ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ކަމަދޫ، ދިވެހިރާއްޖެ
Secretariat of the South Maalhosmadulu Kamadhoo Council
B.Kamadhoo, Republic Of Maldives
ބ. ކަމަދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު – 2021
1-ތަޢާރަފް
(ހ) މިއީ، ދިރިއުޅުމަށް ބޭނުންވާ ބަންޑާރަ ގޯތި ބ.ކަމަދޫން ދޫކުރުމުގައި ބޭނުންކުރާނޭ އުޞޫލެވެ.
(ށ) މިއުޞޫލުތައް އެކުލަވާލެވިފައި މިވަނީ، ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2002/1) އާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓުން އެކުލަވާ ލައްވާފައިވާ " ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ ޤަވާއިދު" ގެ ދަށުންނެވެ.
(ނ) މިއުޞޫލަށް ކިޔާނީ، " ބ. ކަމަދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2021 " އެވެ.
2- ގޯތި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލުތައް:
(ހ) ގޯތި ދޫކުރުމަށް އިޢުލާން ކުރުމުން ގޯއްޗަށްއެދި ހުށަހަޅާނީ، އެކަމަށްޓަކައި ކަނޑައެޅިފައިވާ ފޯމަކުންނެވެ. މި ދެންނެވި ފޯމު ރަށު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
(ށ) ގޯއްޗަށްއެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ، ބިމާބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާން ކުރައްވާފައިވާ ގޮތުގެމަތީން ގޯތި ދޫކުރާކަން ރަށު ކައުންސިލް އިދާރާގެ ފަރާތުން އިޢްލާން ކުރުމުން، އެއިޢުލާންގައި ކަނޑައެޅިފައިވާ ތާރީޚެއްގެ ނިޔަލަށެވެ.
(ނ) ގޯއްޗަށްއެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީވެސް ގޯތި ދޫކުރާކަން ރަށު ކައުންސިލް އިދާރާގެ ފަރާތުން އިޢުލާން ކުރުމުން، އެއިޢުލާނުގައި ކަނޑައެޅިފައިވާ ތާރީޚެއްގެ ނިޔަލަށެވެ.
(ރ) ގޯއްޗަށްއެދޭ ފޯމު ހުށަހެޅުމަށް ޙާޟިރުވާނީ، ގޯއްޗަށް އެދޭ މީހާ ނުވަތަ އޭނާ ފޯމު ހުށަހެޅުމަށްއެދި ލިޔުމުން ބާރު ދީފައިވާ ފަރާތެކެވެ.
(ބ) ގޯއްޗަށްއެދި ހުށަހަޅާ ފޯމާއެކު ތިރީގައި މިދަންނަވާ ތަކެތި ހުށަހަޅަންވާނެއެވެ.
* ގޯއްޗަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ
* ގޯއްޗަށް އެދޭ މީހާގެ އަނބި/ ފިރި މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ
* ކައިވެނީގެ ސެޓްފިކެޓްގެ އަޞްލާއި އަދި ސެޓްފިކެޓްގެ ފޮޓޯކޮޕީ
3- ފޯމު ހިފައިގެން އަންނަ މީހާ ތިރީގައި މިދަންނަވާ ތަކެތި ފޯމާއެކު ގެންނަން ވާނެއެވެ.
(ޅ) ފޯމު ހިފައިގެން އަންނަނީ ގޯއްޗަށްއެދޭ މީހާ ނޫން ކަމުގައިވާނަމަ، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު
(ކ) ފޯމުގައިވާ މައުލޫމާތު ފުރިހަމަ ނުވާނަމަ، ނުވަތަ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަނާޅާ ނަމަ، ނުވަތަ ފޯމު ހިފައިގެން ޙާޟިރުވާ ފަރާތުން ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅާ ފަރާތްތަކުގެ ފޯމު ބަލައެއް ނުގަނެވޭނެއެވެ.
(އ) ފޯމު ބަލައިގަތުމަށްފަހު، ފޯމު ބަލައިގަތްކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. މިދެންނެވި ލިޔުމަކީ ގޯއްޗަށް އެދުނުމީހާއަށް ގޯތި ދޫކުރުމުގެ ޝަރުތުހަމަވީކަމަށް ބަލައި ދޫކުރެވޭ ލިޔުމެއް ނޫނެވެ.
4- ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ
