މަސައްކަތް
ނަންބަރު: (IUL)450-CA/450/2021/11
ޕަބްލިޝްކުރި ތާރީޚް: 23 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 06 ސެޕްޓެންބަރު 2021 11:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގާނޫނު އިސްލާހުކުރުމަށް ކޮންސަލްޓަންޓަކު ހޯދުން

ގާނޫނު ނަންބަރު: 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) މުރާޖައާ ކުރުމަށް ކޮންސަލްޓަންޓަކު ހޯދުމާ ގުޅޭ

ތަޢާރަފު

 

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ގާނޫނު ނަންބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން 2012 ވަނަ އަހަރު އުފައްދާފައިވާ މުއައްސަސާއެކެވެ. މިއޮތޯރިޓީގެ މައިގަނޑު އަމާޒަކީ ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމެވެ. އަދި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހިދުމަތްތައް ފޯރުކޮށްދޭ ފަރާއްތަކުން، ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިދުމަތް ދެމުންގެންދާތޯ ކަށަވަރު ކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިސްލާހުވުމަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

މި އޮތޯރިޓީގެ ތަސައްވަރަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާރުކުރުމެއްނެތި، ހަމަހަމަކަމާއެކު ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުމެވެ.

މިގޮތުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް 9 އަހަރު ވެފައިވާއިރު، ގެވެށި އަނިޔާގެ އަމަލުތަކަށް އެންމު ފުރިހަމަ ގޮތުގައި އިޖާބަދިނުމަށްޓަކައި، ގާނޫނަށް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާތީވެ، މި ގާނޫނު މުރާޖައާ ކުރުމަށްޓަކައި ކޮންސަލްޓަންޓަކު ހޯދުމަށް އިއުލާންކުރަމެވެ.

 

ކޮންސަލްޓަންސީގެ މަޤްޞަދު

މި މަސައްކަތަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަސްދީގުކޮށް އެގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާތާ 9 އަހަރު ވެފައިވުމާއި، މި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާދަތިތައް ދަނެގަނެ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާތީ، މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދަނެގަތުމާއި ފުރިހަމަ ގޮތުގައި ގާނޫނު ހިންގުމަށްޓަކައި ކުރެވޭނެ ކަންކަން ދަނެގަނެ ގާނޫނު މުރާޖައާ ކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.

މި މަސައްކަތުގެ މަގްސަދަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ފުށުއަރާ ނުވަތަ އެއްގޮތް އެހެނިހެން ގާނޫނުތައް ދެނެގަނެ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމެވެ.

 

އިއުލާނުގެ ތައާވަލު

މިމަސައްކަތް ކުރިއަށް ގެންދިއުމުގައި އަމަލުކުރާނީ ތިރީގައިވާ ތާރީހުތަކަށެވެ. ނަމަވެސް، ދިމާވާ އެކި ހާލަތްތަކާއި ގުޅިގެން މިތާރީހުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ހަރަކާތް

ތާރީހް

ގަޑި

ތަން

މައުލޫމާތު ސެޝަން

31 އޮގަސްޓް 2021

11:00

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ،ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ

ޕްރޮޕޯސަލް ހުށަހެޅުން

06 ސެޕްޓެމްބަރ 2021

11:00

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ،ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ

 

ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތު

  • ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ބާޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ފުށުއަރާ ނުވަތަ އެއްގޮތް މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ގާނޫނު ތަކާއި، ގަވައިދުތައް ދަނެގަތުން.
  • ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކާއި ބައްދަލުކޮށް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމަށް ދިމާވާ ގޮންޖެހުންތައް ދަނެގަނެ، ފުރިހަމަ ގޮތުގައި ގާނޫނު ތަންފީޒުކުރުމަށް ކުރެވިދާނެކަންކަން ދަނެގަތުން.
  • މި މަސައްކަތުގެ ތެރެއިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ގާނޫނު މުރާޖައާކޮށް، ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާ ކަންކަން ހިމަނައި ރިޕޯޓެއް އެކުލަވައިލުން.  
  • މި ރިޕޯޓު ފައިނަލް ކުރުމަށްޓަކައި ކަމާއިގުޅުން ހުރި މުއައްސަސާތަކާއި އެކު ވެލިޑޭޝަން ވާކްޝޮޕެއް ބޭއްވުން.
  • އޮތޯރިޓީގެ ކޮމެންޓުތަކާއި، ވެލިޑޭޝަން ވާކްޝޮޕްގެ ހުށަހެޅުންތަކުގެ އަލީގައި، ފައިނަލް ރިޕޯޓު އެކުލަވާލައި، އޮތޯރިޓީއާ ހިއްސާކުރުން.
  • މިމަސައްކަތުގެ ތެރޭގައި އެއްކުރާ އެންމެހައި ލިޔެކިޔުންތަކާއި، އުފައްދާ އެންމެހައި ތަކެއްޗަކީ އޮތޯރިޓީގެ ތަކެއްޗެވެ. މިގޮތުން އިންޓަވިއު ތަކުގެ ނޯޓު ތަކާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އޮތޯރިޓީއާއި ހިއްސާކުރަންވާނެއެވެ. އަދި މިމަސައްކަތް ކުރުމަށް ހޯދާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައި، އިތުރު ކަމަކަށް އެފަދަ މައުލޫމާތު ބޭނުންކޮށްގެން ނުވާނެއެވެ.

ކޮންސަލްޓަންޓަކު ހޮވުމުގައި ބަލާނެ ކަންކަން

ތަޖުރިބާ: މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން. މިބައިގައި، ގާނޫނު އެކުލަވާލުން ނުވަތަ މުރާޖައާ ކުރުމުގެ ތަޖުރިބާއާއި، އިންޓަވިއު ކުރުމާއި، ފޯކަސް ގްރޫޕް މަޝްވަރާތައް ބޭއްވުން ފަދަ ތަޖުރިބާތަކަށް ބެލޭނެއެވެ. މި ގޮތުން ކުރިމަތިލާ ފާރާތުގެ މަސައްކަތު ތަޖުރިބާގެ ލިޔުންތައް ހުށަހަޅަންވާނެއެވެ.

ޓީމަކުން ހުށަހަޅާނަމަ، ޓީމްގެ މެންބަރުންގެ މެދުގައި މިފަދަ ތަޖުރިބާތައް ހުރި މިންވަރަށް ބަލައި މާކްސް ދެވޭނެއެވެ.

25%

ތައުލީމު: މިފަދަ މަސައްތަކެއް ކުރުމުގެ ތައުލީމީ ގާބިލުކަން ހާމަކޮށްދޭން ވާނެއެވެ. މިގޮތުން ޤާނޫނީ ދާއިރާ ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާ އަކުން މާސްޓާސް ޑިގުރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. މި ގޮތުން ކުރިމަތިލާ ފާރާތުގެ ތައުލީމީ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.

ޓީމަކުން ހުށަހަޅާނަމަ، ވަކިވަކި މެންބަރުންގެ ތައުލީމު އެނގޭނެހެން ހުށަހަޅަންވާނެއެވެ.

20%

ޕްރޮޕޯސަލް. ޕްރޮޕޯސަލްގައި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ، އަދި ވާކް ޕްލޭން ހިމަނަން ވާނެއެވެ. މި ގޮތުން މި ބަޔަށް މާކްސް ދިނުމުގައި ބަލާނީ ކޮންސަލްޓަންޓް ކުރަންޖެހޭ މަސައްކަތްތައް އޮތޯރިޓީއިން ބޭނުންވާ ފެންވަރަށް، އޮތޯރިޓީއިން ހުށަހަޅާފައިވާ މުއްދަތުގައި ނިންމުމަށް ޕްރޮޕޯޒަލްގައި ހުށަހަޅާ މެތަޖޮލޮޖީގެ މައްޗަށެވެ.

35%

އަގު: މި ބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހެޅި އަގު ގެއްލައިގެންނެވެ.

20%

 

މަސައްކަތުގެ މުއްދަތު

މިމަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ތާރީހަކީ 20 ސެޕްޓެމްބަރ 2021 އެވެ. މިމަސައްކަތް ނިންމުމަށް ޖުމުލަ 60 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.

