިންކަމުގައި ކަނޑައަޅައި އެ މިންތައް ރަޖިސްޓްރީގައި ހިމަނައި ބާކީ އޮތް ބިން އެއްކޮށް އެ ރަޖިސްޓްރީން ވަކިކޮށް އިޖުތިމާއީ މަރުކަޒު އެޅުމަށާއި އިޖުތިމާޢީ އެކި އެކި ކަންކަންކުރުމަށް ރައްޔިތުންގެ ބިމެއްގެގޮތުގައި ހަމަޖެއްސުމަށް ނިންމުން.
- މި ނިންމުން ނިންމާތާ ބަންދު ނޫން 05ދުވަހުގެތެރޭގައި "ފަލާޙް ވެހި" ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައި ކުރިން "ފަލާޙް ވެހި" ހަދައިދެވިފައިވާ ނަންބަރ U-8/2010/15 ރަޖިސްޓްރީ ބާތިލުކޮށް، އާ ރަޖިސްޓްރީގެ ކޮޕީ، މި އިދާރާގެ ސިޓީއަކާއެކު ޖަމްޢިއްޔަތުލް ފަލާޙް އަށް ފޮނުވުމަށް ނިންމުން.
- މިނިންމުން ނިންމާތާ 60ދުވަހުގެތެރޭގައި މި އިދާރާއިން އަންގާގޮތެއްގެމަތިން އިންފާރު މަދުވެގެން '1 ފޫޓު އުސްމިނަށް ރާނައި، ޤަވާއިދު ނަންބަރ 2018/R-69 " ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ޤަވާޢިދުގެ 12 ވަނަ މާއްދާގެ (ށ)ގެ ދަށުން މި އިދާރާއިން ތައްޔާރުކުރާ އެއްބަސްވުމުގައި ސޮއިކުރުމުން ރަޖިސްޓްރީގެ އަސްލު ޖަމްޢިއްޔަތުލް ފަލާޙް އަށް އެ ޖަމްޢިއްޔާއިން ސިޓީއަކުން އަންގަވާ ފަރާތަކާ ހަވާލުކުރުމަށް ނިންމުން.
- ތިންވަނަ ނަންބަރުގައިވާ އެއްބަސްވުމުގައި ބިމާބެހޭ ޤަވާއިދުގެ ދަށުން ކޮންމެހެން ހިމަނަންޖެހޭ ބައިތަކާއި އަދި އިތުރަށް ހިމަނާނެ ނުކުތާތަކާމެދު ދެން އެންމެ އަވަހަށް އޮންނަ ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައި ފާސްކުރުމަށް ނިންމުން.
- ތިންވަނަ ނަންބަރުގައިވާ ގޮތަށް ޢަމަލުކޮށް އިންވަކިކޮށް ގޯތީގޭ އެއްބަސްވުމުގައި ސޮއިކުރުމަށް ދެކޮޅުހަދައިފިނަމަ އެތަނުގައި ޖަމްޢިއްޔާއިން ކޮށްފައިވާ ޢިމާރާތަށް ބަދަލު ދިނުމުގެ މައްސަލާގައި (ބަންޑާރަ ނައިބުގެ ލަފާގައިވާގޮތުގެމަތިން) ކައުންސިލުން ގޮތެއް ކަނޑައެޅުމަށްފަހު އެބައިވެސް ރައްޔިތުންގެ ބިމެއްގެގޮތުގައި ނެގުމަށް ނިންމުން.
- މި ނިންމުން ނިންމާދުވަހުންފެށިގެން ވަކިކުރެވޭބައިގެ މަގުފަޅި ކުނިކެހުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެފަރާތުން ހަމަޖައްސަވާގޮތެއްގެމަތިން އިޖުތިމާޢީ ސަރަހައްދުތައް ކުނިކަހާބަޔަށް އިތުރުކޮށް ކުނިކަހާ ބެލެހެއްޓުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ހަވާލުކުރުމަށް ނިންމުން.
- ދެންނެވުނު ސަރަހައްދު އެގޮތަށް ވަކިކުރެވިފައިވާކަން އާންމު އިޢުލާނަކުން އިޢުލާނުކުރުމަށާއި، ކައުންސިލްގެ ހުއްދަނެތި އެއްވެސްފަރާތަކުން ވަދެނިކުމެ ހެދުން މަނާކަމުގައި އެންގުން."
ކައުންސިލްގެ ނިންމުމުގައިވާގޮތުގެ މަތިން " ފަލާޙް ވެހި " ގޯތިން ވަކިކުރެވުނުބައިގެ އިންފާރު ރޭނުމުގެ މަސައްކަތާއި އެނޫންވެސް ކަންކަން މި އިދާރާއިން ކުރިޔަށް ގެންދާނެކަމުގައި ދަންނަވަމެވެ. އަދި މިއަދުންފެށިގެން އެ ގޯތިން ވަކިކުރެވުނު ބަޔަށް، ކައުންސިލްގެ ހުއްދަނެތި އެއްވެސް ފަރާތަކުން ވަދެ ނިކުމެ ހެދުމާއި އެބައިގައިވާ އެއްވެސް އެއްޗެއް ގެންދިއުމާއި ބޭނުންކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އަންގައި އިޢުލާނުކުރީމެވެ.