(ހ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށާއި ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށްޓަކާ، ރަށު ކައުންސިލް އިދާރާގެ ފަރާތުން 11 (އެގާރަ) މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަން ވާނެއެވެ. މިދެންނެވި ކޮމިޓީގައި ރަށު ކައުންސިލްގެ މެމްބަރުންގެ އިތުރުން ކައުންސިލް އިދާރާގެ 01 މުވައްޒަފަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 01 މެމްބަރުގެ އިތުރުން އާއްމުންގެ ފަރާތުން 04 (ހަތަރެއް) މެމްބަރުން ހިމަނަންޖެހޭނެއެވެ.
(ށ) މިދެންނެވި ކޮމިޓީގައި އާއްމުންގެ ފަރާތުން ބައިވެރިވާން އެދޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ. މިގޮތުން ކޮމިޓީގައި ބައިވެރިވުމަށްއެދި އާއްމުންގެ ފަރާތުން 04 (ހަތަރު) ފަރާތަށްވުރެ ގިނަ އަދަދަކަށް އާއްމުން ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢްލީމީ ފެންވަރަށާއި މިފަދަ މަސައްކަތެއް ކުރެވިދާނެ ފަދަ ޤާބިލްކަންހުރި ފަރާތްތަކަށެވެ.
(ނ) މިކޮމިޓީގެ ކޯރަމަކީ، 06 (ހައެއް) މެމްބަރުންނެވެ. މިދެންނެވި ކޮމިޓީގައި މަޝްވަރާ ކުރެވޭ އެންމެހާ ކަންކަން ނިންމަންވާނީ ކޮމިޓީގެ އަޣްލަބިއްޔަތުންނެވެ.
(ރ) ގޯތި ލިބޭ ފަރާތްތަކަށް ގޯތި ޙަވާލު ކުރުމުގެ މަސައްކަތް ޤުރުއަތުލުމަށްފަހު ލަސްވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ފެށޭނެއެވެ.
5- ކޮމިޓީގެ މަސްއޫލިއްޔަތު:
(ހ) ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން، ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައިވާ އުޞޫލުން ގޯތި ދިނުމަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުން.
(ށ) މި އުޞޫލުގައިވާ ގޮތުގެމަތިން ލިބިފައިވާ ޕޮއިންޓަށް ބަލައިގެން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުން.
(ނ) ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު ކޮމިޓީގެ މެމްބަރުން، ގޯތި ދިނުމަށް ޝަރުތު ހަމަވާކަމަށް ސޮއި ކުރަންވާނެއެވެ.
(ރ) ގޯއްޗަށްއެދި ހުށަހެޅޭ ފޯމެއް ބާތިލް ކުރަންޖެހޭނަމަ، ބާތިލް ކުރަންޖެހޭ ސަބަބު ނުވަތަ ގޯތި ލިބުމަށް ޝަރުތު ފުރިހަމަ ނުވާނަމަ، ޝަރުތު ފުރިހަމަނުވި ސަބަބު، ކޮމިޓީން ކަނޑައަޅައި އެސަބަބު ފޯމުގައި ލިޔެ މެމްބަރުން ސޮއިކުރަންވާނެއެވެ. މިގޮތުން ބާތިލް ކުރެވޭ ފަރާތްތަކުގެ ލިސްޓް ރަށު ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމު ކުރަންވާނެއެވެ.
(ބ) ޤުރުއަތުން ހޮވޭ ފަރާތްތައް، ޤުރުއަތު ނަގާ ނިމުމުން އެފަރާތްތަކުގެ ނަންތައް ރަށު ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި ޢާއްމު ކުރަންވާނެއެވެ.
(ޅ) މި އުޞޫލުގައި ވަކިގޮތެއް ބަޔާން ކުރެވިފައިނުވާ ކަންކަން ނިންމާނީ، މިއުޞޫލާއި އަދި ބަންޑާރަ ގޯތި ދޫކުރުމަށް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތީން އިޝާރާތް ކުރެވިފައިވާ ކޮމިޓީންނެވެ.
6- ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު
- މިބުރުގައި ކަމަދޫއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތައް ފާހަގަކޮށް އެކަން އޮޅުންފިލާނެ ގޮތުގެ ޗާޓެއް ރަށު ކައުންސިލް އިދާރާގެ ފަރާތުން އާއްމު ކުރަންވާނެއެވެ.
 
