ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-VDS/1/2021/82
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:16
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު 2011/R-41 (ކަސްޓަމްސްގެ ޢާންމު ގަވާއިދު) އަށް ގެނެވުނު 11 ވަނަ އިސްލާޙާ ގުޅިގެން ކަސްޓަމްސްގެ ހުއްދަނެތި އެއް ޝިޕްމަންޓަކަށް ނުވަތަ އެއް މުދަލަކަށް، އެއް ޑިކްލަރޭޝަނަށްވުރެ ގިނައިން ޑިކްލަރޭޝަން ހުށަހަޅާ ޙާލަތުގައި ކަސްޓަމްސްއިން ކަނޑައަޅާ ޑިކްލަރޭޝަން ބާޠިލްކުރުމުގެ ގޮތުން ފީނެގުމާގުޅޭ:

ކަސްޓަމްސްގެ ހުއްދަނެތި އެއް ޝިޕްމަންޓަކަށް ނުވަތަ އެއް މުދަލަކަށް، އެއް ޑިކްލަރޭޝަނަށްވުރެ ގިނައިން ޑިކްލަރޭޝަން ހުށަހަޅައިފިނަމަ، ކަސްޓަމްސްއިން ކަނޑައަޅާ ޑިކްލަރޭޝަން ބާޠިލް ކުރެވޭނެކަމަށާއި މިގޮތުން ޑިކްލަރޭޝަން ބާޠިލްކުރުމުގެ ގޮތުން ޑިކްލަރެންޓް ނުވަތަ މުދަލުގެ ވެރިފަރާތް -/1000 (އެއްހާސް) ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 108 ވަނަ މާއްދާގެ (ފ) ގައި ބަޔާންކޮށްފައިވާތީ، އެ ފީ ނެގުމުގައި ޢަމަލުކުރާނެގޮތް ތިރީގައި މިވަނީއެވެ.

1- ކަސްޓަމްސް ބްރޯކަރަކު އެއް ޑިކްލަރޭޝަނަށްވުރެ ގިނައިން ޑިކްލަރޭޝަން ހުށަހަޅައިފިނަމަ، މަތީގައި ބަޔާންކޮށްފައިވާ ފީ ދައްކަންވާނީ އެ ޑިކްލަރޭޝަން ހުށަހެޅި ކަސްޓަމްސް ބްރޯކަރެވެ. އަދި އެއް ޑިކްލަރޭޝަނަށްވުރެ ގިނައިން ޑިކްލަރޭޝަން ހުށަހަޅާފައިވަނީ ތަފާތު 02 ބްރޯކަރުން މެދުވެރިކޮށް ކަމުގައިވާނަމަ، ފީ ދައްކަންވާނީ އެ މުދަލުގެ ކޮންސައިނީއެވެ. ނަމަވެސް މިޙާލަތުގައިވެސް އެއް ޑިކްލަރޭޝަނަށްވުރެ ގިނަ ޑިކްލަރޭޝަން އެއް ބްރޯކަރަކު ހުށަހަޅައިފިނަމަ، ކޮންސައިނީގެ އިތުރުން ބްރޯކަރުވެސް ފީ ދައްކަންވާނެއެވެ.

 2- ކަސްޓަމްސް ބްރޯކަރަކު މެދުވެރިނުކޮށް، މުދަލުގެ ވެރިފަރާތުން އަމިއްލައަށް، އެއް ޝިޕްމެންޓަކަށް ނުވަތަ އެއް މުދަލަކަށް، އެއް ޑިކްލަރޭޝަނަށްވުރެ ގިނައިން ޑިކްލަރޭޝަން ހުށަހަޅައިފިނަމަ ފީ ދައްކަންވާނީ މުދަލުގެ ވެރިފަރާތެވެ.

 3- އެއް ޑިކްލަރޭޝަނަށްވުރެ ގިނަ ޑިކްލަރޭޝަން ހުށަހަޅާ ޙާލަތުގައި ބާޠިލްކުރާނީ އެމުދަލަށް ނުވަތަ ޝިޕްމެންޓަށް ހުށަހެޅި ޑިކްލަރޭޝަންތަކުގެ ތެރެއިން ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދު އަދި އުސޫލުތަކަށް ބަލާއިރު ރަނގަޅުނޫންގޮތަށް ހުށަހަޅާފައިވާ ޑިކްލަރޭޝަންތަކެވެ. މިގޮތުން ހުށަހެޅި ޑިކްލަރޭޝަންތަކަށް ޑިއުޓީ ދައްކާފައިވާނަމަ، ކަސްޓަމްސްއިން ގަބޫލުކުރި ޑިކްލަރޭޝަން ފިޔަވާ ބާޠިލްކުރާ ޑިކްލަރޭޝަންތަކަށް ދައްކާފައިވާ ފައިސާ ރިފަންޑްކުރެވޭނެއެވެ.

 4- ކަސްޓަމްސްގެ ހުއްދަ ހޯދުންކަމުގައިބަލާނީ، ލިޔުމުން ނުވަތަ އީމެއިލް ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމްސްއަށް އެންގުމަށެވެ. އަދި މިގޮތުން މުޢާމަލާތްކޮށްފައިވާ ލިޔުން ނުވަތަ އީމެއިލް، އެ ޑިކްލަރޭޝަނާއެކު އެޓޭޗްކުރަންވާނެއެވެ.

 5- ޝިޕްމަންޓް ނުވަތަ މުދާކަމުގައި ބަލާނީ، ކަސްޓަމްސްއިން ކްލިއަރކޮށްފައި ހުންނަ މުދަލާއި ކްލިއަރނުކޮށް ހުންނަ މުދާ ނުވަތަ ޝިޕްމެންޓްވެސް ހިމެނޭގޮތަށެވެ.

ވީމާ، މުދަލުގެ ޑިކްލަރޭޝަން ހުށަހަޅުއްވާއިރު، ޝިޕްމެންޓްގައި ހިމެނޭ މުދަލުގެ މައުލޫމާތު ރަނގަޅަށް ބަލައި ޗެކްކުރެއްވުމަށްފަހު ޑިކްލަރޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި އެއް ޝިޕްމެންޓަކަށް ނުވަތަ އެއް މުދަލަކަށް، އެއް ޑިކްލަރޭޝަނަށްވުރެ ގިނަ ޑިކްލަރޭޝަން ހުށަހަޅުއްވާނަމަ، އެކަން މަތީގައި ދެންނެވިފައިވާގޮތުގެ މަތީން، ކަސްޓަމްސްއަށް އެންގެވުމަށްވެސް ދެންނެވީމެވެ.

 

09 ނޮވެންބަރު 2021