ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)475-planning/475/2021/246
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޙަރަކާތްތަކާ ގުޅޭ

އިޢުލާން 

މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ޙަރަކާތްތަކާ ގުޅޭ 

ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވީ ހިނދު، އަދި ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ޙިމާޔަތް ކުރުމަކީ، "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު"ގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.

ބައެއް ފަރާތްތަކުން އިސްލާމްދީނާ ޚިލާފު އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދި، އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން ފާހަގަކުރެވެއެވެ. މިފަދަ ކަންކަމަކީ "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު"ގެ 6 ވަނަ މާއްދާގައިވާ ގޮތުން މަނާކަމެކެވެ. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ޙަރަކާތެއް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުނުވާ ގޮތުގެ މަތިން ހިންގާ ޙަރަކާތަކަށް ވުމަކީ ލާޒިމުކަމެކެވެ. ހަމައެފަދައިން އެ ޙަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ޙަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެކެވެ.

އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނުނުތަކާއި ޚިލާފަށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ޙަރަކާތެއް ހިންގައިފިނަމަ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އެޅޭނެއެވެ.

ވީމާ، މައުލޫމާތަށްޓަކައި ދެންނެވީމެވެ.

03 ޖުމާދަލްއޫލާ 1443  

07 ޑިސެންބަރު 2021