7- ގޯތި ދޫކުރާ އަދަދާއި ބޮޑުމިން:
- މިބުރުގައި ކަމަދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓްގެ 64 ގޯއްޗެވެ.
 
8- ގޯއްޗަށްއެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް
- ގޯތި ދިނުމުގައި ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
 
(ހ) ދިވެހި ރައްޔިތަކު ކަމުގައިވުން
(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
(ނ) 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އަދި ގޯއްޗަކުން ބައެއްވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިނެތުން.
(ރ) ސަރުކާރުން ޢިމާރާތް ކޮށްދެއްވާފައިވާ ފްލެޓެއް ނުވަތަ ރޯ ހައުސްއެއް ވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ނެތުން.
(ބ) އެއްމެދު ޢިމާރާތެއްގެ ފްލެޓެއް ވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ނެތުން.
(ޅ) އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ވިޔަސް ލިބިފައިނެތުން ނުވަތަ ހިބައަކުން ނުވަތަ ވަޞިއްޔަތަކުން އަދި ތަރިކައަކުން ނަމަވެސް 600 އަކަފޫޓަށްވުރެ ބޮޑުބިމެއް ލިބިފައިނެތުން.
(ކ) އެމީހެއްގެ އަމިއްލަ ނަމުގައި ގޯއްޗެއް އޮވެ، އެގޯތި ދީ ނުވަތަ ވިއްކާލާފައިވާތާ 29 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.
(އ) ސަރުކާރުން އިމާރާތް ކޮށްދެއްވާފައިވާ ރޯ ހައުސްއެއް ނުވަތަ ފްލެޓެއް އެނޫންވެސް އިމާރާތާރެއް އެމީހެއްގެ ނަމުގައި އޮވެ އެފަދަ އިމާރާތެއް ދީ ނުވަތަ ވިއްކާލާފައިވާތާ 05 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.
(ވ) އެއްމެދު އިމާރާތެއް އެމީހެއްގެ ނަމުގައި އޮވެ އެފަދަ ތަނެއް ދީ ނުވަތަ ވިއްކާލާފައިވާތާ 05 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން.
9- ގޯތި ދިނުމަށް ޝަރުތު ހަމަވާކަން ކަނޑައެޅުން:
- ގޯތި ދިނުމުގައި ޝަރުތު ހަމަވާކަމަށް ކަނޑައެޅުމުގައި އަމަލުކުރާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތީންނެވެ.
 
