ނޫސްބަޔާން
ނަންބަރު: 299/2021/4
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:25
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫ ކައުންސިލްގެ ނަމުގައި ހަގީގަތާ ޚިލާފު، ދޮގު މައުލޫމާތު ހާމަކޮށް ސޯޝަލްމީޑިއާގައި ކައުންސިލާއި ކައުންސިލްގެ މެމްބަރުންގެ އަގު ވައްޓާލާފައިވާތީ އެކަން ކުށްވެރިކޮށް ކަމުގެ ހަގީގަތް ހާމަކުރުމަށް ނެރޭ ނޫސްބަޔާން.

ވާދޫ ކައުންސިލްގެ ނަމުގައި ހަގީގަތާ ޚިލާފު، ދޮގު މައުލޫމާތު ހާމަކޮށް ސޯޝަލްމީޑިއާގައި ކައުންސިލާއި ކައުންސިލްގެ މެމްބަރުންގެ އަގު ވައްޓާލާފައިވާތީ  އެކަން ކުށްވެރިކޮށް ކަމުގެ ހަގީގަތް ހާމަކުރުމަށް ނެރޭ ނޫސްބަޔާން.

ވާދޫ ކައުންސިލުގައި ފުޓްސެލް މުބާރާތެއް ބޭއްވުމަށް ބަޖެޓް ނެތްކަމަށާއި، އަދި ފުޓްސެލް މުބާރާތެއް ބޭއްވުމާއި ގުޅޭގޮތުން ކައުންސިލްގެ ބައްދަލުވުމަކުން ނިންމި ނިންމުމުގެ މެޖޯރިޓީ ނުލިބޭކަމަށްބުނެ، ނުރަނގަޅު ތަސައްވުރެއް ތަސްވީރުވާހެން، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ގޮތަށް، ވާދޫގައި ފުޓްސެލް ކުޅުމުގައި ހަރަކާތްތެރިވާ މަދު ބަޔަކު އާންމުކޮށްފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމުގައި ދަންނަވަމެވެ.

ވާދޫގެ 4 ވަނަ ދައުރަށް އަލަށް އިންތިޚާބުވި ކައުންސިލްގެ މިދައުރުގައި މިހާތަނަށް ބޭއްވި އެއްވެސް ރަސްމީ ބައްދަލުވުމެއްގައި، ފުޓުސެލް މުބާރާތެއް ބޭއްވުމަށް އެޖެންޑާކޮށްފައި ނުވާކަމަށާއި، އަދި އެމައުޟޫގައި އެއްވެސް މަޝްވަރާއެއް ކޮށް، މިހާތަނަށް އެއްވެސް ވޯޓަކަށް އަހާފައި ނުވާނެކަމުގައި ދަންނަވަމެވެ. އަދި މިކައުންސިލްގެ ދައުރުގައި އެއްވެސް ފަރާތަކުން ރަސްމީކޮށް ފުޓުސެލް މުބާރާތެއް ބޭއްވުމާއި ގުޅޭގޮތުން ފައިސާގެ އެހީތެރިކަމެއް ހޯދުމަށް އެދި ހުށަހަޅާފައިވެސް ނުވާކަމުގައި ދަންނަވަމެވެ.

ވާދޫގައި ފުޓްސެލްކުޅޭ މަދުބަޔަކު މިއަމަލު ހިންގާފައިވަނީ ކައުންސިލާއިމެދު ނަފުރަތު އުފެއްދުމުގެ ގޮތުން ކައުންސިލަށް ނިސްބަތްވާ މެންބަރެއްގެ ފަރާތުން ދީފައިވާ ދޮގުމައުލޫމާތެއްގެ ސަބަބުންކަން މިކައުންސިލުން ފާހަގަކުރަމެވެ.

ވާދޫގެ އާބާދީ ކުޑަވުގެސަބަބުން ސަރުކާރުންދެއްވާ ބަޖެޓް ކުޑަވުމާއި، އަދި އާންމުދަނީ ލިބޭނެ މާގިނަ ވަސީލަތްތަކެއް ނެތުމާއިއެކު، ކައުންސިލް ހިންގަމުންގެންދަނީ ވަރަށް ކުޑަބަޖެޓަކުންނެވެ. ނަމަވެސް ކައުންސިލްގެ ބުރަމަސައްކަތުން އެކިފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި، ސަރުކާރާއި ގުޅިގެން ވާދޫގައި ކުޅިވަރު ކުރިއަރުވާ، ކުޅިވަރުގެ ވަސީލަތްތައް އިތުރުކުރުމަށް ބުރަމަސައްކަތްތަކެއް ކޮށްފައިވާނެއެވެ. އެގޮތުން ރ. އަތޮޅުގައި ޓާރފުއަޅައިގެން ޤާއިމްކުރެވުނު ފުރަތަމަ ތިންފުޓްސެލް ދަނޑުގެ ތެރޭގައި ވާދޫގެ ފުޓްސެލްދަނޑު ހިމެނޭނެއެވެ.

