ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު (ޤާނޫނު ނަމްބަރ: 93/4) ގެ ދަށުން ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި މިކިޅިތައް ވަށައިގެންވާ ޗަސްބިން ސަރަހައްދުތަކަކީ ޙިމާޔަތްކޮށްފައިވާ ތަންތަނެވެ. އަދި އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ހަދާފައިވާ ފުވައްމުލަކު ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު (ގަވާއިދު ނަމްބަރ: 2018/R-106) އާއި ޚިލާފަށް މިދަންނަވާ ކަންކަން ދަނޑުވެރިން ކުރަމުންދާކަން ވަނީ ފާހަނގަކުރެވިފައެވެ.
- ހުއްދަ ނުހޯދާ ބައެއް ފަރާތްތަކުން އައު ދަނޑުތައް ހެދުން
- ބައެއް ދަނޑުވެރިން ހުއްދަ ނުހޯދާ ދަނޑުތައް ބޮޑުކުރުން
- ބައެއް ދަނޑުވެރިން ގަވާއިދާއި ޚިލާފަށް ދަނޑުތަކުގައި އަލިފާން ރޯކުރުން
- ބައެއް ދަނޑުވެރިން ހުއްދަ ނުހޯދާ ވިނަ އާއި ބޮޑެތި ގަސްގަހާގެހި، ކޮށައި/ކަނޑައި/އަންދާ ނުވަތަ އެހެންވެސް ގޮތްގޮތަށް، މެރުން
- ހުއްދަ ހޯދުމަކާއި ނުލައި ގިނަ އަދަދަކަށް ކުނިއަޅައިގެން ޗަސްބިން ސަރަހައްދު ބެރުން
- އަލަ އޮޅު ބަރައިގެން ރުއް، ދޮންކެޔޮ ފަދަ އެހެނިހެން ގަސްތައް އިންދުން
މިއަދުން ފެށިގެން ފުވައްމުލަކުގައި ޙިމާޔަތްކޮށްފައިވާ ޗަސްބިން ސަރަހައްދުގައި ހުއްދަ ނުހޯދާ ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ގަސްގަހާގެހި ކޮށައި/ކަނޑައި/އަންދާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅަމުންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި ކުރިން ގެންގުޅެފައިވާ އަލައޮޅުތަކާއި މިހާރު ގެންގުޅެމުންދާ އަލަ އޮޅުތައް ބަރައިގެން އެހެން ޒާތެއްގެ އެއްވެސް ގަހެއް ނުޖެހުމަށް އަންގަމެވެ. އެފަދައިން ޖަހާފައިވާ ގަސްތަކާއި، ފުވައްމުލަކުގައި ޙިމާޔަތްކޮށްފައިވާ ޗަސްބިންތަކުގެ ތެރޭގައި ހުއްދަ ނުހޯދާ ހައްދާފައިވާ ގަސްގަހާގެއްސާއި އަދި އަޅާފައިވާ ކުނިބުނި 18 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ކުރިން ނެގުމަށް ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި އެތާރީޚްގެ ފަހުން، އިތުރު އެއްވެސް އެންގުމަކާއި ނުލައި އެފަދަ ގަހާއި ކުނި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ފަރާތުން ނަގަމުންދާނެ ވާހަކަ ދަންނަވަމެވެ.
ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި އަދި މިކިޅިތައް ވަށައިގެންވާ ޗަސްބިން ސަރަހައްދުގައި މިބާވަތުގެ އެއްވެސްކަމެއް ކުރާނަމަ، ފުވައްމުލަކު ނޭޗަރ ޕާރކު އޮފީހުގެ ފޯން 7590059 އަށް ރަސްމީ ގަޑީގައި ގުޅައިގެން ކުރިއަށްގެންދިއުމަށް ދަންނަވަމެވެ.
29 މުޙައްރަމް 1443
06 ސެޕްޓެމްބަރ 2021