(ހ) މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ގޯތި ދިނުމުގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ އުޞޫލުން ގޯތީގެ ޙައްޤުވެރިން ކަނޑައެޅުމުގައި މިއުޞޫލުގައިވާ މިންގަޑުތަކުގެމަތިން ޕޮއިންޓްލިބޭ ފަރާތްތައް ކަނޑައެޅޭނެއެވެ.
(ށ) ބަޔާން ކުރެވިފައިވާ އުޞޫލުން އެންމެމަތީ ޕޮއިންޓް ލިބިފައިވާ ފަރާތްތައް، ގޯތި ދިނުމުގެ ޤުރުއަތަށް ނެގޭނެއެވެ.
(ނ) ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށްވުރެ ޕޮއިންޓްގެ ގޮތުން ޝަރުތު ހަމަވާ ފަރާތްތައް އިތުރުވެފައިވާ ނަމަ، އެފަރާތްތަކުގެ މެދުގައި ޤުރުއަތު ނަގާނީއެވެ.
(ރ) ޤުރުއަތުގައި ބައިވެރިވާނީ ގޯއްޗަށްއެދޭ މީހާގެ ނުވަތަ އެޤުރުއަތުގައި ބައިވެރިވުމަށް ލިޔުމުން ބާރު ދީފައިވާ ފަރާތެވެ.
(ބ) ޤުރުއަތުލުން ކުރިޔަށް ގެންދާނީ، ގޯއްޗަށް އެދުނު ފަރާތްތަކުގެ ނުވަތަ އެޤުރުއަތުގައި ބައިވެރިވުމަށް ލިޔުމުން ބާރު ދީފައިވާ ފަރާތްތަކުގެ މެދުގައެވެ.
(ޅ) ޤުރުއަތު ނެގުމަށް ކަނޑައެޅޭ ފޮށި ހުންނަންވާނީ، އެތެރެ ފެންނަ ގޮތަށެވެ.
10- މި އުޞޫލަށް އުނިއިތުރު ގެނައުން:
(ހ) މި އުޞޫލަށް އެއްވެސް އުނި އިތުރެއް ގެންނަން ފެނިއްޖެނަމަ އެބަދަލު ގެނައުމުގެ ބާރު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލަށް ލިބިގެންވެއެވެ.
(ށ) ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކުން ނޫނީ ޤާނޫނަކުން އެއްވެސް އިސްލާހެއް ގެންނަން އެދިއްޖެ ނަމަ އެ އިސްލާހު ގެނައުމުގެ ބާރު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލަށް ލިބިގެން ވެއެވެ.
އެނެކްސް – 1
1- ކައިވެނީގެ ބައި
| 
 ހ  | 
 މީހަކާ އިނދެގެން ހުރިނަމަ  | 
 20 ޕޮއިންޓް  | 
| 
 ށ  | 
 ފިރި/ އަނބި ނިޔާވެ ހުވަފަތް ވެފައި 18 އަހަރުން ދަށުގެ 01 ނުވަތަ 02 ކުދިން ތިބި ނަމަ  | 
 15 ޕޮއިންޓް  | 
| 
 ނ  | 
 ފިރި/ އަނބި ނިޔާވެ ހުވަފަތް ވެފައި 18 އަހަރުން ދަށުގެ 03 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބިނަމަ  | 
 20 ޕޮއިންޓް  | 
| 
 ރ  | 
 ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް 18 އަހަރުން ދަށުގެ 01 ނުވަތަ 02 ކުދިން ތިބި ނަމަ  | 
 10 ޕޮއިންޓް  | 
| 
 ބ  | 
 ކުރިން މީހަކާ އިނދެ، ކައިވެނި ރޫޅިފައިވީނަމަވެސް 18 އަހަރުން ދަށުގެ 03 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބި ނަމަ  | 
 15 ޕޮއިންޓް  | 
| 
 ޅ  | 
 ކައިވެންޏަށް 01 (އެކެއް) އަހަރު ވެފައިވާނަމަ، 01 ޕޮއިންޓް އަދި އިތުރުވާ ކޮންމެ އަހަރަކަށް 01 ޕޮއިންޓް (މިގޮތުން ގިނަވެގެން ދެވޭނީ 06 ޕޮއިންޓެވެ)  | 
 01 ޕޮއިންޓް  | 
2- ޢުމުރުގެ ބައި
| 
 ހ  | 
 ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދު  | 
 05 ޕޮއިންޓް  | 
| 
 ށ  | 
 ޢުމުރުން 25 އަހަރުން މަތި  | 
 07 ޕޮއިންޓް  | 
3- ދަރިންގެ ބައި
| 
 ހ  | 
 18 އަހަރުން ދަށުގެ ކުއްޖަކު ހުރިނަމަ  | 
 06 ޕޮއިންޓް  | 
| 
 ށ  | 
 18 އަހަރުންދަށުގެ 01 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ، ކޮންމެ ކުއްޖަކަށް 05 ޕޮއިންޓް (މިބައިން ގިނަވެގެންދެވޭނީ 20 ޕޮއިންޓެވެ)  | 
 05 ޕޮއިންޓް  | 
| 
 ނ  | 
 ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ ކުއްޖަކު ހުރިނަމަ  | 
 04 ޕޮއިންޓް  | 
| 
 ރ  | 
 ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުންދަށުގެ 01 ކުއްޖަކަށްވުރެ ގިނަކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 04 ޕޮއިންޓް (ގިނަވެގެންދެވޭނީ 08 ޕޮއިންޓެވެ)  | 
 04 ޕޮއިންޓް  | 
4- މައިން ބަފައިންގެ ބައި
| 
 ހ  | 
 މަންމަ ބަލަމުންގެންދާ ނަމަ  | 
 03 ޕޮއިންޓް  | 
| 
 ށ  | 
 ބައްޕަ ބަލަމުންގެންދާ ނަމަ  | 
 03 ޕޮއިންޓް  | 
| 
 ނ  | 
 މައިން ބަފައިންނާއި ދަރިން ފިޔަވައި ޝަރުއީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާ ނަމަ  | 
 02 ޕޮއިންޓް  | 
5- ރަށްވެހިކަމުގެ ބައި
| 
 ހ  | 
 ރަށުގެ ރަށްވެއްސެއް ކަމުގައިވާ ނަމަ ( ނަމަވެސް އެނެކްސް 1 ގެ 5 ވަނަ ނަންބަރުގެ ނ ގައި ބަޔާންކޮށްފައިވާ މީހުންނަށް މިބައިން ޕޮއިންޓެއް ނުލިބޭނެއެވެ.)  | 
 20 ޕޮއިންޓް  | 
| 
 ށ  | 
 ރަށުގެ ރަށްވެއްސަކަށްވެ ދާއިމީކޮށް ރަށުގައި ދިރިއުޅޭ ނަމަ  | 
 10 ޕޮއިންޓް  | 
| 
 ނ  | 
 ކުރިން ރަށްވެހިވެފައިވާ ރަށް ދޫކޮށް، ކަމަދޫގައި ރަޖިސްޓްރީވެފައިވާތާ 05 އަހަރު ވެފައިވާ ނަމަ  | 
 15 ޕޮއިންޓް  | 
| 
 ރ  | 
 ރަށުގެ ރަށްވެއްސަކަށްވެ ރަށުން ބޭރުގައި ދިރިއުޅޭ ނަމަ  | 
 05 ޕޮއިންޓް  | 
އެނެކްސް – 2
| 
 ހ  | 
 ގޯއްޗަށް އެދިފައިވާ ފަރާތުގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި، ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދުނު ފަރާތް ކަމުގައިވާ ނަމަ، 10 ޕޮއިންޓް އުނިކުރެވޭނެއެވެ، އަދި މިބައިގައި އެއްމެދު ގޯއްޗެއް ނުހިމެނޭނެއެވެ.  | 
 
