ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-D/30/2021/164
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2021
ޕަބްލިޝްކުރި ގަޑި: 07:54
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ގަވާއިދު ނަންބަރު: 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) ގެ ދަށުން މަސްވެރިކަން ކުރުމާއި ވިޔަފާރިކުރުން މަނާބާވަތްތަކާއި ގުޅޭ.

ގަވާއިދު ނަންބަރު: 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު) ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހިފުމާއި، ނެގުމާއި، މެރުމާއި، ބޭނުން ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި އެބާވަތްތަކުން އުފައްދާފައިވާ ތަކެތި ވިޔަފާރީގެ އުސޫލުން ވިއްކަމުން ގެންދިއުމާއި އަދި ވިޔަފާރި ކުރާތަންތަނުގައި ޑިސްޕްލޭކޮށްފައި ބަހައްޓާފައި ހުންނަކަން މިމިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ. މަސްވެރިކަމުގެ އާންމު ގަވާއިދުގެ ޖަދުވަލު 2 ގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކާއި، އެކްސްޕޯޓު އިމްޕޯޓުކުރުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމަނާފައިވާ ބާވަތްތަކާއި އެ ބާވަތްތަކުގެ ބައިތަކުން ހަދައިފައިވާ ތަކެތިން ވިޔަފާރި ކުރުމާއި، ވިޔަފާރިކުރާ ތަނެއްގައި ނުވަތަ އާންމު ތަނެއްގައި ޑިސްޕްލޭކޮށްފައި ބެހެއްޓުމަކީ [ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދު]ގެ 17 ވަނަ މާއްދާގެ ދަށުން (ބ)ގެ ދަށުން، 1 ޖަނަވަރީ 2020 އިން ފެށިގެން މަނާކަމެކެވެ. އެހެންނަމަވެސް، މިގޮތުން މަނާކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މިޔަރާއި މިޔަރުގެ ބާވަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތަކާއި، މުރަކަ އާއި މުރަކަ ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތައް މަދުންނަމަވެސް ފިހާރަތަކުގައި ވިއްކުމަށްޓަކައި ޑިސްޕްލޭކޮށްފައިހުންނަކަން  މިމިނިސްޓްރީއަށް ފާހަގަކުރެވިފައެވެ. އަދި މިކަމަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުން މަނާކަމެއްކަމަށް އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ޤާނޫނު ނަންބަރު: 14/2019  (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވައިދުތަކުގައި ކަނޑައަޅައިފައިވާ ފިޔަވާޅުތަކުގެ މަޤްޞަދަކީ ޖުމްލަގޮތެއްގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ލާބަޔާއި މަންފާއަށްޓަކައި ކަނޑައެޅިފައިވާ ފިޔަވަޅުތަކެއް ކަމުގައިވާތީ، އެންމެހައި ފަރާތްތަކުން ވެސް އެ ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ހަނދާންކޮށްދެމެވެ. އަދި ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާއި މެދު މިނިސްޓްރީގެ ފަރާތުން ޤާނޫނު ނަންބަރު: 2019/14 ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ދަށުން އިދާރީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައި ދަންނަވަމެވެ.

21 އޮގަސްޓް 2021