ވާދޫ ފުޓްސެލް ދަނޑު 2017 ވަނައަހަރުގެ ތެރޭގައި ޤާއިމްކުރެވުނުފަހުން، އެތަނުގެ މަރާމާތަށާއި، ފުޓްސެލް ކުޅުމަށް ކައުންސިލްގެބަޖެޓުންނާއި ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑު ހޭދައެއް ކޮށްފައިވާނެއެވެ. އެގޮތުން ފުޓްސެލް ދަނޑުގެ ލައިޓުތައް 4 ފަހަރެއްގެ މަތިން ބަދަލުކޮށް އަޕްގްރޭޑްކޮށްފައިވާނެއެވެ. އަދި ދަނޑުގައި ރަބަރސޭންޑް މަދުވުމުގެ ސަބަބުން ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެން ރަބަރސޭން އިތުރަށް ހޯދާ، އެޅިފައިވާނެއެވެ. އަދި ބޯޅަދަނޑުގެ ފެންސް މަރާމާތުކޮށްދީ ކުލައާއި ދަވާދުވެސް އެތައްފަހަރެއްގެ މަތިން ހޯދައިދީފައިވާނެއެވެ. އަދި ފުޓްސެލް މުބާރާތްތައް ބޭއްވުމަށް ޚާއްސަކުރެވިގެން ކައުންސިލުން 6 ޖޯޒީބައި ހޯދިފައިވާއިރު، ޓީމްތަކުން އެދުމުން އަނބުރާ ރައްދުކުރާގޮތަށް އެޖޯޒީތައް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވެސް ވާނެއެވެ.

ހަމައެއާއިއެކު، ރަށުގެ ޒުވާނުންނާއި، އެކިއެކި ކުލަބް ޖަމްޢިއްޔާތަކުން ފުޓްސެލް ކުޅުމަށް ފައިސާގެ އެހީތެރިކަން ހޯދުމަށް ކައުންސިލްގައި އެދުމުން، ކައުންސިލްގެ ބަޖެޓް ތަންދިން އެންމެ މަތީ މިންވަރުން މިހާތަނަށް ބޭއްވުނު ހުރިހައި ފުޓުސެލް މުބާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެއެވެ. މީގެ އިތުރުން ކައުންސިލްގެ މި ދައުރުގައިވެސް ފުޓްސެލްކުޅޭނެ ބޯޅަ ހޯދައިދީފައިވާނެއެވެ.

އަދި މިކައުންސިލްގެ ދައުރުގައި ކުޅިވަރުގެ ދާއިރާ ކުރިއަރުވާ، މުބާރާތްތައް އިންތިޒާމްކުރުމުގެ މަޤުޞަދުގައި، ވާދޫއަށް ކަނޑައަޅާފައިވާ ސްޕޯޓްސް ކައުންސިލަރު، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުންފެށިގެން ކައުންސިލް އިދާރާގެ މުވައްޒަފަކަށް ބަދަލުވުމާއެކު، ކައުންސިލްގެ ރައީސްގެ އިރުޝާދުގެ ދަށުން، ކުޅިވަރު ކަލަންޑަރެއް އެކުލަވާލުމަށް އެންގިފައިވާނެއެވެ.  

އަދި މިހިނގާ ކައުންސިލްގެ ބަޖެޓުގައި އެތަކެއް ދަތިތަކެއްގެ ތެރެއިންވެސް މިހާރުވެސް ކުޅިވަރުގެ ހަރާކާތްތައް ހިންގުމަށް 23000ރުފިޔާގެ  ބަޖެޓެއް ކަނޑައެޅިފައިވާކަމުގައި ދަންނަވަމެވެ. އަދި މިއަހަރުވެސް ފުޓްސެލްދަނޑުގެ މަރާމާތުކުރުމަށް އެހީތެރިކަމަށް އެދި ކަމާގުޅޭ އިދާރާތަކަށް ގިނަ ސިޓީތަކެއް ފޮނުވާފައިވާނެކަމުގައި ވެސް ދަންނަވަމެވެ.

ފުޓްސެލް ކުޅިވަރަކީ މިކައުންސިލުން މިހާތަނަށް އެންމެ ގިނަ ޚަރަދުކޮށް، އެންމެ ބޮޑު ސަމާލުކަމެއްދީފައިވާ އެއް ކުޅިވަރެވެ. ވާދޫގައި ބޭއްވުމަށް ކަނޑައެޅިފައިވާ މީދާ މަދުކުރުމުގެ ހަރަކާތަކީ ކައުންސިލްގެ ބަޖެޓުގައި ޕެސްޓް ކޮންޓްރޯލްކުރުމަށް ކަނޑައެޅިފައިވާ ވަކި ބަޖެޓަކުން ކުރިއަށް ގެންދާ ހަރަކާތަކަށްވާއިރު، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް  މިކަމުން އެއްވެސް އަސަރެއް ނުކުރާނެކަމުގައި ދަންނަވަމެވެ.

ކަން މިހެންއޮތްއިރު، ފުޓްސެލް މުބާރާތެއް ބޭއްވުމަށް ބަޖެޓްނެތްކަމަށާއި، ކައުންސިލްގެ މެޖޯރިޓީ ނެތްކަމަށް ބުނެ ކައުންސިލާއި ކައުންސިލްގެ މެމްބަރުން ބަދުނާމުކޮށް، ކައުންސިލްގެ އިދާރާގެ އަގުވައްޓާލާ، ރަށުގެ ރައްޔިތުމްގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި، ފިތުނަ އުފެދޭގޮތަށް ދޮގު ޚަބަރު ފަތުރާފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ހަމައެހެންމެ، ރ. ވާދޫއާއި، ވާދޫގެ ރައްޔިތުންނާއި، ވާދޫކައުންސިލަށް ލިބިފައިވާ ރީތިނަން ކިލަނބުކޮށް، ވަކި މަޤުސަދެއް ޙާސިލްކުރުމަށް ފަތުރާފައިވާ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތައް ބަލައިނުގަންނަކަމުގައި ދަންނަވަމެވެ.

މިކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ވާދޫގެ ރައްޔިތުންގެ ޙައްޤުގައި އެފަރާތްތަކަށް އެންމެ އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައި އަމާނާތްތެރިކަމާއި ނަޒާހާތްތެރިކަމާއި އެކުގައެވެ.

24 ނޮވެންބަރު 2021