 10 ޕޮއިންޓް  | 
| 
 ށ  | 
 ގޯއްޗަށް އެދިފައިވާ ފަރާތުގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެފައި، ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދުނު ފަރާތް ކަމުގައިވާ ނަމަ، 10 ޕޮއިންޓް އުނިކުރެވޭނެއެވެ، އަދި މިބައިގައި އެއްމެދު ގޯއްޗެއް ނުހިމެނޭނެއެވެ.  | 
 
 10 ޕޮއިންޓް  | 
| 
 ނ  | 
 ގޯއްޗަށް އެދިފައިވާ ފަރާތުގެ މަންމަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު 01 ގޯއްޗަށްވުރެ ގިނަ ގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް 05 ޕޮއިންޓް ކެނޑޭނެއެވެ. (އެންމެ ގޯއްޗެއް އޮތްނަމަ ޕޮއިންޓެއް ނުކެނޑޭނެއެވެ) އަދި މިބައިގައި އެއްމެދު ގޯއްޗެއް ނުހިމެނޭނެއެވެ.  | 
 
 05 ޕޮއިންޓް  | 
| 
 
 ރ  | 
 ގޯއްޗަށް އެދިފައިވާ ފަރާތުގެ ބައްޕަގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު 01 ގޯއްޗަށްވުރެ ގިނަ ގޯތި އޮތްނަމަ އިތުރުވާ ކޮންމެ ގޯއްޗަކަށް 05 ޕޮއިންޓް ކެނޑޭނެއެވެ. (އެންމެ ގޯއްޗެއް އޮތްނަމަ ޕޮއިންޓެއް ނުކެނޑޭނެއެވެ) އަދި މިބައިގައި އެއްމެދު ގޯއްޗެއް ނުހިމެނޭނެއެވެ.  | 
 
