ދެންނެވުން
ނަންބަރު: 2021/24
ޕަބްލިޝްކުރި ތާރީޚް: 20 ޖޫން 2021
ޕަބްލިޝްކުރި ގަޑި: 22:36
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021 އިޞްލާޙުކޮށް އާންމުކުރުން

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތް ކަމުގައި ބަޔާންކޮށްފައިވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާލީ ޒިންމާދާރުވެރިޔާގެ ޝަރުޠު ފުރިހަމަވުމަށް ޓަކައި މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ އިޖުރާޢަތުތައް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވޭތާ 3 މަސްދުވަހުގެ ތެރޭގައި އެ މަޤާމަށް އައްޔަންކުރެވޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭނެކަން ބަޔާންކޮށް "ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021" އިޞްލާޙުކޮށް އެ އުޞޫލުގެ ފުރަތަމަ އިޞްލާޙު މި ސަރކިއުލަރއާއެކު އާންމުކުރީމެވެ.

މި އިޞްލާޙަށް ޢަމަލުކުރަން ފެށުމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-E1/CIR/2021/21 (17 ޖޫން 2021) "ދައުލަތުގެ މާލިއްޔަތާއި ގުޅުންހުރި މަސައްކަތްތަކާއި ގުޅޭގޮތުން ދެވޭ އިމްތިހާނުތައް ދިނުމާގުޅޭ" ސަރކިއުލަރއިން މާލީ ޒިންމާދާރުވެރިން އައްޔަންކުރުމުގެ ކުރިން އެ މިނިސްޓްރީން ކަނޑައަޅާ އިމްތިހާނެއް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލުކުރުން ލާޒިމުވާކަމުގައި އަންގަވާފައިވާތީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވޭ ފަރާތްތަކުން "ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2021 (ފުރަތަމަ އިޞްލާޙު)" ގައިވާގޮތުގެ މަތިން ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެވޭ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި މި އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލުކުރަންޖެހޭނެ ކަމުގައި ދެންނެވީމެވެ. އަދި މި މުއްދަތުގައި އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލުނުކުރާ ފަރާތްތައް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 103 ވަނަ މާއްދާގެ (ރ) ގެ 4 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ވަކިކުރެވޭނެ ކަމުގައިވެސް ދެންނެވީމެވެ.

20 ޖޫން 2021