 

ހުށަހަޅަން ޖެހޭ ތަކެތި

ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީއިން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މައުލޫމާތު ފުރިހަމަ ކަމުގައިވަނީނަމައެވެ. ވަކިވަކި ފަރުދުން، ނުވަތަ ޓީމަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ މައުލޫމާތު

  • އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ޖީއެސްޓީ ނުވަތަ ބީ.ޕީ.ޓީ ސެޓްފިކެޓްގެކޮޕީ.
  • ޖީ.އެސް.ޓީ ދައްކަންޖެހޭ ފަރާތެއްނަމަ ޓެކްސް ކްލިއަރެންސް ފޯމް.
  • ވިޔަފާރި/ކުންފުންޏެއްނަމަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަމުގެ ސެޓްފިކެޓްގެ (އެސް.އެމް.އީ ރަޖިސްޓްރީ) ކޮޕީ.
  • މިފަދަ މަސައްކަތް ކޮށްފައިވާކަން ބަޔާންކޮށް ހެއްކާއެކީ ހުށަހަޅަންވާނެއެވެ. މިބައިގައި، ގާނޫނު އެކުލަވާލުން ނުވަތަ މުރާޖައާ ކުރުމުގެ ތަޖުރިބާއާއި، އިންޓަވިއު ކުރުމާއި، ފޯކަސް ގްރޫޕް މަޝްވަރާތައް ބޭއްވުން ފަދަ ތަޖުރިބާތަކަށް ބެލޭނެއެވެ.
  • މިފަދަ މަސައްކަތެއް ކުރުމަށް ބޭނުންވާ ތައުލީމީ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. މިގޮތުން ޤާނޫނީ ދާއިރާ ނުވަތަ ސޯޝަލް ސައިންސަސްގެ ދާއިރާ އަކުން މާސްޓާސް ޑިގުރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ހުށަހަޅާ ތައުލީމީ ސެޓްފިކެޓް ތަކަކީ، އެޓެސްޓް ކޮށްފައިވާ ސެޓްފިކެޓް ކަމުގައި ވާންވާނެއެވެ.
  • ޓީމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ، ޓީމްގައި ހިމެނޭ ވަކިވަކި މެންބަރުންގެ މައުލޫމާތު ހިމަނަން ވާނެއެވެ. އަދި ޓީމް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޮންފަރާތެއްކަން ބަޔާންކުރަން ވާނެއެވެ.

ޓެކްނިކަލް ޕްރޮޕޯސަލް

  • މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހުށަހަޅާ މެތޮޑޮލޮޖީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.
  • މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވާކް ޕްލޭނެއް، މަސައްކަތް ފަށައިގެން ގޮސް ނިމެންދެން ކުރިއަށް ދާނެގޮތުގެ ޓައިމްލައިނަކާއެކީ ޓެކްނިކަލް ޕްރޮޕޯސަލްގައި ހިމަނަން ވާނެއެވެ.

އަންދާސީ ހިސާބު

  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މިކަމަށް ބޭނުންވާނެ އަންދާސީ ހިސާބު ތިރީގައިވާ ގޮތަށް ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

ނަންބަރު

ހަރަކާތް

ތަފުސީލު

އަދަދު

ޔުނިޓު އަގު

ޖުމުލަ އަގު

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ފައިސާ ދޫކުރުން

މިމަސައްކަތް ކުރުމަށްޓަކައި އޮތޯރިޓީއިން ހަވާލު ކުރާ ފަރާތަށް ފައިސާ ދޫކުރާނީ ޑެލިވަރެބްލްސް ތަކަށް، ހުށަހަޅާ ޖުމުލަ އަދަދުގެ ޕަސެންޓު ތަކެއް އެއްބަސްވެ، އެގޮތުގެ މަތިންނެވެ.

 

ޕްރޮޕޯސަލް ހުށަހެޅުން

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ. ގަޑިއަށް ހާޒިރު ވެވަޑައި ނުގަންނަވާ ބޭފުޅުންގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭއެވެ. ޕްރޮޕޯސަލްތައް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ކަނޑައި، ހުށަހަޅާފައިވާ އަގުތައް ހިއްސާކުރެވޭނެއެވެ.

އެޑްރެސް: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ހ. މައިޒާންދޮށުގެ 2 ވަނަ ފަންގިފިލާ

ސުންގަޑި: 06 ސެޕްޓެމްބަރ 2021، 11:00

 

އިތުރު މައުލޫމާތު:

ފޯން: 3010551  އީމެއިލް: [email protected]

23 އޮގަސްޓް 2021