 05 ޕޮއިންޓް  | 
| 
 ބ  | 
 ގޯއްޗަށް އެދިފައިވާ ފަރާތުގެ މަންމަގެ ނަމުގައި ގޯއްޗެއް އަދި ބައްޕަގެ ނަމުގައިވެސް ގޯއްޗެއް (600 އަކަފޫޓަށްވުރެ ބޮޑު) ވަކިވަކިން ރަޖިސްޓްރީ ކޮށްފައިވާ ނަމަ 05 ޕޮއިންޓް ކެނޑޭނެއެވެ. ނަމަވެސް އެއިން އެއްވެސް ގޯއްޗަކުން އެދިފައިވާ ފަރާތުގެ ބައްޕަ އަދި މަންމަ ގޯތިންވެސް ބަހައިގެން 600 އަކަ ފޫޓަށްވުރެ ކުޑަ ތަންކޮޅެއް ލިބެންޏާ ޕޮއިންޓެއް ނުކެނޑޭނެއެވެ.  | 
 
 05 ޕޮއިންޓް  | 
| 
 (ޅ)  | 
 ގޯއްޗަށް އެދިފައިވާ ފަރާތުގެ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްގެ ނަމުގައި ސަރުކާރުން ދޫކުރާ ފްލެޓެއް ނުވަތަ ރޯ ހައުސްއެއް ރަޖިސްޓްރީ ކުރެވިފައިވާނަމަ (600 އަކަފޫޓަށްވުރެ ބޮޑު) 05 ޕޮއިންޓް ކެނޑޭނެއެވެ.  | 
 
 05 ޕޮއިންޓް  | 
| 
 (ކ)  | 
 ގޯއްޗަށް އެދިފައިވާ ފަރާތުގެ މަންމަ އާއި ބައްޕަ އަށް ރަޖިސްޓްރީކޮށްފައިވާ އެއްމެދު ގޯއްޗެއް އޮވެ އެ ގޯތި ދެބަޔަށް ބަހައިގެން އެއިން މަންމަ އަށް އަދި ބައްޕަ އަށްވެސް 600 އަކަފޫޓް ގެ ބައެއް ލިބޭކަމަށް ވަންޏާ ގޯތި ނުލިބިހުރީ ހަމައެކަނި ގޯއްޗަށް އެދުނު ފަރާތް ކަމުގައިވާ ނަމަ 10 ޕޮއިންޓް އުނިކުރެވޭނެއެވެ  | 
 
