ދިވެހިރާއްޖެ
ނަންބަރު:(PR)203-ERC/1/2021/12
ނޫސްބަޔާން
ށ. ނޫމަރާގެ ފަރަށް "މެރިން ޕަވަރަ 2317" ބާޖު އެރުމާއި ގުޅިގެން ތިމާވެށްޓަށް ލިބުނު ގެއްލުންތަކަށް ޖޫރިމަނާކުރުން
26 އޮކްޓޫބަރު 2019 ގައި ށ. ނޫމަރާގެ ފަރަށް "މެރިން ޕަވަރ 2317" ނަމަކަށް ކިޔާ ބާޖު އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުން 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ) ރުފިޔާއިން އެ ބާޖުގެ ވެރިފަރާތް ވަނީ ޖޫރިމަނާކުރެވިފައެވެ. އަދި، މި އެޖެންސީއަށް 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓު، ރޮހޮފް ޕްރައިވެޓް ލިމިޓެޑަށް 07 ޑިސެމްބަރު 2021 ގައި ވަނީ އެންގިފައެވެ.
އެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބާޖުގެ ބައިތައް އެ ސަރަޙައްދުން ނަގައި ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް މި އެޖެންސީއިން އެ ސަރަޙައްދު ބަލައި ސަރވޭކުރެވިފައިވެއެވެ. އަދި، 1632 އަކަމީޓަރުގެ ސަރަޙައްދަކީ ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި، ޤަވާޢިދު ނަންބަރު:2011/R-9 ގެ ދަށުން ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ ޢަދަދަކީ 61,681,316.00 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ) ރުފިޔާއެވެ.
އެ ބާޖު ފުންކޮށް، އެ ސަރަޙައްދަށް ފެތިފައި އޮތް އެ ބާޖުގެ ބައިތައް އެ ސަރަޙައްދުން ނަގައި އެ މަސައްކަތްކޮށް ނިމިފައިވަނީ 16 ނޮވެންބަރު 2021 ގައެވެ.
04 ޖުމާދަލްއޫލާ 1443
08 ޑިސެމްބަރު 2021