 
 10 ޕޮއިންޓް  | 
އެނެކްސް – 3
1- ގޯއްޗައް އެދޭފަރާތުގެ މައިންބަފައިންގެ ތަރިކައިން އެއްވެސް ބިމެއް ލިބެންއޮތްނަމަ ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ ޤަވަޢިދާއި އެއްގޮތްވާ ގޮތުގެމަތީން އެފަދަ ބިމެއް ދޫކޮށްލާނެކަމަށް ގޯއްޗައްއެދޭ ފަރާތުން އިޤްރާރުވެ ފުރިހަމަކޮށްފައިވާ ލިޔުމުގެ އަޞްލު ހުށަހަޅަންވާނެއެވެ.
އިތުރު ތަފްޞީލް
- ނަންބަރު 01 ގައިވާ ކައިވެނި ރޫޅިފައިވާކަމަށް ބަލާނީ، ގޯތި ދޫކުރުމަށް އިޢްލާންކުރި ތާރީޚާއި ހަމައަށެވެ. އަދި އަނބި ފިރި މަރުވެ ހުވަފަތްވުމުގެ ޙާލަތު ބަލާނީ، ފޯމު ހުށަހަޅާ ތާރީޚާއި ހަމައަށެވެ. (މިބަޔަށް މާރކްސް ދޭއިރު މަންމަ ދަރިން ބަލަމުގެންދާ ނަމަވެސް ކުދިންގެ ބައްޕަ ކުދިންނަށް ޚަރަދު ކުރަމުންގެންދާކަމުގެ ޝަރުއީ ލިޔުން، ކުދިންގެ ބައްޕަ ގޯއްޗަށްއެދި ހުށަހަޅާ ފޯމާއެކު ހުށަހަޅައިފިނަމަ މިބައިން އެދެފަރާތަށްވެސް މާރކްސް ލިބޭނެއެވެ. އަދި ކައިވެނީގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ ވަރި/ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.
 - ނަންބަރު 02 ގައިވާ ޢުމުރުގެ ބައި ބަލާނީ، ގޯތި ދޫކުރުމަށްކުރި އިޢްލާންގެ މުއްދަތު ހަމަވާ ތާރީޚާއި ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ، ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ، އެފަރާތުގެ އައި.ޑީ. ކާޑަށް ބަލައިގެންނެވެ.
 - ނަންބަރު 03 ގެ (ށ) ގައިވާ ކުދިންގެ އަދަދަށް މާރކްސް ދިނުމުގައި 04 ކުދިންނަށްވުރެ ގިނަ ކުދިން ތިބި ނަމަވެސް މިބަޔަށް ދެވޭނީ ޖުމްލަ 20 ޕޮއިންޓެވެ. އަދި މިބަޔަށް ޕޮއިންޓް ދޭއިރު، މަންމަ ދަރިން ބަލަމުންގެންދާ ނަމަވެސް ކުދިންގެ ބައްޕަ ކުދިންނަށް ޚަރަދު ކުރަމުންގެންދާކަމުގެ ޝަރުއީ ލިޔުން ކުދިންގެ ބައްޕަ ގޯއްޗަށްއެދި ހުށަހަޅާފޯމާއެކު ހުށަހަޅައިފިނަމަ، މިބައިން އެދެފަރާތަށްވެސް މާރކްސް ދެވޭނެއެވެ. ކުދިންނަށް ޚަރަދުކޮށް ކުދިން ބަލަމުންގެންދަނީ މަންމަ/ ބައްޕަ ނުވަތަ އެދެމީހުންގެ ފަރާތުން ބަލަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއްނަމަ، މިބައިން އެއިން އެއްވެސް ފަރާތަކަށް މާރކްސްއެއް ނުލިބޭނެއެވެ. މިބައިން މާރކްސް ދެވޭނީ ގޯއްޗަށްއެދި ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މާރކްސް ދެވޭނީ އެކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް އަދި އެކުދިންނަކީ ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ފަރާތްތަކުގެ ދަފްތަރުގައި ލިސްޓް ކުރެވިފައިވާ ކުއްޖަކު ކަމުގައިވާނަމައެވެ. ދަފްތަރުގައި ރަޖިސްޓްރީވެފައިވާކަމަށް ބަލާނީ ގޯތި ދޫކުރުމަށް އިޢްލާންކުރި ތާރީޚާއި ހަމައަށެވެ.
 - ނަންބަރު 04 ގައިވާ މައިން ބަފައިންގެ ބަޔަށް މާރކްސް ލިބޭނީ، މަންމަ ނުވަތަ ބައްޕައަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލަ ޙާލަތަށް ނޫޅެވޭ ފަދަ މީހަކަށްވެފައި އެދެމީހުންގެ ނުވަތަ އެދެމީހުންކުރެ މީހެއްގެ ގޯއްޗެއްނެތި، އެއިން މީހަކު ގޯއްޗަށްއެދޭ މީހާގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ބަލަމުންގެންދާ ނަމައެވެ. އަދި މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާ ނަމައެވެ.
 - ޝަރުޢީގޮތުން ބަލަންޖެހޭ މީހަކު ބަލަމުންގެންދާކަމަށް ބެލެވޭނީ، އެމީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއްކޮށް ނޫޅެވޭފަދަ މީހަކަށްވެފައި، އެމީހެއްގެ ގޯއްޗެއްނެތި ގޯއްޗަށްއެދޭ މީހާގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީގޮތުން ބަލަންޖެހޭ މީހެއް ބަލަމުންގެންދާ ނަމަ، މާރކްސް ލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުއީ ލިޔުމެއް ގޯއްޗެއްއެދި ހުށަހަޅާ ފަރާތުން ހުށަހެޅުމުންނެވެ.
 - ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ މައުލޫމާތުތަކަށް އައިސްފައިވާ އުނި އިތުރު ބަލާނީ، ގޯއްޗަށްއެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚާއި ހަމައަށެވެ. އަދި ފޯމު ހުށަހަޅާފަހުން އިޢްލާނުގައިވާ މުއްދަތު ހަމަވުމުގެކުރިން ކުއްޖަކު އުފަންވެ ނުވަތަ ނިޔާވުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، މާރކްސް ދިނުމުގައި ކޮމިޓީން އެކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.
 - ނަންބަރު 5 ގެ (ރ) ގައިވާ ބަޔަށް މާރކްސް ދެވޭނީ ގޯއްޗަށްއެދި ހުށަހަޅާފައިވާ ފަރާތްތަކުން ރަށުންބޭރުގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމެއް އެފަރާތްތަކުން ހުށަހަޅާފައިވާނަމައެވެ. އަދި ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް ރަށުން ބޭރުގައި ދިރިއުޅޭމުންދަނީ، ތަޢްލީމް ޙާޞިލް ކުރުމަށް ނުވަތަ ބޭސްފަރުވާގެ ބޭނުމަކަށް ނުވަތަ ވަޒީފާ އަދާކުރުމަށް 06 (ހައެއް) މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމުގައިވާ ނަމަ، އެކަން ސާބިތު ކުރުމަށް ބޭސްފަރުވާކުރާ ކަމުގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢްލީމް ޙާޞިލް ކުރަމުންގެދާކަމުގެ ލިޔުން ނުވަތަ ވަޒީފާ އަދާކުރާކަމުގެ ލިޔުމުގެ ކޮޕީ ހުށަހަޅާފައިވާ ނަމައެވެ. 06 (ހައެއް) މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އެއީ ރަށުން ބޭރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
 
ގޯތި ލިބޭ ގޮތް:
- ގޯތި ލިބެންޖެހޭ މީހުން ހޮވާނީ، ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. މިގޮތުން މިބުރުގައި ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއްމިންވަރަކަށް މާރކްސް ލިބިފައިވާ ފަރާތްތައް 01 އަށްވުރެ ގިނަ އެގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ޤުރުއަތު ލައިގެންނެވެ.
 - މާރކްސްލިބޭ މިންވަރަށް ބަލައި، އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިއަކު ހޮވިއްޖެނަމަ ގޯތި ދޫކުރެވޭނީ އޭގެތެރެއިން އެންމެ މަތިން މާރކްސްލިބޭ ފަރާތަކަށެވެ. މާރކްސްގެގޮތުން ދެމަފިރިން އެއްވަރުވެއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ ދެމަފިރިންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ދެމަފިރިންގެ މެދުގައި ވާހަކަ ދައްކައިގެން ގޮތެއް ނުނިމިއްޖެނަމަ ދެމަފިރިންނަށްލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. މިގޮތަށްވެސް ދެމަފިރިންނަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ، ގޯތި ދިނުމުގެ ކަންކަން ވިލަރެސް ކުރުމަށް އެކުލަވާލެވޭ ކޮމިޓީގެ ޙާޟިރުގައި އެދެމަފިރިންގެ މެދުގައި ޤުރުއަތު ނަގައިގެންނެވެ.
 
މަތީގައިވާ ގޮތަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 18 ވަނަ ޖަލްސާ އިން މި އުޞޫލް ފާސްކޮށްފީމެވެ.
| 
 ނަން  | 
 މަޤާމް  | 
 ސޮއި  | 
| 
 ޙަސަން ޒަރީރު  | 
 ކައުންސިލްގެ ރައީސް  | 
 
  | 
| 
 ޙަސަން މުފީދު  | 
 ކައުންސިލްގެނައިބް ރައީސް  | 
 
  | 
| 
 މުޙައްމަދު ޝަރީފް  | 
 ކައުންސިލް މެމްބަރ  | 
 
  | 
| 
 ފާޠިމަތު ޝަޒްނާ  | 
 ކައުންސިލް މެމްބަރ  | 
 
  | 
| 
 މަރްޔަމް ނަފްހަތު  | 
 ކައުންސިލް މެމްބަރ  | 
 
  | 
22 ސެޕްޓެމްބަރ 2021